Roadha Mihaaru
ނަމްބަރު މަދުވިޔަސް ގްރީން ޒޯނަކަށް ނުދޭ: ޑރ. ޝީނާ

ނަމްބަރުތައް މަދުވިޔަސް ގްރީން ޒޯނަކަށް އަދި ނުދޭ: ޑރ. ޝީނާ

24 ސެޕްޓެމްބަރ 2020

ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދަދު މަދުވަމުން ދިޔަ ނަމަވެސް ގްރީން ޒޯނަށް ނުވަތަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށްލާ ހިސާބަށް އަދި ނުދާ ކަމަށް ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ. ޝީނާ މޫސާ މިރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދަދު މަދުވަމުން ދިޔަ ނަމަވެސް ގްރީން ޒޯނަށް ނުވަތަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށްލާ ހިސާބަށް އަދި ނުދާ ކަމަށް ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ. ޝީނާ މޫސާ މިރޭ ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝީނާ ވިދާޅުވީ، ނަމްބަރުތައް ދަށްވަމުންދާތީ އެއީ ބަލި ކޮންޓްރޯލްވީ ކަމަށް ދެކިގެން ބައެއް މީހުން ސުވާލު އުފައްދާ ކަމަށެވެ. އެކަމަކު އިންޑިކޭޓާސްތަކަށް ބަލާއިރު އަދި ގްރީން ޒޯނަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ޝީނާ ވިދާޅުވި ގޮތުގައި އެއްވެސް ކްލަސްޓާއަކާ ނުގުޅޭ ކޭސްތައް ކޮންމެވެސް ވަރަކަށް މަދުވުމުގެ މާނައަކީ ބަލި ފެތުރޭ ނިސްބަތް މަދުވުމެވެ. އެކަމަކު، އެ ސްޕީޑު ހުރީ ބޭނުންވާ ވަރުގަައި ނޫން ކަމަށާއި އެއީ ގިނަ ބަޔަކަށް ރައްކާތެރިކަމުގެ ފިޔަވަޅު މަތީގައި ރަނގަޅަށް ހިފަހައްޓާނުލެވޭތީ ކަމަށް ވިދާޅުވި އެވެ.

"ޓްރެޖެކްޓްރީ ހުރީ ތިރިވާ ގޮތަށް، އެކަމަކު އަޅުގަނޑުމެން އަދި ސޭފް ލެވެލްއަކަށް ނުދެއޭ. އަމާޒަކީ ކްލަސްޓާއަކާ ނުގުޅޭ ކޭސްތައް 20 އަށް ވުރެން ތިރީގައި ބެހެއްޓުން. އޭރަށް ބުނެލަން އެނގޭނީ ބަލި ފެތުރުން އެބަ މަޑުޖެހެއޭ،" ޑރ. ޝީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައި ހުރި ހުރި ފިޔަވަޅުތައް ފުރަތަމަ ފޭސްގައި ލުއިކުރީ ގްރީން ޒޯނަށް ނުދަނީހެވެ.

"ކުރީގެ ތަޖުރިބާ އަށް ބަލަންޏާ ގްރީން ޒޯނަށް ހަމަ އަޅާއިރަށް މެޝާސްތައް އީޒްކޮށްލައި ކޮވިޑްގެ ކުރިން އުޅުނު ގޮތަސް ހިނގައްޖިއްޔާ ވަރަށް ރިސްކު އެބައޮތް އަނެއްކާވެސް ފެތުރެން ފެށުމުގެ. އަދިވެސް ވަރަށް މުހިއްމު ދެތިން ހަފުތާއަށް ބަލައިގެން އުޅުން ގްރީން ޒޯންގައި ބަހައްޓަން،" ޝީނާ ވިދާޅުވި އެވެ.

"ބަލީގެ އިންކިއުބޭޝަން ޕީރިއަޑް ފުލް ގްރީން ޒޯންގައި ބަހައްޓައިގެން މަސައްކަތް ކޮށްލެވިއްޖިއްޔާ ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނީ. އަޅުގަނޑުމެން އަދި ސޭފެއް ނޫނޭ ދަންނަވަން މި އުޅެނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނަގާކަށެއް."

ޑރ. ޝީނާ ވިދާޅުވި ގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މަތީގައި ދުވަސްކޮޅަކު އެންމެން ވެސް ތިބެން ޖެހެ އެވެ. ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެއްކޮށް ދޫކޮށްލިޔަސް އެންމެކުރިން އުޅުނު ގޮތަކަށް ނޫޅެވޭނެ ކަމަށާއި މިހާރުގެ އާދަކާދަތައް ހިފަހައްޓާލަން އޭނާ އެދިވަޑައިގަތެވެ.

ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 9.900 އިން މަތީގަ އެވެ. މި ބަލީގައި ރާއްޖެ އިން 34 މީހަކު މިހާތަނަށް މަރުވެފައިވެ އެވެ.