Roadha Mihaaru
ފިރިމީހާ އަނބިމީހާ ރޭޕްކުރުން ކަނޑައެޅި ތާރީޚީ ހުކުމް

"ފިރިމީހާ އަނބިމީހާ ރޭޕްކުރުން" ކަނޑައެޅި ތާރީޚީ ހުކުމެއް

01 އޮކްޓޯބަރ 2020

ޒިޔާދާ ނައީމްގެ މަރުގެ މައްސަލަ އަކީ އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާ އާއި ޖިިންސީ ގޯނާގެ ވާހަކަތަކުން މުޅި ރާއްޖެ އަށް ސިހުން ގެނުވި ހާދިސާއެކެވެ. އޭނާ އަށް އިންސާފު ލިބޭނެ ކަމުގެ އުއްމީދުގައި ތިބި އެތައް ބަޔަކު މާޔޫސްވީ އެ މައްސަލާގައި ޒިޔާދާގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް ކުރި އެއްވެސް ދައުވާއެއް ސާބިތުނުވެ ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ނިމިގެން ދިއުމުންނެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޒިޔާދާ ނައީމްގެ މަރުގެ މައްސަލަ އަކީ އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާ އާއި ޖިިންސީ ގޯނާގެ ވާހަކަތަކުން މުޅި ރާއްޖެ އަށް ސިހުން ގެނުވި ހާދިސާއެކެވެ. އޭނާ އަށް އިންސާފު ލިބޭނެ ކަމުގެ އުއްމީދުގައި ތިބި އެތައް ބަޔަކު މާޔޫސްވީ އެ މައްސަލާގައި ޒިޔާދާގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް ކުރި އެއްވެސް ދައުވާއެއް ސާބިތުނުވެ ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ނިމިގެން ދިއުމުންނެވެ.

ޒިޔާދާގެ މަރާ ގުޅިގެން ޝާހުގެ ހަތަރު ދައުވާއެއް ކުރި އެވެ. އެއީ މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ. އޭނާގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން އޭގެ ތެރެއިން އެއް މައްސަލާގައި ހައި ކޯޓުން މިއަދު ކުރި ހުކުމަކީ ތާރީޚީ ނިންމުމެވެ. ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ކުށުގައި ޝާހު ތިން އަހަރަށް ޖަލަށްލާން ކުރި ހުކުމަކީ ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ރާއްޖޭގައި އެފަދަ ކުށެއް ސާބިތުވި ފުރަތަމަ ފަހަރެވެ. ޝާހުގެ މައްޗަށް އިއްވީ އެ ކުށަށް ގާނޫނުގައި ދެވެން އޮތް އެންމެ ބޮޑު އަދަބެވެ.

ފިރިމީހާ އަނބިމީހާ ރޭޕްގެ އަމަލަކަށް ވަނީ ކިހިނެއް؟

"ފިރިމީހާ އަނބިމީހާ ރޭޕް ކުރުން" މި ކުށަކީ ޖިންސީ ކުށުގެ ގާނޫނުގައި ވަކި ކުށެއްގެ ގޮތުގައި އޮންނަ އަމަލަށް ވިޔަސް، މިއީ ކުރިން ބަހުސް ކުރެވިގެން ދިޔަ މައުލޫތަކެވެ. ހައި ކޯޓުގެ ހުކުމުގައި އެކަމަށް ވަރަށް ބޮޑަށް އަލި އަޅުވާލައި، އެކަން ކުށަކަށް ވާނީ ކިހިނެއް އަދި ކޮން ގޮތަކަށްކަން ގާނޫނާއި އިސްލާމީ ޝަރީއަތުގެ ނައްސުތަކާ ހަވާލާދީ ބަޔާންކޮށްދީފައިވެ އެވެ.

ފަނޑިޔާރު އަލީ ސަމީރު ރިއާސަތު ބެލެހެއްޓެވި ބެންޗުން އިއްވެވި ހުކުމުގައިވާ ގޮތުން "ރޭޕް" އެ ބަސް އޮތަސް، ފިރިމީހާ އަނބިމީހާ ރޭޕް ކުރުމަކީ ރޭޕްގެ އާންމު މާނައިގެ ބޭރުން، ވަކި ޚާއްސަ ހާލަތްތަކެއްގައި ކަންކަން ވެގެންދާ ގޮތުން އުުފެދޭ ކުށެކެވެ. އެހެންވެ، ބަލަންވީ ކުށުގެ ނަމަށް ނޫން ކަމަށާއި ބަލަންވީ އަމަލު ކަމަށްވާ ގަދަކަމުން ޖިންސީ ގުޅުން ހިންގުމަށް ކަމަށް ހުކުމުގައިވެ އެވެ. އަދި އަނބިމީހާ އަށް ވެސް ބައެއް ހާލަތްތަކުގައި ޖިންސީ ގުޅުމަށް ދެކޮޅު ހެދުމުގެ ފުރުސަތު އޮންނަކަން އިސްލާމީ ޝަރީއަތުގެ އިލްމުވެރިން ބަޔާންކުރައްވާފައިވާ ކަން ފާހަގަކޮށް، އޭގެ ބައެއް މިސާލުތަކުގެ ގޮތުން މާބަނޑު ދުވަސްވަރާއި ގައިން ގަޔަށް އަރާ ބައްޔެއް ހުންނަ ހާލަތްތައް އެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

"ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުން ބިނާވާން ޖެހޭނީ ލޯތްބާއި އިހްތިރާމްގެ މައްޗަށްކަން އެނގެ އެވެ. އެމަގުން ބޭރުވެ، އަންހެނުންނަށް އަދި އަނބިންނަށް އަނިޔާލިބޭ ގޮތަށް ކަންކަން ކުރުމަކީ ބުނެވުނު އާޔަތްތަކުންނާއި ކީރިތި ރަސޫލާގެ ހަދީސް ބަސްފުޅުތަކުން އަހަރުމެންގެ މައްޗަށް އަމުރު ކުރެވިގެންވާ ގޮތާއި އަދި ދަސްކޮށްދީފައިވާ ގޮތާ ކަނޑައެޅިގެން ޚިލާފްވުން ކަމުގައި ނޫނީ ނުވާނެ..." ހުކުމުގައިވެ އެވެ.

ހައި ކޯޓުގެ ހުކުމް

ހުކުމުގައިވާ ގޮތުން ފިރިމީހާ އަނބިިމީހާ ރޭޕް ކުރުން ކަމަށް ބެލެވޭނީ ދެމަފިރިންގެ ގޮތުގައި ތިބެ އެކަމަކު ޖިންސީ ކުށުގެ ގާނޫނުގައި ބުނާ އިސްތިސްނާ ހާލަތެއް ދެމަފިރިންގެ ދެމެދުގައި އޮވެ އަދި އެ ހާލަތުގައި ޖިންސީ އަމަލެއް އަނބިމީހާގެ ނުރުހުމުގައި ހިންގުމަށެވެ. މަސްލަހަތަށްޓަކައި ދެމަފިރިން ވަކިން ދިރިއުޅެމުން ދިއުމަކީ ގާނޫނުގައި ބުނާ އިސްތިސްނާ ހާލަތެއް ކަމަށް ވެފައި، އެ މައްސަލާގައި ޒިޔާދާ އާއި ޝާހު އެއްބަސްވެގެން ވަކި ގެއެއްގައި ދިރިއުޅެމުން ގޮސްފައިވާ ވާތީ އެ ހާލަތު އެ މައްސަލާގައި އޮތް ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ދެމަފިރިން ވަކިން އުޅުމަށް އެއްބަސްވާން ޖެހެނީ ކޮންމެހެން ލިޔުމުން އެކަނި ނޫން ކަމަށާއި ހެކިތަކުން ވެސް އެކަން ދެނެގަނެވިދާނެ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

"ވަކިން ދިރިއުޅެން ފެށީ މަސްލަހަތަށްޓަކައި އަދި ދެމަފިރިންގެ ގޮތުގައި ދެމަފިރިން އެކީގައި އެގޮތަށް އުޅެވެން ނެތިގެންކަން ހެކިންގެ ބަހުން އެނގެން އޮވެ އެވެ." ހުކުމުގައިވެ އެވެ.

ޒިޔާދާގެ ބަހާއި ހެކިތައް ދިމާވޭ

ޖިންސީ އެފަދަ މައްސަލަތަކުގައި މަންޒަރު ލޮލުން ފެންނަ މީހުން ތިބުމަކީ ނާދިރު ކަމެއްކަން ފާހަގަކޮށް، އެ ހުކުމުގައިވަނީ އެފަދަ މައްސަލަތަކުގައި އަނިޔާލިބޭ މީހާ ކިޔައިދޭ ކިޔައި ދިނުމާއި އެކަމަށް ބާރު ދޭ އެހެން ހެކިތަކުން އެފަދަ ކުށެއް ސާބިތު ކުރެވިދާނެ ކަމަށެވެ. ޒިޔާދާއާ މެދު ގަދަކަމުން އެފަދަ އަމަލުތަކެއް ހިންގި ކަން ޒިޔާދާގެ ބައެއް ރަށްޓެހިންނާއި ތިމާގެ މީހުން ގާތު ޒިޔާދާ ބުނެފައިވާކަން އެ މީހުންގެ ހެކިބަހުން އެނގޭ ކަމަށާއި ޒިޔާދާ ބެލި ޑޮކްޓަރުންގެ ލިޔުންތަކުން އޭނާއަށް ލިބުނު އަނިޔާތަކަކީ ގަދަކަމުން އެފަދަ އަމަލުތަކެއް ހިންގުމުން ލިބުނު އަނިޔާތަކެއް ކަމަށް ބުނެފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.

"ޒިޔާދާ ނައީމް ނިޔާވުމުގެ ކުރިން އޭނާ ވަނީ އޭނާއާ މެދު ކަން ހިނގައިދިޔަ ގޮތް އެތައް ބަޔަކަށް ތަފާތު އެކި މަރުހަލާތަކުގައި ކިޔައިދީފަ އެވެ. އޭގެ ތެރޭގައި ގާތް ރަހުމަތްތެރިންނާއި ސިއްހީ އެހީތެރިންނާއި ޑޮކްޓަރުންނަށް މި ވާހަކަތައް ކިޔައިދިން ކަމަށް އެ ފަރާތްތަކުން ޝަރީއަތުގެ މަޖިލީހުގައި އަދި ތަހްގީގުގައި ބަޔާން ދީފައި އެބަހުއްޓެވެ. މި މައްސަލާގައި ފެންނަން ހުރީ ހަމައެކަނި ޒިޔާދާ ނައީމް ބުނި ކަމަށް ބުނެ ހެކިބަސް ދިން މީހުންގެ ބަސް އެކަންޏެއް ނޫނެވެ. އެ ބުނި ބުނުންތަކާ ގުޅުވާލަދޭ ހަރުދަނާ ހެކި ގަރީނާ ފެންނަން އެބަހުއްޓެވެ." 40 ސަފްހާ އެ ހުކުމުގައިވެ އެވެ.

ފަނޑިޔާރު ސަމީރާއި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވާ ގޮތުން ޒިޔާދާ އެ ވާހަކަތައް ދެއްކީ ޝާހުއާ ދެމެދު އޮތް އަދާވާތްތެރިކަމެއްގެ ސަބަބުން ކަމަކަށް ނުބެލެވެ އެވެ. އެއީ އެ ދެ މީހުން ވަކިން ދިރިއުޅެމުން ދިޔަޔަސް، ޝާހު ދިރިއުޅުނު ގެ ކުނިކެހުމާއި ދޮވެ، އިސްތިރި ކުރުމުގެ މަސައްކަތް ޒިޔާދާ ކުރަމުން ދިޔަ ކަމާއި އަދި ޝާހު ބަދުނާމުވާ ގޮތަށް އެއްވެސް ވާހަކައެއް ޒިޔާދާ ނުދައްކާކަން ހެކިންގެ ބަހުން އެނގެން އޮތުމުން ކަމަށް ހުކުމުގައިވެ އެވެ.

އެ ހުކުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައިވަނީ ފިރިމީިހާ އަނބިމީހާ ރޭޕް ކުރުމުގެ ކުށް ކޯޓުތަކުން ބަލައިގަންނަ ފެށުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ޕީޖީގެ ޓްވީޓް

ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ކުށުގައި ޝާހު ޖަލަށްލާން ހުކުމް ކުރިޔަސް، ބާކީ ހުރި ދައުވާތަކުގެ މައްސަލަތައް ހައި ކޯޓުން އަދި ނުނިންމަ އެވެ. އެ މައްސަލަތައް ކުރިއަށް ގެންދަނީ ވަކިވަކިންނެވެ.