Roadha Mihaaru
"ދޯ ވިލަން" ގެ ޝޫޓިން ފަށާނީ ޖެނުއަރީގައި

"ދޯ ވިލަން" ގެ ޝޫޓިން ފަށާނީ ޖެނުއަރީގައި

26 ސެޕްޓެމްބަރ 2020

ޑައިރެކްޓަރު މޯހިތު ސޫރީ މީގެ ހަ އަހަރު ކުރިން ގެނެސްދިން ކާމިޔާބު ފިލްމު "އޭކް ވިލަން" ގެ ސީކްއެލް "ދޯ ވިލަން" ޝޫޓިން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފަށަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑައިރެކްޓަރު މޯހިތު ސޫރީ މީގެ ހަ އަހަރު ކުރިން ގެނެސްދިން ކާމިޔާބު ފިލްމު "އޭކް ވިލަން" ގެ ސީކްއެލް "ދޯ ވިލަން" ޝޫޓިން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފަށަން ނިންމައިފި އެވެ.

ފެބްރުއަރީގައި "މަލަންގް" ގެ ގެނެސްދިން ޑައިރެކްޓަރު މިކަން ކަށަވަރުކޮށް ދެމުން މުމްބާއީ މިރާ އަށް ބުނީ އަންނަ އަހަރަށް ފިލްމުގެ މަސައްކަތްތައް ފަސްކުރަން ޖެހުނީ ކޮވިޑް-19އާ ހެދި ކަމަށެވެ. މޯހިތު ބުނިގޮތުގައި އޭނާ އާއި ޓީމް މިހާރު އަންނަނީ ޖެނުއަރީގެ ތެރޭގައި ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުންނެވެ.

އެކްތާ ކަޕޫރާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ހަދާ "ދޯ ވިލަން" އިއުލާންކުރީ ކުރިން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު ސިނަމާތަކަށް ގެންނަ ގޮތަށެވެ. ނަމަވެސް ކޮވިޑް ބަލިމަޑުކަމާ ހެދި މި އަހަރުގެ ތެރޭގައި އޭގެ މަސައްކަތްކުރެވޭ ގޮތް ނުވީ އެވެ. އެހެންވެ "ދޯ ވިލަން" ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ މެދުތެރޭގަ އެވެ.

"އާޝިގީ 2" އާއި "ޒެހެރު" އަދި "ހަމާރީ އަދޫރީ ކަހާނީ" ފަދަ ފިލްމުތައް ގެނެސްދިން މޯހިތު ބުނީ "ދޯ ވިލަން" ގެ ޝޫޓިން ޖެނުއަރީ އަށް ތާވަލުކުރީ ފަށާ ގޮތަށް އެއްވާނެއްގައި މަސައްކަތް ކުރިއަށް ގެންގޮސް ނިންމައިލާ ގޮތަށް ކަމަށެވެ. އޭނާ ބުނި ގޮތުގައި މި ފަހަރު ފިލްމުގައި ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ވެސް ހިމެނޭނެ އެވެ.

"އެހެންވެ އެއީ ވެސް ފިލްމުގެ ޝޫޓިން އަންނަ އަހަރަށް ފަސްކުރި އެއް ސަބަބު. ތަރިން ފުދޭވަރެއްގެ ޓްރޭނިންތަކެއް ހަދާނެ ޝޫޓިން ފެށުމުގެ ކުރިން. ޔަގީންކަންދޭން ބޭނުންވަނީ އޭކް ވިލަން އަށް ވުރެ ހުރިހާ ގޮތަކުން ވެސް ވަރުގަދަ ފިލްމަކަށް ދޯ ވިލަންވާނެކަން،" މޯހިތު ބުންޏެވެ. "އަދި މި ފިލްމުގެ މަސައްކަތުގެ ތެރޭގައި އަހަރެމެން ވަރަށް ބޮޑަށް ޓެކްނޮލޮޖީ ވެސް ބޭނުން ކުރާނަން. އޭގެ ސަބަބުން ފިލްމު ޝޫޓްކުރަން ނަގާ މުއްދަތު ވެސް ކުރުވާނެ."

"އޭކް ވިލަން" ގެ ސީކްއަލް ގެނެސްދޭން ނިންމާފައި ވަނީ ކުރީ ފިލްމުގެ މައިގަނޑު އެއްވެސް ކާސްޓަކާ ނުލަ އެވެ. އެގޮތުން މި ފަހަރު މި ފިލްމުގެ ތަރިންނަކީ ޖޯން އަބްރަހަމާއި ޑިޝާ ޕަޓާނީ އާއި އަރުޖުން ކަޕޫރްގެ އިތުރުން ތާރާ ސުތާރިއާ އެވެ. އަރުޖުން އަށް ފިލްމުން ފުރުސަތު ލިބުނީ އަދިތިޔާ ރޯއި ކަޕޫރް "ދޯ ވިލަން" އަމިއްލަ ސަބަބުތަކާ ހުރެ ދޫކޮށްލުމުންނެވެ. އަރުޖުން ކުރިން ވަނީ މޯހިތު 2017 ގައި ގެނެސްދިން "ހާފް ގާލްފްރެންޑް" ގެ ބަތަލުގެ ރޯލް ވެސް ކުޅެފަ އެވެ.

އަދިތިޔާ އާއި ޑިޝާ އަކީ "މަލަންގް" ގެ ލީޑް ތަރިންނެވެ. އެ ފިލްމުގެ ސީކްއަލް ވެސް ހަދަން މޯހިތު ވަނީ ނިންމައިފަ އެވެ.

"އޭކް ވިލަން" ގެ ތަރިންނަކީ ސިދާތު މަލްއުތުރާ އާއި ޝްރަދާ ކަޕޫރްގެ އިތުރުން ރިތޭޝް ދޭޝްމުކެވެ.