Roadha Mihaaru
ހުސެއިންގެ ހަނދާނުގައި ތައުބީނުގެ ޖަލްސާ މާދަމާ ރޭ

ހުސެއިން މުހަންމަދުގެ ހަނދާނުގައި ތައުބީނުގެ ޖަލްސާއެއް މާދަމާ ރޭ ބާއްވަނީ

16 ސެޕްޓެމްބަރ 2020

މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން މުހައްމަދު (ހުސެންބެ) ގެ ހަނދާނުގައި މާދަމާ ރޭ ތައުބީނުގެ ޖަލްސާއެއް ބާއްވަން، އޭނާ އެންމެ ފަހުން ހުންނެވި ޖުމްހޫރީ ޕާޓީން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން މުހައްމަދު (ހުސެންބެ) ގެ ހަނދާނުގައި މާދަމާ ރޭ ތައުބީނުގެ ޖަލްސާއެއް ބާއްވަން، އޭނާ އެންމެ ފަހުން ހުންނެވި ޖުމްހޫރީ ޕާޓީން ނިންމައިފި އެވެ.

އެ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު މިރޭ ވިދާޅުވީ، މި މަހުގެ ހަތަރު ވަނަ ދުވަހު އަވަހާރަވި އެ ޕާޓީގެ ކައުންސިލް މެމްބަރުގެ ހަނދާނުގައި ބާއްވާ ޖަލްސާ ރޭގަނޑު 9:00 ގައި ބާއްވާ ވީޓީވީ އަދި ޖޭޕީގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުން ލައިވްކުރާނެ ކަމަށެވެ. ތައުބީނުގެ ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

ޑީއާރުޕީން ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެން 2013 ވަނަ އަހަރު ޖޭޕީއާ ގުޅިވަޑައިގެންނެވި ހުސެއިން، 71، އަވަހާރަވީ އާލާސްކަންފުޅާ ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ޓްރީޓޮޕް ހޮސްޕިޓަލުގަ އެވެ. އޭނާ އަވަހާރަވި އިރު ތިން ބޭފުޅުން ދުނިޔޭގައި ތިއްބެވި އެވެ.

އަލީ ސޯލިހު ވިދާޅުވީ ހުސެއިން އަކީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ވެސް އެކި ކަންކަމާ މަޝްވަރާކުރައްވާއިރު، ކަން އޮންނަ ގޮތުގައި ހިފެހެއްޓެވި ބޭފުޅެއް ކަމަށެވެ. އެފަދަ އެހެން ބޭފުޅަކު ކައުންސިލްގަައި މިވަގުތު ނެތް ކަމަށް ވިދާޅުވި އެވެ.

"ހުސެންބެ ވަކިވެގެން ދިއުމަކީ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް. ތައުބީން ޖަލްސާގެ ބޭނުމަކީ ވެސް އެ ހިދުމަތްތަކުގެ އަގުވަޒަންކުރުން،" އަލީ ސޯލިހު ވިދާޅުވި އެވެ.

ހުސައިން ވަނީ ސިޔާސީ، ތައުލީމީ އަދި މީޑިއާގެ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރައްވައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ޖެހިޖެހިގެން ތިން ދައުރު ކުރައްވާފައި ވެ އެވެ. އެ ގޮތުން އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން 2005-2009 އަށް އަދި މަތިވެރި ދާއިރާގެ މެންބަރުކަން ވަނީ 2009-2019 އަށް ކުރައްވައިފަ އެވެ.

ތައުލީމީ ދާއިރާގެ ހިދުމަތް އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު (އީޑީސީ) އިން ފެއްޓެވި ހުސައިން ވަނީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ކަމާއި މިނިސްޓަރުގެ ނައިބްކަން ކުރައްވައިފަ އެވެ.