Roadha Mihaaru
ދިވެހިންނަށް އިންޒާރެއް: ފަރުވާކުޑަކުރެވޭނެ ކަމެއް ނޫން

ދިވެހިންނަށް އިންޒާރެއް: މިއީ ފަރުވާކުޑަކުރެވޭނެ ކަމެއް ނޫން

04 އޮކްޓޯބަރ 2020

ބިދޭސީ މަސައްކަތު މީހުންނަށް އިންތިހާ އަށް ބަރޯސާވެފައި އޮތް ރާއްޖޭގައި ފަސޭހަ އިން މަސައްކަތަށް ނެރެވިދާނެ އެތައް ހާސް ދިވެހިން އިގްތިސޯދީ ހަރަކާތްތަކުން ބޭރުގައި އެބަ ތިއްބެވެ. އަދި މީހުންގެ ގާބިލްކަމަށް ރާއްޖެ އިން ކުރާ އިންވެސްޓްމެންޓް މާ ކުޑަ އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ބިދޭސީ މަސައްކަތު މީހުންނަށް އިންތިހާ އަށް ބަރޯސާވެފައި އޮތް ރާއްޖޭގައި ފަސޭހަ އިން މަސައްކަތަށް ނެރެވިދާނެ އެތައް ހާސް ދިވެހިން އިގްތިސޯދީ ހަރަކާތްތަކުން ބޭރުގައި އެބަ ތިއްބެވެ. އަދި މީހުންގެ ގާބިލްކަމަށް ރާއްޖެ އިން ކުރާ އިންވެސްޓްމެންޓް މާ ކުޑަ އެވެ.

މިދިޔަ މަހު ނެރުނު އާ ދިރާސާއަކާއި މިދިޔަ އަހަރު ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރި ގޮތުގެ ސާވޭ (ހަޔަސް)ގެ މި ހޯދުންތަކަކީ އާއިލާތަކުގެ ފުދުންތެރިކަމަށާއި މަސައްކަތްތެރިންގެ އުފެއްދުންތެރިކަމަށް ހުރަސްއެޅިފައި ހުރި ސަބަބުތަކެކެވެ.

"ވަރަށް ދުޅަހެޔޮ، އުފެއްދުންތެރި މަސައްކަތު އާބާދީއަކާއި ވަޒީފާގެ ރަނގަޅު ފުރުސަތުތަކެއް އުފައްދަން މިހާރު މަސައްކަތް ނުފައްޓައިފިއްޔާ ކުރިމަގުގައި މައްސަލަތަކެއް ކުރިމަތިވާނެ،" ރާއްޖޭގެ މި ހާލަތާ ބެހޭ ގޮތުން ސްރީ ލަންކާގެ ތަޖުރިބާކާރެއް ކަމަށްވާ ޕްރޮފެސަރު ލަކްޝްމަން ޑިސަނަޔަކަ މިދިޔަ މަހު ވިދާޅުވި އެވެ.

އާބާދީގެ އެކި އުމުރުފުރާތަކުގައި ތައުލީމާއި ސިއްހީ ޚިދުމަތް ފަދަ ކަންކަމަށް ހިނގާ ޚަރަދާއި މަސައްކަތްކޮށްގެން ލިބޭ އާމްދަނީގެ ފަރަގު އަޅާބެލުމުގެ ދިރާސާއެއް ކަމަށްވާ ނެޝަނަލް ޓްރާންސްފާ އެކައުންޓްސް (އެންޓީއޭ) ރާއްޖޭގައި ފުރަތަމަ ފަހަރަށް ހަދައި ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި ވޭތުވެދިޔަ 10 އަހަރު މަސައްކަތުގެ އުފެއްދުންތެރިކަން (ލޭބާ ޕްރޮޑަކްޓިވިޓީ) ހުރީ ކުރިއެރުމެއް ނައިސް ހުއްޓުންއަރައިފަ އެވެ.

އެންޓީއޭ އިން އެނގޭ ގޮތުގައި އުފެއްދުންތެރިކަން އިތުރުކުރަން މީހުންނަށް ކުރަން ޖެހޭ ހިއުމަން ކެޕިޓަލް އިންވެސްޓްމެންޓް، އެހެން ގައުމުތަކާ އަޅާބަލާ އިރު، ރާއްޖޭގައި ހުރީ އެވްރެޖަށް ވުރެ ދަށުގަ އެވެ. އަދި ރާއްޖޭގެ އާމްދަނީން ބޮލަކަށް ޖެހޭ ނިސްބަތާއި ވިހާ ރޭޓަށް ބަލާ އިރު އެ އިންވެސްޓްމެންޓް މާ ކުޑަ ވެސް މެ އެވެ.

ރާއްޖޭގެ ހިއުމަން ކެޕިޓަލް އިންވެސްޓްމެންޓް އެހެން ގައުމުތަކާ އަޅާކިޔާފައިވާ ދެ ޗާޓު، އެންޓީއޭ ރިޕޯޓުން

ރާއްޖޭގެ ހިއުމަން ކެޕިޓަލް އިންވެސްޓްމެންޓް އެހެން ގައުމުތަކާ އަޅާކިޔާފައިވާ ދެ ޗާޓު، އެންޓީއޭ ރިޕޯޓުން

އޭގެ އިތުރުން، މަސައްކަތު އުމުރުފުރާގެ 48،000 ދިވެހިން ތިބީ، މަސައްކަތުގެ މައިދާނުގައި ފުރިހަމަ އަށް ހަރަކާތްތެރިނުވެވޭތީ، ގާބިލްކަމުގެ ބޭނުން ފުރިހަމަ އަށް ނުހިފިފައި ކަމަށް އެންޓީއޭގެ ރިޕޯޓުގައިވެ އެވެ.

"މީގެ ސަބަބުން ނުހަނު ގެއްލުން ހުރި ނަތީޖާތަކަކާ ކުރިމަތިލާން ޖެހިދާނެ އެވެ. މަސައްކަތްކޮށްގެން ހޯދާ އާމްދަނީ އަށް ދިރިއުޅުން ބަރޯސާވާ ދިވެހި ގޭބީސީތަކަށް އެކަންޏެއް ނޫނެވެ. ދިވެހި ސަރުކާރަށް ވެސް މެ އެވެ،" 2016 ވަނަ އަހަރުގެ ތަފާސްހިސާބަށް ބިނާކޮށް ހަދާފައިވާ އެންޓީއޭގެ ރިޕޯޓުގައި އިންޒާރު ދީފައިވެ އެވެ.

"މިހާރު ތިބި މަސައްކަތު އުމުރުގެ މީހުންނަށް އިންވެސްޓްކުރަން ޖެހޭ. އެ މީހުންގެ ތައުލީމަށާއި ސިއްހަތަށް އިންވެސްޓްކޮށް އަބުރުވެރި ވަޒީފާގެ ފުރުސަތުތައް އުފައްދައި އެ މީހުންގެ އާމްދަނީ ހޯދުމުގެ ގާބިލްކަން އިތުރުކުރަން ޖެހޭ. އޭރުން އުމުރުން 60-65 އަހަރަށް ދާއިރު އެ މީހުންގެ ޖީބުތަކުގައި ފުދުންތެރިކަން ހުންނާނެ. އޭގެ ސަބަބުން ސަރުކާރަށް ވެސް ބުރަ ކުޑަވާނެ."

ތައުލީމަކުން ނުފުދޭ، މަސައްކަތަށް ތައްޔާރުކުރަން ޖެހޭ

އެންޓީއޭގެ ރިޕޯޓު ނެރުމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އާއި ޔޫއެންއެފްޕީއޭ އިން މިދިޔަ މަހު 26ގައި ބޭއްވި ވެބިނާއެއްގައި، އެންބީއެސްއާ ގުޅިގެން ރާއްޖޭގެ އެންޓީއޭ ހެއްދެވި މާހިރު ޑރ. މައިކަލް އަބްރީގޯ ވިދާޅުވިގޮތުގައި އެހެން ގައުމުތަކާ ތަފާތު ދެ ކަމެއް ރާއްޖެ އިން ފާހަގަކުރެވެ އެވެ. އެއް ކަމަކީ ބޮޑެތި ޚަރަދުތަކެއް ކުރާ އިރު ވެސް ހިއުމަން ކެޕިޓަލް އިންވެސްޓްމެންޓް ކުޑަވުމެވެ. އަނެއް ކަމަކީ ކުރާނެ މަސައްކަތްތައް މަދުވުމެވެ. އަބްރީގޯ ވިދާޅުވީ ޓޫރިޒަމުން އިގްތިސޯދަށް ބޮޑު ފައިދާއެއް ކުރުމަކީ ރަނގަޅެއް ކަމަށާއި އެކަމަކު ޓޫރިޒަމްއާ ގުޅުވައިގެން އެހެނިހެން ދާއިރާތައް ފުޅާކޮށް ވަޒީފާތައް އިތުރުކުރަން ޖެހިފައިވާ ކަމަށެވެ.

ދިރާސާގެ މާހިރު ޑރ. މައިކަލް އަބްރީގޯ ވެބިނާގައި ވާހަކަދައްކަވަނީ

ދިރާސާގެ މާހިރު ޑރ. މައިކަލް އަބްރީގޯ ވެބިނާގައި ވާހަކަދައްކަވަނީ

އެ ވެބިނާގައި ބައިވެރިވެވަޑައިގެންނެވި ކޮލަމްބޯ ޔުނިވާސިޓީގެ ޑިމޮގްރަފީ ޑިޕާޓްމެންޓުގެ އެމެރިޓަސް ޕްރޮފެސަރު ޑިސަނަޔަކަ ވިދާޅުވީ ރާއްޖެ އިން އެންމެ ބޮޑު އިސްކަމެއް ދޭންވީ ބިދޭސީ މަސައްކަތްތެރިންނަށް ބަރޯސާވުން ކުޑަކޮށް ދިވެހިންގެ އިގްތިސޯދީ ހަރަކާތްތެރިކަން ބޮޑުކުރުމަށް ކަމަށެވެ. އެކަން ކުރެވޭނީ، އޭނާ ވެސް ވިދާޅުވި ގޮތުގައި، ސިއްހަތާއި ތައުލީމުގެ އިންވެސްޓްމެންޓްތައް އިތުރުކޮށް ވަޒީފާތައް އުފައްދައިގެންނެވެ.

ޑިސަނަޔަކަ ވިދާޅުވިގޮތުގައި އިގްތިސޯދީ ތަރައްގީ އަށް އެހީތެރިވެދޭ ބަޔަކަށް ދިވެހިން ވާނީ ގައިން ގަޔަށް ނާރާ ބަލިތަކާ ދުރު ދުޅަހެޔޮ އާބާދީއެއް ބިނާކޮށް، ރާއްޖޭގެ ތައުލީމީ ނިޒާމާއި މަތީ ތައުލީމު ކުރިއެރުވުމާ އެކުއެކީގައި ހުނަރު ތަރައްގީކުރުމުގެ ވަރަށް ހަރުދަނާ ސްޓްރެޓެޖީއެއް ތަންފީޒުކޮށްގެންނެވެ. އޭނާ ލަފާދެއްވީ ކުރިއެރުވޭނެ އިގްތިސޯދީ ދާއިރާތައް ދެނެގަނެ އެ ދާއިރާތަކުން ވަޒީފާތައް އުފައްދައި އެ ވަޒީފާތަކަށް "ކިންޑަގާޓެން އިން ފަށައިގެން" ދިވެހިން ތައްޔާރުކުރުމަށެވެ.

"ތައުލީމު ލިބި ޑިގްރީތަކެއް ހުރުމަކުން އަދި ނުފުދޭ. މަސައްކަތުގެ މައިދާނަށް ބޭނުންވާ ހުނަރުތައް ވެސް ލިބިފައި ހުންނަން ޖެހޭ. މަސައްކަތުގައި އުފެއްދުންތެރިކަން އިތުރުކުރެވޭނެ ގޮތަކީ އެއީ،" ޑިސަނަޔަކަ ވިދާޅުވި އެވެ.

ޕްރޮފެސަރު ލަކްޝްމަން ޑިސަނަޔަކަ ވެބިނާގައި ވާހަކަދައްކަވަނީ

ޕްރޮފެސަރު ލަކްޝްމަން ޑިސަނަޔަކަ ވެބިނާގައި ވާހަކަދައްކަވަނީ

އެންބީއެސްގެ ޗީފް ސްޓެޓިސްޓީޝަން އައިޝަތު ޝަހުދާ ވިދާޅުވިގޮތުގައި އިތުރު ދާއިރާތަކަށް އިގްތިސޯދު ފުޅާކުރެވޭނެ ރޮނގުތަކަށް ތައުލީމު ފުޅާކުރަން ޖެހެ އެވެ. ތައުލީމާއި ހުނަރު ތަރައްގީކުރަން ދޭން ޖެހޭ އިސްކަން ފާހަގަކުރައްވައި، އުނގަންނައިދިނުމުގެ ތަފާތު ގޮތްތައް ބޭނުންކޮށްގެން ކޮވިޑްގެ ހާލަތުގައި ވެސް އެކަން ކުރިއަށް ގެންދަން ޝަހުދާ ލަފާދެއްވި އެވެ. ހަޔަސް އިން އެނގޭ ގޮތުގައި ޑިގްރީ އާއި އެއަށް ވުރެ މަތީ ތައުލީމް ހާސިލްކޮށްގެން ތިބި މީހުންގެ 46 ޕަސެންޓް ކިޔަވާފައި ވަނީ ވިޔަފާރި، އިދާރީ އަދި ގާނޫނީ ދާއިރާ އިންނެވެ.

"މަތީ ތައުލީމުގައި މިހާރު ފުރުސަތުތައް ލިބެން ހުރީ ބިޒްނަސް ފަދަ، ގިނަ މީހުން އިޚްތިޔާރުކުރާ ރޮނގުތަކުން. އެހެންވީމާ އުނގެނެން ބޭނުންވެފައި ތިބި އަޅުގަނޑުމެންގެ ޒުވާނުން ޝައުގުވެރިވާނެ އިތުރު ރޮނގުތަކެއް ހުންނަން އެބަ ބޭނުންވޭ،" ވެބިނާގައި ޝަހުދާ ވިދާޅުވި އެވެ.

ޝަހުދާ ކުރީގެ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: އެންބީއެސް

ޝަހުދާ ކުރީގެ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: އެންބީއެސް

މަސައްކަތެއްގައި ނޫޅޭ އެތައް ޒުވާނުންނެއް

ރާއްޖޭގައި މި ވަގުތު އޮތީ ޒުވާން އާބާދީއެކެވެ. އެކަމަކު 2030 އަންނަ އިރު، އުމުރުން ދުވަސްވީ މީހުންގެ އާބާދީ ހަތް ޕަސެންޓަށް އަރައި ގައުމުގެ އާބާދީ މުސްކުޅިވާން ފަށާނެ ކަމަށް އަންދާޒާކުރެވެ އެވެ. އުމުރުން ދުވަސްވީ މީހުންގެ ސިއްހީ ޚިދުމަތަށް ކުރަން ޖެހޭ ހޭދަ ބޮޑުވާނެތީ ސަރުކާރުގެ ޚަރަދު ބޮޑުވާނެ އެވެ. އަނެއްކޮޅުން އާބާދީގައި ޒުވާނުން މަދުވާ ވަރަކަށް މަސައްކަތުގައި އުޅެވޭ މީހުން މަދުވެ މަސައްކަތު އާމްދަނީ ދަށަށް ދާނެ އެވެ.

އެންޓީއޭ އިން ލަފާކޮށްފައިވާ ގޮތުގައި ސަރުކާރުން 2016ގައި ދިން ފެންވަރުގެ ޚިދުމަތްތަކެއް ދޭން އެކަނި ވެސް 2050ގައި ދައުލަތުގެ ބަޖެޓުން ޚަރަދު ގާތްގަނޑަކަށް ދެ ގުނަ އިތުރުކުރަން ޖެހޭނެ އެވެ. އޭގެ ބޮޑު ބަޔަކީ ސިއްހީ ޚިދުމަތުގެ ޚަރަދެވެ. ސިއްހީ ޚިދުމަތަށް ކުރާ ހޭދަ އަހަރަކު 2.7 ޕަސެންޓް އިތުރުވަމުންދާނެ އެވެ.

އެކަމަކު މަސައްކަތުގެ ފުރުސަތުތައް ފުޅާކޮށް އުފެއްދުންތެރިކަން ކުރިއަރުވައިގެން ގޭބިސީތަކުގެ އާމްދަނީ އިތުރުކޮށްފި ނަމަ ގޭބިސީތަކަށާއި ސަރުކާރަށް ވެސް މާލީ ބުރަ ކުޑަވެގެން ދާނެ ކަމަށް އެންޓީއޭގެ ރިޕޯޓުގައި ވަނީ ލަފާކޮށްފަ އެވެ.

"އާބާދީ މުސްކުޅިވަމުންދާ ނަމަ، މިހާރު ތިބި މަސައްކަތު އުމުރުގެ މީހުންނަށް އިންވެސްޓްކުރަން ޖެހޭ. އެ މީހުންގެ ތައުލީމަށާއި ސިއްހަތަށް އިންވެސްޓްކޮށް އަބުރުވެރި ވަޒީފާގެ ފުރުސަތުތައް އުފައްދައި އެ މީހުންގެ އާމްދަނީ ހޯދުމުގެ ގާބިލްކަން އިތުރުކުރަން ޖެހޭ،" ޑިސަނަޔަކަ ވިދާޅުވި އެވެ.

"އޭރުން އުމުރުން 60-65 އަހަރަށް ދާއިރު އެ މީހުންގެ ޖީބުތަކުގައި ފުދުންތެރިކަން ހުންނާނެ. އޭގެ ސަބަބުން ސަރުކާރަށް ވެސް ބުރަ ކުޑަވާނެ."

ރާއްޖޭގެ އެންޓީއޭ އިން އެނގޭ ގޮތުގައި މަސައްކަތު އާމްދަނީ އާއި ޚިދުމަތްތަކަށް ހިނގާ ޚަރަދު (ކޮންސަމްޝަން) އަޅާބަލާ އިރު، މަސައްކަތްކުރާ ކޮންމެ މީހަކު ގާތްގަނޑަކަށް ދެ މީހުންނަށް ޚަރަދުކުރެ އެވެ.

ހަޔަސް 2019 އިން އެނގޭ ގޮތުގައި ރާއްޖޭގެ 15 އަހަރުން މަތީގެ އާބާދީގެ 40 ޕަސެންޓަކީ އިގްތިސޯދީ ގޮތުން ހަރަކާތްތެރި ނުވާ (ލޭބަ ފޯސްގައި ނުހިމެނޭ) މީހުންނެވެ. އަދި މި އާބާދީގައި، މަސައްކަތެއް ހޯދަން އުޅޭ އެކަމަކު މަސައްކަތެއް ލިބުނަސް ނުފެށޭނެ ކަމަށް ބުނާ މީހުންނާއި މަސައްކަތެއް ހޯދަން ނޫޅޭ އެކަމަކު މަސައްކަތެއް ލިބިއްޖެ ނަމަ ކުރެވޭނެ ކަމަށް ބުނާ މީހުންގެ އަދަދު (ޕޮޓެންޝަލް ލޭބަ ފޯސް) 19،000އާ ގާތްކުރެ އެވެ. މިއީ މަސައްކަތުގެ މައިދާނަށް ފަސޭހަ އިން ނެރެވިދާނެ މީހުންކަން ހަޔަސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެ ސާވޭ އިން އިތުރަށް އެނގޭ ގޮތުގައި އުމުރުން 18 އަހަރާއި 34 އަހަރާ ދެމެދުގެ ޒުވާނުންގެ 29 ޕަސެންޓަކީ މަސައްކަތެއް ނުކުރާ އަދި ތައުލީމް ނުވަތަ ތަމްރީނެއްގައި ވެސް ނޫޅޭ މީހުންނެވެ.

މަސައްކަތްތެރިކަމުގައި މާލެ އާއި ރަށްރަށުގެ ފަރަގު ވެސް ހަޔަސް އިން ފެނެ އެވެ. މަސައްކަތެއްގައި އުޅޭ މީހުން ގިނައީ މާލޭގަ އެވެ. ޕޮޓެންޝަލް ލޭބަ ފޯސްގައި ގިނައީ އަތޮޅުތަކުގައި ދިރިއުޅޭ މީހުންނެވެ.

ޝަހުދާ ވިދާޅުވި ގޮތުގައި އަތޮޅުތަކުގައި ފުދޭ މިންވަރަށް އިގްތިސޯދީ ހަރަކާތްތައް ނޯންނާތީ މީހުން މަސައްކަތެއް ހޯދަން ނޫޅެނީ ނުވަތަ މަސައްކަތަށް ނުކުންނަން ތައްޔާރު ނޫނީ އެވެ.

"އެހެންވީމާ [މާލެ އަށް] ހިޖުރަކުރުން އަނބުރާލައި މިހާރަށް ވުރެ ގިނަ މީހުން ރަށްރަށުގައި ދިރިއުޅެން ޝައުގުވެރިވާ ފަދަ ވަސީލަތްތަކާއި ޚިދުމަތްތައް ގާއިމްކުރަން އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތްކުރަން އެބަ ޖެހޭ،" ވެބިނާގައި ޝަހުދާ ވިދާޅުވި އެވެ.

އަންހެނުންގެ ބޭނުން ހިފޭނީ ކެއާ އިންޑަސްޓްރީއެއް އުފައްދައިގެން

މިދިޔަ އަހަރުގެ ހަޔަސް އިން އެނގޭ ގޮތުގައި އުމުރުން 18 އަހަރާއި 34 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން މަސައްކަތެއް ނުކުރާ އަދި ތައުލީމް ނުވަތަ ތަމްރީނެއްގައި ވެސް ނޫޅޭ މީހުންގެ 41 ޕަސެންޓަކީ އަންހެނުންނެވެ. އިގްތިސޯދީ ގޮތުން ހަރަކާތްތެރިވާ މީހުންގެ ނިސްބަތް އަންހެނުންގެ ތެރޭގައި ފިރިހެނުންނަށް ވުރެ ދަށެވެ.

"މީގެން ދައްކައިދެނީ މަސައްކަތުގެ މައިދާނުގައި އަންހެނުންނާއި ފިރިހެނުންގެ ފަރަގެވެ،" ހަޔަސް 2019ގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

"އަންހެނުންގެ ތެރެއިން ގިނަ ބަޔަކަށް ގޭތެރޭގެ މަސައްކަތާއި ދަރިން އަދި އާއިލާގެ މެމްބަރުންގެ ޚިދުމަތުގައި އަދާކުރާ ދައުރު އަދި މަސްއޫލިއްޔަތު ބޮޑުވުމުން މަސައްކަތުގެ މައިދާނުގައި ހަރަކާތްތެރިވުމަށް ގޮންޖެހުންތަކާ ކުރިމަތިވެ އެވެ."

އަންހެނުންނާއި ފިރިހެނުން މަސައްކަތުގައި ދުވާލަކު ހޭދަކުރާ ވަގުތު އެއްވަރެވެ. އެކަމަކު އާމްދަނީއެއް ނުލިބޭ ގޭތެރޭގެ މަސައްކަތްތަކާއި ދަރިން ބެލުމުގައި އަންހެނުން ހޭދަކުރާ ވަގުތު ފިރިހެނުންނަށް ވުރެ ދެ ގުނަ އިތުރެވެ.

ޑިސަނަޔަކަ ވިދާޅުވީ ރާއްޖޭގައި އޮތީ ނިސްބަތުން ކުޑަ އާބާދީއެއް ކަމަށްވާ އިރު، ފިރިހެނުންނާއި އަންހެނުން ވެސް ހިމެނޭ ގޮތަށް، މަސައްކަތު އުމުރުގެ އެންމެންގެ ބޭނުން ހިފަން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިގްތިސޯދީ ގޮތުން އަންހެނުން ބާރުވެރިކުރުމާއި ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަކީ ރާއްޖެ އިން ދެމެހެއްޓެނެވި ތަރައްގީ ހާސިލްކުރަން ކޮންމެހެން މަޖުބޫރު ކަމެކެވެ.

އިގްތިސޯދީ ހަރަކާތްތެރިކަމުގައި އަންހެނުންނާއި ފިރިހެނުންގެ ތަފާތު ފެންނަ އެއް ސަބަބަކީ އޭޝިއާގަ އާއި ތަރައްގީވަމުން އަންނަ ގައުމުތަކުގައި ސަގާފީ ގޮތުން ވަކި ޖިންސަކަށް ވަކި ދައުރުތަކެއް ކަނޑައެޅިފައި އޮތުންކަން ޑިސަނަޔަނަކަ ފާހަގަކުރެއްވި އެވެ. އެހެންކަމުން، އޭނާ ވިދާޅުވި ގޮތުގައި، އަންހެނުންނަށް މަސައްކަތުގައި އުޅެވޭނެ މާހައުލެއް ގާއިމްކުރުމަށްޓަކައި ގައުމީ ފެންވަރުގެ ސިޔާސަތުތަކެއް ކަނޑައަޅަން ޖެހެ އެވެ. އޭގެ ތެރޭގައި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ބެލޭނެ ޚަރަދު ކުޑަ ގޮތްތަކާއި ދަތުރުފަތުރުގެ ފަސޭހަތައް ހިމަނަން ޑިސަނަޔަކަ ލަފާދެއްވި އެވެ.

"ދެރަ ކަމަކީ އަންހެނުން މި ގެންދަނީ އެ މީހުންގެ ދަރިންނާއި ފިރިންނާއި މައިންބަފައިން ވެސް ބަލަހައްޓަމުން. މި ތިން ބައި މީހުން ބެލެހެއްޓުމުގެ ބުރަ ގޭތެރޭގައި މި އުފުލަނީ އަންހެނުން. ސަޕޯޓް ސިސްޓަމެއް އޮންނަން ޖެހޭނެއޭ އަޅުގަނޑު މި ދެންނެވި ސަބަބަކީ މިއީ،" ޑިސަނަޔަކަ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އޭޝިއާގެ ސަގާފަތުގައި ހީކުރެވިފައި މި އޮންނަނީ މުސްކުޅި މައިންބަފައިން ގޭގައި ބެލެހެއްޓިދާނެއޭ. އެކަމަކު މިހާރު ވާ ގޮތަކީ އެންމެ މުސްކުޅި އުމުރުގައި ގޭގައި މައިންބަފައިން ބައިތިއްބައިގެނެއް ހަގީގަތުގައި ނުއެއް ބެލޭ."

ޑިސަނަޔަކަ ވިދާޅުވީ ރާއްޖޭގައި ކެއާ އިންޑަސްޓްރީއެއް އުފައްދަން ޖެހޭ ކަމަށާއި އޭގެ މާނައަކީ ކޮންމެހެން އެކަމުގެ ތެރެއަށް ޕްރައިވެޓް ސެކްޓާ ވައްދައިގެން ބައިވަރު ކަންތައްތަކެއް ކުރުމެއް ނޫން ކަމަށެވެ.

"ކެއާ އިންޑަސްޓްރީއެއް އުފެއްދިދާނެ ތަފާތު ގޮތްތައް އެބަހުރި. އެކަން ކުރާނެ މެކޭނިޒަމެއް ގައުމުން ހޯދަންވީ،" އޭނާ ވިދާޅުވި އެވެ.

ޝަހުދާ ވިދާޅުވި ގޮތުގައި މަސައްކަތްތެރިކަމުގައި އަންހެނުންގެ ބައިވެރިވުން ބޮޑުކުރެވޭނެ ގޮތްތައް އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ)ގެ ލަފާތަކުން އެނގެން އެބަ ހުއްޓެވެ. އެކަމަށް ބޭނުންވަނީ ސިޔާސަތުތަކެކެވެ.

"އެއީ އޮޓޮމެޓިކުން ވާނެ ކަމެއް ނޫން. ވަރަށް ބޮޑަށް އަމާޒުކުރެވިފައިވާ ސިޔާސަތުތަކަކާއި ހޭލުންތެރިކުރުން ވެސް ބޭނުންވާނެ،" ޝަހުދާ ވިދާޅުވި އެވެ.

ދިވެހިންގެ އިގްތިސޯދީ ހަރަކާތްތެރިކަމާއި އުފެއްދުންތެރިކަން އިތުރު ނުކޮށްފި ނަމަ، އެންޓީއޭގެ އަންދާޒާ އިން އެނގޭ ގޮތުގައި، ރާއްޖޭގެ މަސައްކަތު އާމްދަނީން ބިދޭސީންނަށް ލިބޭ ބައި ދާނީ ބޮޑުވަމުންނެވެ.

ރާއްޖޭގެ ޖުމްލަ މަސައްކަތު އާމްދަނީގައި ބިދޭސީންގެ ހިއްސާއަކީ 2016ގައި 31 ޕަސެންޓެވެ. އެކަމަކު 2050ގައި އެ ނިސްބަތް ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް ދެ ބައިކުޅަ އެއްބަޔަށް އިތުރުވާނެ ކަމަށް އެންޓީއޭ އިން ލަފާކުރެވެ އެވެ. ހަމަ އެ ގޮތަށް، ދިވެހިންގެ ހާލަތު ރަނގަޅު ނުކޮށްފި ނަމަ 2050ގައި މަސައްކަތު އާމްދަނީ އަށް އަންނާނެ ކަމަށް ބެލެވެނީ މި އަހަރާ އަޅާބަލާ އިރު އެންމެ 10 ބިލިއަން ރުފިޔާގެ ކުރިއެރުމެކެވެ. އެކަމަކު، އިގްތިސޯދީ ގޮތުން ހަރަކާތްތެރި ނުވާ ދިވެހިން މަސައްކަތުގެ މައިދާނަށް ނެރެ އަދި މަސައްކަތުގެ އުފެއްދުންތެރިކަން އިތުރުކޮށްފި ނަމަ، އެންޓީއޭގެ ލަފާ އިން އެނގޭ ގޮތުގައި، މި އަހަރު ލިބޭ ވަރަށް ވުރެ އާމްދަނީ ދެ ގުނަ އިތުރުވާނެ އެވެ.

ނެޝަނަލް ޓްރާންސްފާ އެކައުންޓް ރިޕޯޓް ނެރުމުގެ ރަސްމިއްޔާތު