30 އޮކްޓޯބަރ 2016
ޖުމްހޫރީ ޕާޓީއާއެކު މިއަދު މި ފެށުނީ ވަރަށް މުހިންމު ކަމެއް ކަމަށާއި ދެ ޕާޓީ ގުޅިގެން ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީއާއެކު މިއަދު މި ފެށުނީ ވަރަށް މުހިންމު ކަމެއް ކަމަށާއި ދެ ޕާޓީ ގުޅިގެން ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ އޮފީހުގައި ގާތްގަނޑަކަށް ދެ ގަޑިއިރަށް ކުރިޔަށް ގެންދިޔަ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި މާ ބޮޑެތި ކަންތައްތަކެއް ނުނިންމި ނަމަވެސް އެއްބަސްވީ އެކި ލެވެލްގައި ވާހަކަ ދައްކައިގެން ދެ ޕާޓީ ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާ ބެހޭ ގޮތުން ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ އޮފީސް ހިންގާ މ. ކުނޫޒްގައި ޕީޕީއެމްގެ ރައީސް މައުމޫން، މިއަދު ޖޭޕީގެ ލީޑަރު ގާސިމްއާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ފޮޓޯ: ނިޝާން އަލީ /މިހާރު
"އަޅުގަނޑުމެން އެއްބަސްވީ އެކި ލެވެލްގައި ވާހަކަ ދައްކައިގެން ދެ ޕާޓީ ގުޅިގެން މަސައްކަތްކުރަން. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އެތެރެއިންނާއި ބޭރުން ދިވެހިރާއްޖެ އަށް ރަނގަޅު އިސްލާހީ ބަދަލުތައް ގެންނަން. އެ މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބޭނަން،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރާނީ ދިވެހި ރައްޔިތުންނަށް ހަގީގީ މަންފާ އާއި ލާބަ ލިބެނިވި ގޮތެއްގެ މަތިން ބާރުތައް ވަކި ކުރެވިފައިވާ ސަރުކާރެއް ގާއިމުކޮށްގެން އޭގެ ހިދުމަތް ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށެވެ.
"ރިޔާސީ ނިޒާމުގައި އޮންނަނީ ތިންބާރު ވަކިވާ ގޮތަށް. އެއީ ގާނޫނު ހެދުމާއި ވެރިކަން ކުރުމާއި ޝަރީއަތް ކުރުން. މިތިން ބާރު އޮންނަން ޖެހެނީ ވަކިވެފައި. އެއްބާރަކަށް އަނެއް ބާރެއްގެ މައްޗަށް ނުފޫޒެއް ނުފޯރުވޭނެ. ނަމަވެސް އަޅުގަނޑުމެންނަށް މިއަދު މިފެންނަނީ އެހެން މަންޒަރެއް،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ މިއަދު ފެންނަނީ އެއްބާރުން ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ނިންމަމުންދާ މަންޒަރު ކަމަށާއި ރާއްޖޭގެ މިނިވަން މުއައްސަސާތަކޭ ކިޔަސް ބާރެއް ނެތް ކަމަށެވެ. އަދި އެ ފަރާތްތަކުން މަސައްކަތް ކުރަނީ މަޖުބޫރީ ހާލަތްތަކެއްގައި ވަކި ފަރާތަކުން ބުނާ ގޮތަކަށް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"ބައްލަވާ ޕީޕީއެމް އަށް ވެގެން ދިޔަ ގޮތް. އަޅުގަނޑު ނެތިން އޭގެ ތަފުސީލަކަށް ދާކަށް. ޕީޕީއެމް އިންތިހާބީ ރައީސަކީ އަޅުގަނޑު ﷲ ވާގިފުޅާއެކީ. އެކަމަކު އަޅުގަނޑުގެ އަތުން ޕީޕީއެމް ހިންގުމުގެ ބާރުތައް ވަނީ ދަމައިގެންފައި. ވަކި ބަޔަކު ނިގުޅައިގެންފައި. އެއް ގޮތަކަށް ވެސް އަޅުގަނޑުމެންގެ ގާނޫނުތައް ތަންދޭ ގޮތަކަށް ނޫން،" މައުމޫން ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ އޮފީސް ހިންގާ މ. ކުނޫޒްގައި ޕީޕީއެމްގެ ރައީސް މައުމޫން، މިއަދު ޖޭޕީގެ ލީޑަރު ގާސިމްއާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު
މައުމޫން ވިދާޅުވީ ޕީޕީއެމްގެ ކައުންސިލުން ނިންމާފައި ވަނީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެހެން ފަރާތްތަކާ ވެސް ބައްދަލުކޮށް ގައުމަށް ގެންނަން ބޭނުންވާ ބަދަލުތަކާ ބެހޭ ގޮތުން ބައްދަލުކޮށް މަޝްވަރާ ކުރުމަށް ކަމަށެވެ.
"އެހެންވެ އަޅުގަނޑު ލިޔުނީ ޕާޓީތަކުގެ ލީޑަރުންނަށް އަޅުގަނޑު ބޭނުމޭ ތިޔަ ބޭފުޅުންނާ ބައްދަލުކޮށްލާ މަޝްވަރާކޮށްލަން. އެގޮތުން ޖުމްހޫރީ ޕާޓީން ވަރަށް އެދެވޭ ޖަވާބެއް ދެއްވައި އަޅުގަނޑުމެންނަށް ފަސޭހަ ގޮތަށް މިތަނަށް ވަޑައިގެން ބައްދަލުކުރަން،" މައުމޫން ވިދާޅުވި އެވެ.
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ތާއީދު ހޯއްދެވުމަށް 2013 ވަނަ އަހަރު މ. ކުނޫޒަށް ކުރެއްވި ޒިޔާރަތް ހަނދުމަފުޅު ކުރައްވަމުން މައުމޫން ވިދާޅުވީ އެ ފަހަރު ރިއާސީ އިންތިހާބުގެ ދެ ވަނަ ބުރު ކާމިޔާބު ކުރެވުނީ ޖުމްހޫރީ ޕާޓީގެ ތާއީދު ލިބިގެން ކަމަށެވެ.
"އެ އިންތިހާބުގެ ދެ ވަނަ ބުރު މާތްﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން ކާމިޔާބުކުރީ އަޅުގަނޑުމެން އެންމެ ގުޅިގެން ކުރި މަސައްކަތުން. އެއީ ޕީޕީއެމްގެ މަސައްކަތް އެކަންޏެއް ނޫން. ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީ އާއި އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންގެ މަސައްކަތުން އަޅުގަނޑުމެންނަށް މިހާރުގެ ސަރުކާރު ގާއިމު ކޮށްދެވުނީ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ރައްޔިތުން ސަރުކާރު އިންތިހާބު ކުރީ ޕީޕީއެމްގެ ސަރުކާރެއްގެ ގޮތުގައި ނަމަވެސް އެ ޕާޓީގެ އަސާސީ މަގުސަދުތައް މިހާރު ހާސިލްވަމުންނުދާ ކަމަށެވެ. އަދި އެހެންވެ އަލުން ޖެހެނީ އެކަންތައް އިސްލާހުކުރަން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ އޮފީސް ހިންގާ މ. ކުނޫޒްގައި ޕީޕީއެމްގެ ރައީސް މައުމޫން، މިއަދު ޖޭޕީގެ ލީޑަރު ގާސިމްއާ ބައްދަލުކުރެއްވުމަށް ފަހު ނުކުންނަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު
އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ޝައްކެނެތް ގޮތުގައި ޕީޕީއެމްގެ އެންމެ ފަހުގެ އިންތިހާބުގައި އެ ޕާޓީގެ ރައީސަކަށް އިންތިހާބުވެފައި ވަނީ ރައީސް މައުމޫން ކަމަށެވެ. އެ ޕާޓީގެ އަސާސީ ގަވައިދު އޮތް ގޮތުން އެ މަނިކުފާނު ވަކިކުރެވެން ނެތް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އެކަން އަޅުގަނޑު ފުރިހަމައަށް ގަބޫލުކުރާ ވާހަކަ ދަންނަވަން. ރައީސް މައުމޫނަކީ ޕީޕީއެމްގެ ރައީސްކަން އަދި ޕީޕީއެމްގެ އާސާސީ ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ނުނިންމޭނެކަން، ގާނޫނު އަސާސީ އާއި ގާނޫނުތަކުން ބުނާ ބުނުން އަޅުގަނޑު ފުރިހަމައަށް ބަލައިގަންނަން،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ ގާނޫނުގެ ހުދޫދުން ބޭރުން ހިންގާ ކަންތައްތަކާ އަބަދުވެސް ދެކޮޅު ހައްދަވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީތަކުގެ އަސާސީ ގަވައިދާއި ހިންގާ ގަވައިދު ބުނެފައި ހުރި ގޮތުން އިސްލާމް ދީނަށާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އަށާއި ގާނޫނުތަކަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންގަތުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެހެންވެސް ގާނޫނުތަކަށާއި ގަވައިދުތަކަށް ބޯލަނބާ ފަދައިން ޕާޓީތަކުގެ އަސާސީ ގަވައިދަށް ވެސް ހުރުމަތްތެރިކޮށް ހިތުމަކީ ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ މައްޗަށް ވާޖިބެއް ކަމަށެވެ.
އެ ބައްދަލުވުމާ ބެހޭ ގޮތުން ގާސިމް ވިދާޅުވީ ރައީސް މައުމޫނާއެކު ބޭއްވި ބައްދަލުވުމުގައި ވަކި ކަންތައްތަކެއް ނިންމާފައިނުވާ ކަމަށާއި ސަރުކާރަށް ކުރައްވާ ތާއީދު އަނބުރާ ގެންދަވައި ރައީސް މައުމޫން ނިންމެވި ނިންމެވުން ހުރިހާ އެންމެން ވެސް ބަލައިގަންނާނެ ކަމަށެވެ.
މައުމޫން ވިދާޅުވަނީ ރައީސް ޔާމީން ބަލިކުރެވޭނެ ކަމަށް
މައުމޫނާއި ގާސިމް މަސައްކަތް ކުރަނީ ހަމަޖެހުން ނަގާލަން
ބަދަލަކަށް މިފަހަރު މައުމޫން، ކާމިޔާބު ވާނެތަ؟
"ބާރުތަކަށް ނުފޫޒު ފޯރުވުން ގާނޫނު އަސާސީއާ ޚިލާފު"
ގާސިމަށް ފިއްތުން އެބަ ކުރިމަތިކުރޭ: މައުމޫން
ކޮލަމް ފަސް މިނެޓް: ރައްޔިތުން އަދިވެސް ބަލަނީ ފޮޓޯ
ޖޭޕީއާ ވާހަކަ ދެއްކީ ޑިމޮކްރަސީ އިޔާދަކުރަން: މައުމޫން
ގާސިމްގެ ޝަކުވާ: އަޅުގަނޑު ތަޖުރިބާނުކުރަންވީ ކީއްވެ؟
ރިޔާސީ އިންތިހާބުގެ ހިސާބުތަކާއި ސިޔާސީ ބޮޑު މަންޒަރު!
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ޕީޕީއެމްގެ ދައުވަތު