Roadha Mihaaru
ޗައިނާގައި 5ޖީ އަށް އޮތް ޑިމާންޑް އިތުރުވަނީ

ޗައިނާގައި 5ޖީ ބޭނުންކުރާ އަދަދު 110 މިލިއަން ފަހަނައަޅައިފި

19 ސެޕްޓެމްބަރ 2020

ޗައިނާގައި 5ޖީ ނެޓްވޯކަށް އޮތް ޝައުގުވެރިކަން ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށް ދައްކައިފި އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ޗައިނާގައި 5ޖީ ނެޓްވޯކަށް އޮތް ޝައުގުވެރިކަން ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށް ދައްކައިފި އެވެ.

މިނިސްޓްރީ އޮފް އިންޑަސްޓްރީޒް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން އިންތިޒާމްކުރި ހަފުލާއެއްގައި އޮފިޝަލުން ހާމަކުރި ގޮތުގައި، 5ޖީ ޕެކޭޖްތައް ތައާރުފުކުރުމާ އެކު 110 މިލިއަން ފަހަނައަޅައި ވަނީ ގޮސްފަ އެވެ.

ދުނިޔޭގައި 5ޖީ ނެޓްވޯކް ބޭނުންކުރާ ގައުމުތަކަށް ބަލާއިރު، ޗައިނާ މި އޮތީ އެންމެ ކުރީގަ އެވެ. 5ޖީ ބޭނުންކުރާ އަދަދުގެ ގޮތުގައި 110 މިލިއަން ލިސްޓްކުރެވިފައި އޮތް ނަމަވެސް، އޮފިޝަލުން ބުނާ ގޮތުގައި ޚިދުމަތަށް އެދި ހުށަހަޅާފައި އަދަދު އަދި މި އަށް ވުރެ ވެސް ގިނަ އެވެ.

ޗައިނާގައި 5ޖީ ނެޓްވޯކް ގަތާލައި ފުޅާކުރުމަށްޓަކައި ކުންފުނިތައް ދަނީ އެކުގައި މަސައްކަތްކުރަމުންނެވެ. މިއީ ބެލެވޭ ގޮތުގައި ގައުމީ މަސައްކަތެއް ގޮތުގައި ކުރެވޭ ކަމެކެވެ.

5ޖީ ނެޓްވޯކް އަދި ގުޅުން ހުރި ޓެކްނޮލޮޖީ އަށް ބަލާއިރު ޗައިނާ އޮތީ އެހެން އެއްވެސް ގައުމަކަށް ވާދަކުރެވޭ ވަރަށް ވުރެ ވެސް ކުރީގަ އެވެ. ޗައިނާ ސަރުކާރުން ވެސް ދަނީ މި ނިސްބަތް ދެމެހެއްޓުމަށްޓަކައި ކުންފުނިތަކަށް ބާރުއަޅަމުންނެވެ.

ޗައިނާގައި ފާއިތުވި ޖުލައި މަހު އެވްރެޖްކޮށް 15،00 "5ޖީ ބޭސް ސްޓޭޝަން"ތައް ކޮޅަށް ޖަހާފައި ވެ އެވެ. ސަރުކާރުން އެދެނީ މި އަހަރު ނިމޭއިރު 600،000 ބޭސް ސްޓޭޝަން ކޮޅަށް ޖެހުމަށެވެ. މި މަސައްކަތްތަކުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ވާވޭ އެވެ.

5ޖީ ނެޓްވޯކް ފުޅާކުރަމުން ދާއިރު ބޭނުންކުރާ މީހުން އެދޭ ފެންވަރުގެ ޑިވައިސްތައް އުފެއްދުމަށްޓަކައި ވާވޭ، ޝޯމީ އަދި އޮޕޯ ފަދަ ޗައިނާ އަށް އުފަން ސްމާޓްފޯން ކުންފުނިތަކުން ދަނީ ފެކްޓަރީތަކުގައި ބަންދުކުރުމެއް ނެތި މަސައްކަތްކުރަމުންނެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޗައިނާގައި މި އަހަރުގެ މިހާތަނަށް 93 މިލިއަނަށް ވުރެ ގިނަ 5ޖީ މޮބައިލް ފޯން ވިއްކާފައި ވެ އެވެ.