Roadha Mihaaru
އިންޑިއާ އަށް ބިންތަކެއް ދޭން އުޅޭ ވާހަކަ ދޮގުކޮށްފި

1.9 ބިލިއަން ޑޮލަރަށް އެލްއޯސީ އިތުރުކުރަން އިންޑިއާ އަށް ބިންތަކެއް ދޭން އުޅޭ ވާހަކަ ދޮގުކޮށްފި

07 ސެޕްޓެމްބަރ 2023

އިންޑިއާ އިން ނަގާފައިވާ ދަރަނިތަކަށް ލުއި ލިބޭ ގޮތަށް ހދ. ހަނިމާދު އާއި ލ. ގަމުން ބިންތަކެއް ދޭން ދިވެހި ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ބުނެ ދައުރު ކުރަމުން ދަނީ ފޭކު ސިޓީއެއް ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިންޑިއާ އިން ނަގާފައިވާ ދަރަނިތަކަށް ލުއި ލިބޭ ގޮތަށް ހދ. ހަނިމާދު އާއި ލ. ގަމުން ބިންތަކެއް ދޭން ދިވެހި ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ބުނެ ދައުރު ކުރަމުން ދަނީ ފޭކު ސިޓީއެއް ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެމްއެންޑީއެފްގެ ވަސީލަތްތައް އުތުރާއި ދެކުނުގައި ވަރުގަދަ ކުރުމަށް ދެ ގައުމުގެ މެދުގައި ކުރި މަޝްވަރާތަކަކާ ހަވާލާދީ، އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ފޮނުއްވި ކަމަށް ބުނާ އެ ސިޓީގައި ވަނީ ކުރިން އެއްބަސްވެފައިވާ "އަންމޭންޑް އޭރިއަލް ވެހިކަލް" (ޔޫއޭވީ)ގެ އިތުރުން ޖުމްލަ 11 ޔޫއޭވީ 550 މިލިއަން ޑޮލަރުގެ އިތުރު ލައިން އޮފް ކްރެޑިޓެއްގެ ދަށުން ފޯރުކޮށްދޭނެ ކަމަށެވެ. މިހާރު ވެސް އަމަލުކުރަމުންދާ ގޮތަށް، އެ އުޅަނދުތައް ވެސް އޮޕަރޭޓުކުރާނީ ގާބިލުކަން ހުރި މިންވަރުން އެމްއެންޑީއެފުން ކަމަށް ސިޓީގައި ބުންޏެވެ.

އެމްއެންޑީއެފްގެ ގާބިލުކަން އިތުރުކުރަން އިންޑިއާ އިން ވަމުންދާ އެހިތެރީކަން ފުޅާކުރުމަށްޓަކައި، ހަނިމާދު އާއި ލ. ގަމުން މަދުވެގެން 15 ހެކްޓަރުގެ ބިން 99 އަހަރަށް އިންޑިއާ ސަރުކާރަށް ދޭން އެއްބަސްވެފައިވާ ކަމަށް ސިޓީއާ ހަވާލާދީފައި ވެ އެވެ. އޭގެ ބަދަލެއްގެ ގޮތުގައި މިހާރު އިންޑިއާ އިން ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓްތައް 1.94 ބިލިއަން ޑޮލަރާ ހަމައަށް އިތުރުކޮށްދޭން އިންޑިއާ ސަރުކާރުން އެއްބަސްވާ ކަމަށް ބުނެފައި ވެ އެވެ.

އަލަށް ވާ އެއްބަސްވުމުގެ ދަށުން، އެ ސިޓީގައި ބުނެފައިވާ ގޮތުން ނަމަ ދިވެހި ސަރުކާރުގެ ސަވަރިން ޑެޓް މާފުކޮށްދޭނެ އެވެ. އޭގެ ސަބަބުން ދިވެހި ދައުލަތުގެ ދަރަނީގެ ހާލަތަށް ވަރަށް ބޮޑަށް ލުޔެއް ލިބޭނެ ކަމަށް ސިޓީގައި ބުންޏެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ، ބޭރު ގައުމެއްގެ ލިޑަރެއްގެ ނަމުގައި ސައްހަ ފޯޖު ކޮށްފައިވާ ސިޓީއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

"މިއީ ފޯޖުކޮށްފައެއް އޮތް ސިޓީއެއް. އަދި އޭގައި ލިޔެފައިވާ އޮތް އިބާރާތްތަކަކީ ވެސް ސައްހަ އެއްޗެއް ނޫން،" އެ ޓްވީޓުގައި ބުންޏެވެ.

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް އިންޑިޔާ ސަރުކާރާ "ނުރައްކާތެރި" އެއްބަސްވުމެއް ވާން އުޅޭ ކަމަށް ބުނެ، އެ ސިޓީ އާ ހަވާލާދީ އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ހޮނިހިރު ދުވަހު ރައްޔިތުން ވޯޓު ލާން ނުކުންނަ އިރު، އެ ސިޓީއަށް ފޮރިން މިނިސްޓަރު ޝާހިދު ސާފުކޮށް ޖަވާބު ދެއްވަންޖެހޭ ކަމަށެވެ.

އެއީ ފޭކު އެއްޗެއް ކަމަށް ސަރުކާރުން ބުންޏަސް، އެ ސިޓީގެ ސައްހަކަން އިދިކޮޅަށް ކަށަވަރު ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.