Roadha Mihaaru
ޖަލަށް ހުކުމްކުރި އަދީބު ގޭގައި!

ޖަލަށް ހުކުމްކުރި އަދީބު ގޭގައި!

07 އޮކްޓޯބަރ 2020

އެމްއެމްޕީއާރުސީ މެދުވެރިކޮށް، 1.3 ބިލިއަން ރުފިޔާ އަށް ޚިޔާނާތްވި މައްސަލައިގައި 20 އަހަރުގެ ޖަލު ހުކުމެއް އައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ގޭބަންދަށް ބަދަލުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްއެމްޕީއާރުސީ މެދުވެރިކޮށް، 1.3 ބިލިއަން ރުފިޔާ އަށް ޚިޔާނާތްވި މައްސަލައިގައި 20 އަހަރުގެ ޖަލު ހުކުމެއް އައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ގޭބަންދަށް ބަދަލުކޮށްފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ހުކުމް އިއްވުމާ އެކު އަދީބު މާލޭ ޖަލަށް ގެންދިޔަ ކަމަށެވެ. އެކަމަކު އަދީބު ގޭބަންދަށް ބަދަލުކުރީ ސިއްހީ ހާލަތު ގޯސްވުމުން ކަމަށް ވިދާޅުވި އެވެ.

"ސިއްހީ ސަބަބުތަކަކަށްޓަކައި ގޭބަންދުގައި ހުންނެވީ ވަގުތީ ގޮތުން،" އޮފިޝަލް ވިދާޅުވި އެވެ.

އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް އައީ ޚިޔާނާތުގެ މައްސަލައިގައި ދައުލަތުން، ކުރި ހަތް ދައުވާއާ ގުޅިގެންނެވެ. މި ދައުވާތައް އުފުލީ، އަދީބާއި ދައުލަތާ ދެމެދު ހެދި ޕްލީ ބާގެއިން [ކުށަށް އިއުތިރާފު ވުމުގެ އެއްބަސްވުމު]ގެ ދަށުން، އަދަބު ލުއިވާ ގޮތަށެވެ. އެއްބަސްވުމުގައިވާ ގޮތުން، އަދީބު ދައްކަވަން ޖެހުނީ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ އެކެވެ.

މި އެއްބަސްވުން ދައުލަތުން އަދީބާ އެކު ހެދިއިރު، ކުށް ސާބިތުކުރަން އޭނާގެ އިއުތިރާފު މުހިއްމު ނޫން ކަމަށް ވެސް ބުނެފައިވެ އެވެ. ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި އަދީބަށް 150 ދައުވާއަކުން 800 އަހަރުގެ ޖަލު ހުކުމް ކުރެވޭނެ ވަރުގެ ހެއްކާއި ގަރީނާ އެބަ ހުއްޓެވެ.

އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން ތަހުގީގަށް އެއްބާރުލުން ދެމުން ގެންދެވުމަށް ފަހު، ޓަގެއްގައި ރާއްޖެ ދޫކުރައްވައި ފިއްލަވަން މަސައްކަތް ކުރެއްވި އެވެ. އަނެއް ފަހަރު، ކުއްލި ގޮތަކަށް ހުރިހާ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރު ވެސް ކޮށްލީ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް، 54 ރަށް ދޫކޮށްގެން އަދީބުގެ މައްޗަށް 150 އަށް ވުރެ ގިނަ ދައުވާ ކުރެވެން އޮއްވައި ދައުލަތުން އަދީބާ އެކު ހެދި އެއްބަސްވުމުން ރައްޔިތުންނަށް އޮތް ފައިދާއަކީ ކޮބައިތޯ ގާނޫނީ ބޭފުޅުން ދަނީ ސުވާލު އުފައްދަވަމުންނެވެ. މަނީ ލޯންޑްރިންގެ ގާނޫނުން، މަނީ ލޯންޑާކުރި އަދަދު ދައްކަން އަންގައި އޭގެ ފަސް ގުނައާ ހަމައަށް (ފަސް ބިލިއަން ރުފިޔާ އިން) އަދީބު ޖޫރިމަނާ ކުރެވެން އޮއްވައި ދެ މިލިއަނުން ޖޫރިމަނާ ކުރި ސަބަބާ މެދު ވެސް ކަންބޮޑުވުންތައް އެބަހުއްޓެވެ.

"އެ ގާނޫނުގެ ދަށުން އޭނާ އަށް އަދަބު ކަނޑައަޅަން ޖެހޭނީ މަދުވެގެން އެއް ބިލިއަނަށް. ގިނަވެގެން ފަސް ބިލިއަނާ ހަމައަށް. ރައީސް ޔާމީނަށް ކުރި ހުކުމާ އެއްގޮތަށް ދާ ކަމަށް ވަންޏާ ފަސް ބިލިއަނަށް ޖޫރިމަނާކުރަން ޖެހޭނެ. އެއީ ދައުލަތަށް ލިބުނު ގެއްލުމުގެ ފަސް ގުނައަށް ޖޫރިމަނާކުރަން ޖެހޭނެ،" އިއުތިރާފް އެއްބަސްވުމުގެ ދަށުން އަދީބަށް އިއްވި ހުކުމާ ގުޅޭ ގޮތުން "މިހާރު"އަށް ވަކީލަކު ވިދާޅުވި އެވެ.

"އެކަމަކު އޭގެ ބަދަލުގައި އެންމެ ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުން ގަބޫލެއް ނުކުރެވޭ. އޭނާ މަނީ ލޯންޑަ ކުރި އަދަދަށް ވެސް ދައުލަތުން ރިކުއެސްޓެއް ނުކުރޭ."

ފިއްލެވުމުގެ ކުރިން ހެދި އިއުތިރާފު އެއްބަސްވުމުގެ ބައެއް ތަފުސީލް އާއްމުކޮށްފައި ވިޔަސް އޭގެ ފަހުން އަދީބާ އެކު އެއްބަސްވީ ކަންކަން ވެސް ސާފެއް ނޫނެވެ. ޝަރީއަތުގެ މަޖިލީހުގައި އަދީބު ވިދާޅުވެފައި ވަނީ ފައިސާ ޖަމާކުރި ފަރާތްތަކާއި އެ ފައިސާ އިން އުފައްދާފައިވާ އެސެޓްތަކާ ގުޅޭ ހެއްކާއި ގަރީނާތައް ވެސް ތަހުގީގަށް ކިޔައި ދެއްވާފައިވާނެ ކަމަށެވެ. ހެކީގެ ގޮތުގައި އޭނާގެ ފޯނުތަކާއި ލެޕްޓޮޕް ވެސް ވަނީ ހަވާލުކުރައްވައިފަ އެވެ.

ދައުވާތައް ސާބިތުކުރެވޭނެ ވަރުގެ ހެކި ހުއްޓައި، އަދީބަށް ލުއި ލިބޭ އެއްބަސްވުމަކަށް ދިޔަ ސަބަބު އޮތީ ސާފުކޮށްދޭން ޖެހިފަ އެވެ.