Roadha Mihaaru
ރައީސް: ކޯލިޝަންގެ ކާމިޔާބީގެ އެއް ސިއްރަކީ ހުސެއިން

ރައީސް: ކޯލިޝަންގެ ކާމިޔާބީގެ އެއް ސިއްރަކީ ހުސެއިން

04 ސެޕްޓެމްބަރ 2020

މިދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ޖުމްހޫރީ ޕާޓީގެ އެހީތެރިކަން ހޯއްދެވުމަށް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މަތިވެރި ދާއިރާގެ އޭރުގެ މެމްބަރު ހުސައިން މުހައްމަދުގެ ގެއަށް ގިނިކަންޏާ ވަޑައިގެން ބައްދަލުކުރެއްވީ ޚާއްސަ ސަބަބެއް އޮވެގެންނެވެ. އޭރުގެ ސިޔާސީ މަސްރަހު އޮތް ގޮތުން، ޖުމްހޫރީ ޕާޓީ، އެމްޑީޕީގެ ކޯލިޝަންގެ ތެރެއަށް ވެއްދުމަކީ އުނދަގޫ ކަމަކަށް ވިޔަސް އެކަމަށް ހުސައިން އަލި މަގެއް ދައްކަވާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އޭރުގެ ރިޔާސީ ކެންޑިޑޭޓަށް އޮތުމުންނެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

އެހެންވެ، ރައީސް ގެންދެވީ ހުސައިންއާ ވަކިން ވާހަކަފުޅު ދައްކަވަމުންނެވެ.

"މިހާރު" އާ މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކައުންސިލްގައި އޭރު ވެސް ހުންނެވި ހުސައިން އަރިހަށް އެ ދުވަހު ވަޑައިގަތުމުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށާއި ކޯލިޝަންގެ ކާމިޔާބީގެ އެއް ސިއްރަކީ ވެސް ހުސައިން ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ބޮޑަށް ޔަގީންކަން އެ ދުވަހު އޮތް ހުސައިން ކޮންމެވެސް މަގެއް ދައްކަވާނެ ކަަމަށް. އެ ދުވަހުގެ އެ މަސައްކަތް މިއަދު މި ފެންނަނީ،" ހުސައިންއާ އެކު ރައްޔިތުންގެ މަޖިލިހުގައި 15 އަހަރު މަސައްކަތްޕުޅު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށް، އުމުރުން 71 އަހަރުގައި ހުސައިން ރޭ އަވަހާރަވުމާ ގުޅިގެން ރައީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނަށް އަސަރުކުރީ ހަމައެކަނި އެކުގައި މަސައްކަތް ކުރެއްވި މެމްބަރަކަށް ވުމަކުން އެކަންޏެއް ނޫނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޓީވީ މޯލްޑިވްސްގައި ވަޒީފާ އަދާކުރެއްވިއިރު، އެމަނިކުފާނުގެ ވެރިއަކީ ހުސައިން އެވެ. އެއީ ރައީސްގެ ފުރަތަމަ ވަޒީފާ ކަމަށް ވުމުން، ހުސައިން އަށް އޮތް ގަދަރު އިންތިހާ އަށް ބޮޑެވެ. ރައީސަށް އޭރު ވެސް ހުސައިންގެ ފަރާތުން އެންމެ ބޮޑަށް ފެނިވަޑައިގަތީ މުވައްޒަފުންގެ ދިފާއުގައި އިސްވެ ނުކުންނަވާ ތަނެވެ.

އޮގަސްޓް 2018 ގައި ބޭއްވި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިން ޖަލްސާއެއްގައި ހުސައިން ވާހަކަ ދައްކަވަނީ.

އޮގަސްޓް 2018 ގައި ބޭއްވި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިން ޖަލްސާއެއްގައި ހުސައިން ވާހަކަ ދައްކަވަނީ.

"ވަރަށް ބޮޑަށް މުވައްޒަފުން ދިފާއުކުރައްވާނެ. މުވައްޒަފުންގެ ކަންތައްތަކުގައި ވެސް ކަންކަން އޮންނަ ގޮތަށް، ސީދާކޮށް ކުރިއަށް ވަޑައިގަންނަވާނީ،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ހަޔާތުގައި ދިމާވި ދަތި ވަރަށް ގިނަ ކަންތައްތަކުގައި ހެޔޮލަފާ އިރުޝާދު ދެއްވި ބޭފުޅެއް އެއީ. އެހެންވެ، ހުސައިން އަކީ ވަރަށް ގާތް ރަހުމަތްތެރިއެއް. ހެޔޮލަފާ ދެއްވާ، ސާފުކޮށް ކަންކަން ވިދާޅުވާ ބޭފުޅެއް."

ރައީސް ވިދާޅުވި ގޮތުގައި، ހުސައިންގެ ފަރާތުން އެންމެ ބޮޑަށް ފެނިވަޑައިގަތީ، އަމިއްލަ މަސްލަހަތަށް ވުރެ ބޮޑަށް އަބަދުވެސް ގައުމު އިސްކުރެއްވި ތަނެވެ. އިދިކޮޅުގައި މަސައްކަތްޕުޅު ކުރެއްވިޔަސް އެމަނިކުފާނު، ހުސައިންއާ ވަކިން މަޝްވަރާ ކުރައްވައި، ހިޔާލު ހޯއްދަވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑާއި ހުސައިންއާ އެކު ހުންނާނެ ވަރަށް ހަނދާން ނުނެތޭ ފަދަ ކަންތައްތައް. ޓީވީ މޯލްޑިވްސް އަށް ފަހު ރައްޔިތުންގެ މަޖިލިހުގައި ހުސައިންއާ ވަރަށް ގިނަ ކަންތައްތަކުގައި މަސައްކަތް ކުރެވިފައި ހުންނާނެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަކުރެވުނީ ވަރަށް ހޫނު ބަހުސްތަކުގައި ވެސް ކޯފާ އިސްނުކުރައްވާ ކަން،" ރައީސް ވިދާޅުވި އެވެ.

ހުސައިން ވަނީ ތައުލީމީ، މީޑިއާ އަދި ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވައިފަ އެވެ. އެ ގޮތުން އަރިއަތޮޅު އުތުރު ބުރީގެ މެންބަރުކަން 2005-2009 އަށް އަދި މަތިވެރި ދާއިރާގެ މެންބަރުކަން 2009-2019 އަށް ކުރެއްވި އެވެ. ރާއްޖޭގައި ސިޔާސީ ޕާޓީތައް ހަރަކާތްތެރިވާން ފެށުމާ އެކު ޑީއާރުޕީއާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވި ހުސައިން ފަހުން ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ. އަވަހާރަވި އިރު ހުންނެވީ އެ ޕާޓީގެ ކައުންސިލް މެންބަރަކަށެވެ.

ހުސައިންގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ މިރޭ 6:45 ގައި އާ ސަހަރާގެ މިސްކިތުގަ އެވެ.

އޭނާ އަވަހާރަވިއިރު، ދުނިޔޭގައި ތިއްބެވީ ތިން ފިރިހެން ބޭފުޅުންނެވެ.