Roadha Mihaaru

އުދައްޔުގެ މަރު: މަރުގެ އަދަބު އައި ދެ މީހުން ހައި ކޯޓަށް

ގއ. މާމެންދޫގައި ގްރޫޕަކުން ގޮސް ހަމަލާދީ އަހުމަދު އުދައްޔު މަރާލި މައްސަލާގައި، ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވި ދެ މީހުން މެރުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް އިސްތިއުނާފު ކުރަން ހައި ކޯޓަށް ހުށަހަޅައިފި އެވެ.

އުދައްޔުގެ ގާތިލުން ހައި ކޯޓަށް
ނާޒިމް ހަސަން
ނާޒިމް ހަސަން

16 ޑިސެމްބަރ 2025

ގއ. މާމެންދޫގައި ގްރޫޕަކުން ގޮސް ހަމަލާދީ އަހުމަދު އުދައްޔު މަރާލި މައްސަލާގައި، ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވި ދެ މީހުން މެރުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް އިސްތިއުނާފު ކުރަން ހައި ކޯޓަށް ހުށަހަޅައިފި އެވެ.

ފެބްރުއަރީ، 2021 ގައި މާމެންދޫގައި ހިންގި މާރާމާރީގައި، އުމުރުން 17 އަހަރުގެ އުދައްޔު މަރާލި މައްސަލާގައި، ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެފައިވަނީ ގއ. މާމެންދޫ ރިހިފަރުދާގޭ އަހުމަދު ޝަމީމާއި އެރަށު ގުލްފާމްގޭ މުހައްމަދު މާޒިންގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން އިއްވާފައިވާ މަރުގެ ހުކުމް ހައި ކޯޓުގައި އިސްތިއުފުކުރަން ދެ މީހުންގެ ފަރާތުން ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މައްސަލަ ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.

އެ މައްސަލާގައި ދެން ދައުވާ ލިބުނު އެ ރަށު ބިލަތްމާގޭ ޝަރަފް ރަޝީދުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާކުރި ނަމަވެސް އެ ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ. ނަމަވެސް ތޫނު އެއްޗެއް ބޭނުންކޮށްގެން އެހެން މީހަކާ މެދު މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށް ޝަރަފްގެ މައްޗަށް ސާބިތުވި އެވެ.

ޝަރަފްގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން ވަނީ ހައި ކޯޓުގައި މީގެ ދެ ހަފުތާ ކުރިން އިސްތިއުނާފުކޮށްފަ އެވެ.

މަރުގެ އަދަބު ކަނޑައެޅުމުގެ ކުރިން، އުދައްޔުގެ ވާރިސުންގެ ބަސް ހޯދުމަށް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އުދައްޔުގެ ބައްޕަ ބުނެފައިވަނީ އެ މީހުންނަށް ދޭން ބޭނުންވަނީ އެންމެ ބޮޑު އަދަބެއް ކަމަށެވެ. އެހެންވެ، އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތަށް މަރުގެ އަދަބު ދޭން އޭނާ އެދުނެވެ.

އުދައްޔުގެ މަންމަ ބުނެފައިވަނީ ޝަމީމާއި މާޒިން ކުރި ކަންތައް އެ މީހުން އަމިއްލައަށް ތެދުބަހުން ކިޔައިދީފިނަމަ މައާފް ދޭން ތައްޔާރަށް ހުރި ކަމަށެވެ. އަދި އެ މީހުންނަށް މައާފް ދޭން ބައެއް މީހުން އެދުނަސް، އުދައްޔު މަރާލި ރޭ ހިނގި ކަންކަން މިހާރު ވެސް ހަނދާނުގައި އެބަހުރި ކަމަށް ރޮމުން އޭނާގެ މަންމަ ބުންޏެވެ.

އެގޮތުން ދައުވާ ލިބޭ މާޒިން، އެ އަމަލު ހިންގުމަށްފަހު ތިމަންނައަކީ "ކިންގް" ކަމަށް ބުނެ އެރޭ ވާހަކަ ދެއްކިކަން މިހާރު ވެސް ހަނދާނުގައި އެބަހުރި ކަމަށް އުދައްޔުގެ މަންމަ ބުނެފައިވެ އެވެ.

އުދައްޔުގެ މަންމަގެ އެ ވާހަކަތަކާ ގުޅިގެން، ވާހަކަ ދެއްކުމުގެ ފުރުސަތު ޝަމީމާއި މާޒިންއަށް ދިނުމުން ބުނެފައިވަނީ އުދައްޔުއަށް އަނިޔާވާ ފަދަ އެއްވެސް ކަމެއްގައި އެ މީހުން ބައިވެރިނުވާ ކަމަށެވެ.