Roadha Mihaaru

މިއީ ބޮޑުތިލަދުންމަތި ބޮޑުކޮށް ތަރައްގީ ކުރުމުގެ ފެށުން: ޝާހިދު

އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު އަލަށް ފެށި ކޯގާ ބޯޓުގެ ފުރަތަމަ ދަތުރުގައި މިއަދު ހދ. ކުޅުދުއްފުއްޓަށް އައުމާ އެކު މިއީ ބޮޑުތިލަދުންމަތި ބޮޑުކޮށް ތަރައްގީ ކުރުމުގެ ފެށުން ކަމަށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސިފަކުރައްވައިފި އެވެ.

މިިއީ ބޮޑުތިލަދުންމަތީގެ ބޮޑު ތަރައްގީގެ ފެށުން: ޝާހިދު
އާމިނަތު ޝިފްލީން
އާމިނަތު ޝިފްލީން

26 ސެޕްޓެމްބަރ 2020

އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު އަލަށް ފެށި ކޯގާ ބޯޓުގެ ފުރަތަމަ ދަތުރުގައި މިއަދު ހދ. ކުޅުދުއްފުއްޓަށް އައުމާ އެކު މިއީ ބޮޑުތިލަދުންމަތި ބޮޑުކޮށް ތަރައްގީ ކުރުމުގެ ފެށުން ކަމަށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސިފަކުރައްވައިފި އެވެ.

ގާތްގަނޑަކަށް 500 ޓަނުގެ ކާގޯ ހިފައިގެން ކުޅުދުއްފުއްޓަށް ބޯޓު ބަނދަރުކުރުން ފާހަގަކުރަން އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މި ކާގޯ ބޯޓުގެ މަގްސަދަކީ ސީދާ ރާއްޖޭން ބޭރުން، ކުޅުދުއްފުއްޓަށް މުދާ ގެނެސް އުތުރުގެ އަތޮޅުތަކަށް ބަހާލުން ކަމަށެވެ. މިފަދަ ހިދުމަތެއް އުތުރުގައި ފެށުމަކީ، މާލެއަށް ބަރޯސާވެގެން ކުރަމުން ދިޔަ ކަންކަމަށް ވެސް ނިމުން ގެންނާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެން ފަހުރުވެރިވާން ޖެހޭނެ ކަމެއް. މީގެ ނަތީޖާ ކުރިއަށް އޮތް އަހަރުތަކުގައި އެތައް ގޮތަކުން ދިވެހިންނަށް ފެންނާނެ،" ޝާހިދު ވިިދާޅުވި އެވެ.

ޝާހިދު ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ

ޝާހިދު ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އުތުރު ތަރައްގީކުރުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވަނީ ވަރަށް އުފާވެރި، ބޮޑެތި މަންޒަރުތަކަކާއި ކުލަތަކެއް ކަމަށެވެ. އެގޮތުން ކާގޯ ބޯޓަށް ފަހު، ހދ. ހަނިމާދޫ އެއާޕޯޓު ބޮޑުކޮށް، ތަރައްގީކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށާނެ ކަމަށާއި މަގްސަދަކީ، ބޮޑެތި ބޯޓުތައް އައިސް އެ އެއާޕޯޓު ފުރާލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ތަރައްގީގެ މިފަދަ ކޮންމެ މަސައްކަތެއް ކުރަން ފަށާއިރަށް، "ފިތުނައިގެ ވާހަކަކޮޅެއް" ދެކެވެން ވެސް ފަށާނެ އެވެ. ނަމަވެސް އެކަމަށް ސަރުކާރުން އަޅާނުލާ ކަމަށް ވިދާޅުވި އެވެ. އަދި ރައީސްގެ ވިސްނުންފުޅަކީ، ރައްޔިތުންނަށް ފައިދާހުރި ކަންކަން ކޮށްދިނުން ކަމަށާއި ކާގޯ ބޯޓުގެ މަޝްރޫއު ކިތަންމެ ކުޑަ ގޮތަކަށް ފެށި ނަމަވެސް، މިއީ ބޮޑު ތިލަދުންމަތި ތަރައްގީކުރަން އެޅޭ ބިންގަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންޑިއާގެ ކޮޗިން އާއި ރާއްޖެ މި ގުޅުވާލެވެނީ ރާއްޖެ ލާމަރުކަޒު ކުރުމަށް. މިގޮތަށް ހުޅުވާލެވޭ ކޮންމެ ދޮރަކީ، ގުޅުވާލެވޭ ކޮންމެ ފާލަމަކީ އިގްތިސޯދަށް އަންނަ ދިރުމެއް،" ޝާހިދު ވިދާޅުވި އެވެ.

"ހަގީގީ ދިރުމަކީ އެއް ތަނެއްގައި ހުންނަ މުދާ އަނެއް ތަނަކަށް ގެންދެވުން."

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އިންޑިއާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ ކައިރި ކައިރީގައި ގައުމުތައް އޮންނައިރު، ވިޔަފާރި މުދާ އުފުލުމުގައި ތިން ވަނަ ގައުމެއް ހިއްސާ ނުކޮށް ވެސް އެކަން ކުރެވިދާނެ ކަމަށެވެ. އަދި އެއީ ހަރަދާއި މުދާ ލިބުމުގެ އަވަސް މިނަށް ބަލާއިރު ވެސް އެންމެ ފައިދާ ބޮޑު ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮޗިން އިން މިއަދު ކުޅުދުއްފުއްޓަށް އައި ކާގޯ ބޯޓު، އެ ރަށަށް ބަނދަރުކޮށްފައި-- ފޮޓޯ: ކުޅުދުއްފުށިއޮންލައިން

ކޮޗިން އިން މިއަދު ކުޅުދުއްފުއްޓަށް އައި ކާގޯ ބޯޓު، އެ ރަށަށް ބަނދަރުކޮށްފައި-- ފޮޓޯ: ކުޅުދުއްފުށިއޮންލައިން

ސުދީރު ވިދާޅުވި ގޮތުގައި އަލަށް ފެށި ކާގޯ ބޯޓުގެ ހިދުމަތުގެ ސަބަބުން ދެ ގައުމުގައި އުފައްދާ ބާވަތްތައް ވިއްކުމުގައި ދެ ގައުމަށް ވެސް އެހީ ވެވޭނެ އެވެ. އެގޮތުން ކާބޯތަކެއްޗާއި ހެދުމާއި އޯގަނިކް ޕްރޮޑަކްޓްތައް ވިއްކޭނެ ކަމަށް ވިދާޅުވި އެވެ.

ސުދީރު ވިދާޅުވީ ކުޅުދުއްފުއްޓާއި އިންޑިއާ މި ގޮތަށް ގުޅުވާލުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެކަން ކުރެވުމުން، މިފަދަ އެހެން މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ކަން ވެސް އެނގިވަޑައިގެންފި ކަމަށް ވިދާޅުވި އެވެ.

"މިއީ އިންޑިއާ އާއި ރާއްޖޭގެ ގުޅުމުގެ އާ ފެށުމެއް،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ އާއި ކޮޗިންއާ ދެމެދު ކާގޯ ދަތުރުތައް ފެށުމުގެ އެމްއޯޔޫގައި ސޮއިކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެ އަށް ކުރެއްވި ދަތުރުގަ އެވެ.