Roadha Mihaaru
ފްލައިމީގެ އެތެރޭގެ ދަތުރުތައް އަލުން ފަށައިފި

ފްލައިމީގެ އެތެރޭގެ ދަތުރުތައް އަލުން ފަށައިފި

01 އޮކްޓޯބަރ 2020

ހަ މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު ފްލައިމީ އިން ރާއްޖޭގެ އެތެރޭގެ ދަތުރުތައް އަލުން މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހަ މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު ފްލައިމީ އިން ރާއްޖޭގެ އެތެރޭގެ ދަތުރުތައް އަލުން މިއަދު ފަށައިފި އެވެ.

އެކަމަކު ކޮވިޑް-19ގެ ސަބަބުން ދަތުރުފަތުރު ކުރާ މީހުން މަދުވުމުގެ ސަބަބުން އެ އެއާލައިންގެ ދަތުރުތައް މި ދުވަސްވަރު ބާއްވާނީ ހަމައެކަނި މާލެ އާއި މާމިގިއްޔާ ދެމެދުގަ އެވެ. އިތުރު މަންޒިލްތަކަށް ދަތުރުތައް ފަށާނީ، ފްލައިމީން ބުނިގޮތުގައި، އަންނަ މަހު އެވެ.

ފްލައިމީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު "މިހާރު"އަށް ވިދާޅުވީ އެ އެއާލައިންގެ ދަތުރުތައް ފަށުން ލަސްވީ ރާއްޖޭގައި އޮޕަރޭޓްކުރާ ޑޮމެސްޓިކް އެހެން އެއާލައިންތަކާ ހިލާފަށް، ކުދި ބޯޓު ނެތުމުން ކަމަށެވެ. އެއާލައިނުން ބޭނުންކުރަނީ 64-72 މީހުންގެ ޖާގައިގެ ބޯޓެވެ.

"އެހެންވެ އަލުން ބޯޑަރު ހުޅުވާލުމުން ވެސް އަޅުގަނޑުމެންގެ ދަތުރުތައް ނުފެށުނީ. ބޮޑު ބޯޓެއްގައި ތިން ހަތަރު ޕެސެންޖަރުން ގެންދިއުމަކީ އެންމެ އެކަށީގެންވާ ގޮތެއް ނޫން،" ނާޝިދު ވިދާޅުވި އެވެ.

މާލެ އާއި މާމިގިއްޔާ ދެމެދު ފްލައިމީން ދުވާލަކު ހަތަރު ފްލައިޓު ބާއްވަން ވަނީ ޝެޑިއުލްކޮށްފަ އެވެ. ނަމަވެސް ޕެސެންޖަރުންގެ އަދަދަށް ބަލައި އެ ދަތުރުތައް މަދުވުން އެކަށީގެންވާ ކަމަށް ނާޝިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން އެއާލައިނަށް ކުރިމަތިވި ގެއްލުންތަކުގައި ކަނޑާލި މުވައްޒަފުންނަށް އަލުން ވަޒީފާ ދޭން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ ލޯޑު އިތުރުވާ ވަރަކަށް، އޭވިއޭޝަން ދާއިރާއަށާއި މި ކުންފުންޏަށް ވި ގެއްލުމުގެ ސަބަބުން ކަނޑާލަން މަޖުބޫރުވި މުވައްޒަފުންނަށް ވަޒީފާ އަނބުރާ ދިނުން،" ނާޝިދު ވިދާޅުވި އެވެ.

ފްލައިމީން ވަނީ މިދިޔަ މަހު ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ދަތުރުތައް ވެސް ފަށައިފަ އެވެ. އެގޮތުން މިހާރު އަންނަނީ ސްރީ ލަންކާއަށް ދަތުރު ކުރަމުންނެވެ. އަންނަ އަހަރު އިންޑިއާ އާއި ޗައިނާއަށް ވެސް ދަތުރުތައް ފަށަން އެ ކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ.