Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

17 ޑިސެމްބަރ 2021

މިދިޔަ މަހު ރިލީޒްކުރި "ސަތިއަމޭވް ޖަޔަތޭ 2" އަށް ފަހު ބެލުންތެރިންނަށް ގެނެސްދޭ ޖޯން އަބްރަހަމްގެ އާ ފިލްމު "އެޓޭކް" ޓީޒާއެއް ޓްރެއިލާއެއް ދައްކާލައި، ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހު ރިލީޒްކުރި "ސަތިއަމޭވް ޖަޔަތޭ 2" އަށް ފަހު ބެލުންތެރިންނަށް ގެނެސްދޭ ޖޯން އަބްރަހަމްގެ އާ ފިލްމު "އެޓޭކް" ޓީޒާއެއް ޓްރެއިލާއެއް ދައްކާލައި، ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.

އަންނަ މަހުގެ 28 ގައި ގެނެސްދޭ މި ފިލްމަކީ ވަރުގަދަ އެކްޝަން ފިލްމަކަށް ވާނެ އެވެ. ލަކްޝް ރާޖް އާނަންދު ޑައިރެކްޓްކޮށްގައިވާ "އެޓޭކް" ގެ ބަތަލާއިންނަކީ ޖެކްލިން ފެނަންޑޭޒާއި ރަކުލް ޕްރީތު ސިންގް އެވެ.

ޖޯންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އޭކް ވިލަން ރިޓާންސް" އާއި ޝާހްރުކް ޚާންގެ "ޕަތާން" ހިމެނެ އެވެ.

ވިޖޭގެ "ލައިގާ" އަންނަ އަހަރުގެ އޮގަސްޓަށް

ކުރިން މި އަހަރުގެ ސެޕްޓެމްބަރުގައި ރިލީޒްކުރާ ގޮތަށް އޮއްވައި ކޮވިޑާ ހެދި މަސައްކަތް ހުއްޓި ފަސްކުރަން ޖެހުނު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ސްޕޯޓްސް އެކްޝަން ފިލްމު "ލައިގާ" އަންނަ އަހަރުގެ އޮގަސްޓް 25 ގައި ރިލީޒްކުރަން ނިންމައިފި އެވެ.

ޕޫރީ ޖަގަންނަދު ޑައިރެކްޓްކުރާ މި ފިލްމަކީ މަޝްހޫރު ތެލެގޫ އެކްޓަރު ވިޖޭ ދެވަރަކޮންޑާ އާއި އަނަންޔާ ޕާންޑޭ ލީޑް ރޯލު ކުޅޭ އެއްޗެކެވެ. އެމެރިކާގެ ބޮކްސިން ލެޖެންޑް މައިކް ޓައިޒަން ވެސް ރޯލަކުން ފެންނާނެ "ލައިގާ" ގެ ޝޫޓިން ޝެޑިއުލްއެއް ދާދި ފަހުން ކެލިފޯނިއާގައި ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

ވިޖޭ އަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި 2018 ގެ "އަރުޖުން ރެޑީ" ގެ ބަތަލެވެ.

ޝާހްރުކްގެ ފެނިލުމެއް ވާޗްއަލްކޮށް

އޮކްޓޯބަރު މަހުގެ ތެރޭގައި ދަރިފުޅު އަރިއަން ޚާން މަސްތުވާތަކެތީގެ މައްސަލައެއްގައި ބެދުނު ފަހުން ފިލްމީ މަސައްކަތްތައް ވެސް ހުއްޓާލައި، އާންމުންގެ ތެރެއަށް ވެސް ނުކުމެ އުޅުން ހުއްޓާލި ޝާހްރުކް ޚާން ފުރަތަމަ ފަހަރަށް ވާޗްއަލް އިވެންޓެއްގައި ބައިވެރިވުމުން އާންމުންގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

ބުދަ ދުވަހު ބޭއްވި މި އިވެންޓަކީ އޭނާ އެންޑޯޒްކޮށްދޭ ބްރޭންޑެއް ކަމަށް ހިއުންޑޭ އިންޑިއާގެ އިވެންޓެކެވެ. އޭގައި ޝާހްރުކް ފެނުނީ ހަށިގަނޑު ވެސް ކުރިއަށް ވުރެ ބޮޑަށް ވަރުގަދަކޮށް ބިޔަކޮށެވެ. އޭނާގެ އެ ލުކަކީ މިދިޔަ އަހަރު ޝޫޓިން ފަށާފައި އޮތް އެކްޝަން ފިލްމު "ޕަތާން" ގެ ލުކެވެ.

އެ ފިލްމުގެ އިތުރުން ޝާހްރުކް އޮތީ "ލަޔަން" ކިޔާ ފިލްމެއްފެ ޝޫޓިން ވެސް ފަށައިފަ އެވެ.

ވިދިޔާ އާއި ޕްރަތީކްގެ ފިލްމުގެ ޝޫޓިން ނިންމާލައިފި

އޮކްޓޯބަރު މަހުގެ ތެރޭގައި ޝޫޓިން ފެށި ވިދިޔާ ބާލަން އާއި ޕްރަތީކް ގާންދީގެ ލޯބީގެ ފިލްމުގެ ޝޫޓިން ނިންމާލައިފި އެވެ.

ރަސްމީކޮށް އަދި ނަން އިއުލާން ނުކުރާ އެކަމަކު މީޑިއާތަކުން "ލަވާޒް" ގެ ނަން ކިޔާ އެ ފިލްމުގެ ޝޫޓިން ނިންމައިލީ އޫޓީގެ ޝެޑިއުލާ އެކީގަ އެވެ. މީގެ ކާސްޓްގައި ދާދި ފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރި ބަތަލާ އިލިއާނާ ޑި ކްރޫޒް އާއި ހޮލީވުޑްގައި ވެސް މަސައްކަތްކުރާ އިންޑިއާ ދަރިކޮޅުގެ އެމެރިކާގެ އެކްޓަރު ސެންދިލް ރާމަމުރްތީ ވެސް ހިމެނެ އެވެ.

ދެހާސް ސޯޅައިގެ "ނީރްޖާ" ގެ ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނޭ އަތުލް ކަސްބޭކަރް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ވިދިޔާގެ އާ ފިލްމުގެ ޑައިރެކްޓަރަކީ ޝިރްޝާ ގުހާ ތާކޫރްތާ އެވެ.