Roadha Mihaaru
ކޮންމެ އޮފީހަކަށް އިންސްޓިޓިއުޓެއް! މިކަން ރަނގަޅުތަ؟

ކޮންމެ އޮފީހަކަށް އިންސްޓިޓިއުޓެއް! މިއީ ރަނގަޅު ގޮތެއްތަ؟

02 ނޮވެމްބަރ 2020

ސަރުކާރުގެ އެކި މިނިސްޓްރީތަކުން ހިންގަމުން އައި ޓްރެއިނިން އިންސްޓިޓިއުޓްތައް، 1999-2000 ވަނަ އަހަރު އޭރުގެ މޯލްޑިވްސް ކޮލެޖު އޮފް ހަޔަ އެޑިއުކޭޝަންގެ ދަށަށް ބަދަލުކުރީ ވެސް ސަރުކާރުގެ ވަސީލަތްތައް ޑުޕްލިކޭޓްނުކޮށް، އެއް ފުރާޅެއްގެ ދަށުން އެ މަރުކަޒުތައް ހިންގުމަށެވެ. އެކަމަކު އޭގެ 20 އަހަރު ފަހުން މިހާރު މި ފެންނަނީ އޭގެ އިދިކޮޅު މަންޒަރެވެ. ސަރުކާރުގެ ބޮޑެތި ކުންފުނިތަކާއި ބައެއް އިދާރާތަކުގެ "ކޮޓަރީ"ގައި އިންސްޓިޓިއުތައް ހަދައިގެން ޓްރެއިނިން ދޭ ތަނެވެ؛ ރައްޔިތުންގެ ފައިސާއިން ހިންގާ ސަރުކާރުގެ ދެ ޔުނިވާސިޓީ އަދި ވޮކޭޝަނަލް ތަމްރީނުތަކަށް ހާއްސަ މޯލްޑިވްސް ޕޮލިޓެކްނިކް ބޭނުން ނުހިފަނީ ކީއްވެ ހެއްޔެވެ؟

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސަރުކާރުގެ އެކި މިނިސްޓްރީތަކުން ހިންގަމުން އައި ޓްރެއިނިން އިންސްޓިޓިއުޓްތައް، 1999-2000 ވަނަ އަހަރު އޭރުގެ މޯލްޑިވްސް ކޮލެޖު އޮފް ހަޔަ އެޑިއުކޭޝަންގެ ދަށަށް ބަދަލުކުރީ ވެސް ސަރުކާރުގެ ވަސީލަތްތައް ޑުޕްލިކޭޓްނުކޮށް، އެއް ފުރާޅެއްގެ ދަށުން އެ މަރުކަޒުތައް ހިންގުމަށެވެ. އެކަމަކު އޭގެ 20 އަހަރު ފަހުން މިހާރު މި ފެންނަނީ އޭގެ އިދިކޮޅު މަންޒަރެވެ. ސަރުކާރުގެ ބޮޑެތި ކުންފުނިތަކާއި ބައެއް އިދާރާތަކުގެ "ކޮޓަރީ"ގައި އިންސްޓިޓިއުތައް ހަދައިގެން ޓްރެއިނިން ދޭ ތަނެވެ؛ ރައްޔިތުންގެ ފައިސާއިން ހިންގާ ސަރުކާރުގެ ދެ ޔުނިވާސިޓީ އަދި ވޮކޭޝަނަލް ތަމްރީނުތަކަށް ހާއްސަ މޯލްޑިވްސް ޕޮލިޓެކްނިކް ބޭނުން ނުހިފަނީ ކީއްވެ ހެއްޔެވެ؟

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ތަފާތު އެކި ތަމްރީނުތައް ދިނުމަށް 192 މަރުކަޒެއް ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ އިދާރާ/ކުންފުނިތައް ވެސް މަދެއް ނޫނެވެ.

ޓްރެއިނިންތައް ހިންގަން އެމްއޭސީއެލް އޭވިއޭޝަން އިންސްޓިޓިއުޓް، އެމްއެމްއޭ ޓްރެއިނިން އިންސްޓިޓިއުޓު، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، މީރާގެ މޯލްޑިވްސް ޓެކްސް އެކަޑަމީ، އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓް އަދި ކަރެކްޝަނަލް ސާވިސްގެ އިންސްޓިޓިއުޓު ފޯ ކަރެކްޝަނަލް ސްޓަޑީޒް ހިމެނެ އެވެ. މިދިޔަ މަހުގެ ތެރޭގައި "ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރެއިނިން އެންޑް ރިސާޗު"ގެ ނަމުގައި ފެނަކަ ކޯޕަރޭޝަނުން ވެސް ވަކި އިންސްޓިޓިއުޓެއް ވަނީ އުފައްދައިފަ އެވެ.

ކަރެކްޝަނަލް ސާވިސްގެ ޓްރެއިނިން އިންސްޓިޓިއުޓުގެ ޓްރެއިނިން އަށް ހުޅުވާލައި ކޮށްފައިވާ ޕޯސްޓެއް.

ސުވާލަކީ ދައުލަތުގެ ބަޖެޓުން ގައުމީ ޔުނިވަސިޓީ އެމްއެންޔޫއަށް މި އަހަރު 241 މިލިއަން ރުފިޔާ، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އަށް 49.2 މިލިއަން ރުފިޔާ އަދި މޯލްޑިވްސް ޕޮލިޓެކްނިކަށް 14 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު ބޮޑެތި ކުންފުނިތަކާއި އިދާރާތަކަށް އެތަންތަނުގެ ބޭނުން ނުހިފެނީ ކީއްވެ ހެއްޔެވެ؟

އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފް ވިދާޅުވީ މަތީ ތައުލީމާއި ތަމްރީނަށް ހާއްސަ މަރުކަޒުތަކެއް ހުންނައިރު، ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން އެފަދަ އިންސްޓިޓިއުޓުތައް ހެދުމަކީ ރިސޯސަސް ޑުޕްލިކޭޓްކުރުން ކަމަށެވެ.

އިންސްޓިޓިއުޓް ހަދައިގެން އެ ތަންތަނުން ޓްރެއިނިން ހިންގަނީ މުވައްޒަފުންނަށެވެ. ނޫނީ ބޭނުންވާ މަސައްކަތް ކުރާނެ މީހުން ތަމްރީނުކުރާށެވެ.

"ދައުލަތުގެ ވަރަށް ބައިވަރު ލާރި މި ހޭދަވަނީ ތަމްރީނުދޭ ތަންތަން ހަދާފައި ހުއްޓައި ވަކިވަކި އިންސްޓިޓިއުޓު ހަދަމުންދާތީވެ. އެއީ އެހާ އަސްލު އެފެކްޓިވް ގޮތެއް ނޫން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ޑރ. ޝަރީފް ވިދާޅުވި އެވެ.

"ރިސޯސަސް ވެސް ޑުޕްލިކޭޓް ނުކުރަން އެއީ މިހާރު މަތީ ތައުލީމާ ބެހޭ ބިލުގައި ވެސް އެންމެ ބޮޑަށް ފާހަގަކުރާ އެއް ކަންތައް. އެކަމަކު އެހެން އޮއްވައި ވެސް ޑުޕްލިކޭޓް މި ވަނީ. އަޅުގަނޑަށް ހީވަނީ އެއީ އެހާ އެދޭ ގޮތެއް ނޫންހެން."

އެމްއެންޔޫގެ ބިޒްނަސް ސްކޫލަކީ، ވަރަށް ކުރިންސުރެ މެނޭޖްމަންޓް ފަދަ ކޯސްތަކަށް ކިޔަވައިދެމުން އަންނަ ތަނެކެވެ. އެކަމަކު ވަކިވަކި ކުންފުނިތަކުން މެނޭޖްމަންޓް ދާއިރާއިން ކިޔަވައިދޭން ފެށުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށާއި އިންޑަސްޓްރީއާ ނުގުޅޭ ކަންތައްތަކެއް އެމްއެންޔޫގެ ސިލަބަހުގައި ހުރި ނަމަ ޖެހޭނީ ބަދަލެއް ގެންނަންކަން ޑރ. ޝަރީފް ފާހަގަކުރެއްވި އެވެ.

ސަރުކާރުގެ ތެރޭގައި ވެސް ރިސޯސަސް ޑުޕްލިކޭޝަން!

ކޮލެޖު އޮފް ހަޔަ އެޑިއުކޭޝަންގެ ދަށުން ވޮކޭޝަނަލް ޕްރޮގްރާމްތައް ހިންގުން ވީ އުނދަގޫ ކަމަކަށެވެ. އޭގެ ނަތީޖާއަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިން" (މިވެޓް) އުފަންވުމެވެ. ޓެކްނިކަލް ދާއިރާތަކުން މީހުން ބިނާކުރަން، މޯލްޑިވްސް ޕޮލިޓެކްނިކް އުފެއްދީ އޭގެ ފަހުން އޭޕްރީލް 12، 2010 ގަ އެވެ.

ޕޮލިޓެކްނިކް އުފައްދައި ރައީސް އޮފީހުން އޭޕްރީލް 13، 2010 ގައި ނެރުނު ދެންނެވުމުގައި ވަނީ މޯލްޑިވްސް ޕޮލިޓެކްނިކް އުފެއްދީ މިވެޓްގެ މަސައްކަތްތަކާއި ކޮލެޖް އޮފް ހަޔަ އެޑިޔުކޭޝަންގެ ފެކަލްޓީ އޮފް އިންޖީނިއަރިން ޓެކްނޮލޮޖީން ހިންގާ ޑިގްރީ ލެވެލްއަށް ވުރެ ދަށުގެ ކޯސްތައް ހިންގަން ކަމަށެވެ. އެމްއެންޔޫގެ ގާނޫނުގައި ބުނަނީ، އެ ޔުނިވާސިޓީގެ މަގުސަދުގެ ތެރޭގައި ޔުނިވާސިޓީން ކިޔަވައިދޭ ކޯސްތަކާއި ލިބިދޭ ތަމްރީނާއި ތައުލީމާ ގުޅިގެން ބެޗެލާސް، މާސްޓާސް އަދި ޕީއެޗްޑީ އާއި އެ ނޫން ވެސް ސަނަދުތަކާއި އެވޯޑުތައް ދިނުން ހިމެނެ އެވެ.

އެކަމަކު ގައުމީ ޔުނިވާސިޓީ އާއި ޕޮލިޓެކްނިކްގައި ހިންގާ ބައެއް ކޯސްތަކުގައި ވެސް ފުށުއެރުންތަކެއް ހުރިކަމަށް ޑރ. ޝަރީފް ވިދާޅުވި އެވެ. އެގޮތުން ހޮސްޕިޓާލިޓީ އާއި ކަލިނަރީގެ ފެންވަރު ރަނގަޅު ކޯސްތަކެއް އެމްއެންޔޫގައި ހިންގަމުން އަންނައިރު ހަމަ އެއާ ގުޅޭ ކޯސްތައް ޕޮލިޓެކްނިކްގައި ވެސް ހިންގަ އެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ މައި މަރުކަޒު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ މައި މަރުކަޒު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޑރ. ޝަރީފް ވިދާޅުވީ މުޅި ޕޮލިޓެކްނިކަކީ އެމްއެންޔޫ އިން ހިންގަމުން އައި އިންޖީނިއަރިން ފެކަލްޓީ ކަމަށެވެ. ނަމަވެސް ޖާގައިގެ ދަތިތައް ކުރިމަތިވެފައިވާ އެމްއެންޔޫއަށް އެ ފެސިލިޓީ ބޭނުންކުރަން ނުދޭތީ އޭނާ ކަންބޮޑުވެވަޑައިގަނެ އެވެ.

އެމްއެންޔޫގައި ހިންގާ ޕްރޮގްރާމްތަކާ އެއްގޮތްވުމާއި އެކި އިދާރާތަކުން އިންސްޓިޓިއުޓުތައް ހެދުމަކީ މައްސަލައެއް ކަމަކަށް، ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ޕޮލިޓެކްނިކްގެ ސީއީއޯ އަހުމަދު ނާސިރު ގަބޫލެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ ހުރިހާ ދާއިރާތަކުން މީހުން ތަމްރީނުކުރުން ކަމަށް ވެފައި އެކަން ކުރެވޭނީ އެންމެން ގުޅިގެން ކަމަށެވެ.

ނާސިރު ވިދާޅުވި ގޮތުގައި ކޮލެޖު/ޔުނިވާސިޓީ އާއި ޕޮލިޓެކްނިކްގެ ކިޔަވައިދިނުން ވަރަށް ތަފާތުވާނެ އެވެ. ޕޮލިޓެކްނިކް ޕްރޮގްރާމްތަކުގެ 60-70 ޕަސެންޓް ބިނާވެފައި އޮންނާނީ އަމަލީ މަސައްކަތަށް ކަމަށް ވިއަސް ޔުނިވާސިޓީގެ ބޮޑު ބައި އޮންނަނީ އެސައިމަންޓުތަކަށް ކަމަށް ހާއްސަކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"...ހަގީގަތުގައި ބޭކަރީއެއް ކަމުގައި ވިއަސް އެ ވެސް ކަލިނަރީ އާޓްސްއެއް. އެއީ ވޮކޭޝަނަލްއެއް. ކުކަރީ ވިއަސް. މިހެން ހުރި ހުރިހާ ދާއިރާއެއްގައި އެބަހުރި ޓިވެޓް ސިސްޓަމް ތެރެއިން ހަދާފައި ހުރި ކަރިކިއުލަމްތައް. އެ އެއްޗެހި ވެސް އޭގެ ޒާތުގައި ޑެލިވާކުރަން މި އޮންނަނީ ޕޮލިޓެކްނިކަށް. އަޅުގަނޑުމެން ޑިގްރީއެއް އޮފާއެއް ނުކުރާނެ. އެންމެ މައްޗަށް ވެސް ކިޔަވައިދޭނީ ޑިޕްލޮމާއަށް،" ނާސިރު ވިދާޅުވި އެވެ.

"އޮފީސް މެނޭޖްމަންޓު ކޯހުގައި ވެސް އަޅުގަނޑުމެން އޮފާއެއް ނުކުރަން ގޮސްފައި ޑިގްރީއާ ހަމައަކަށް، ޑިޕްލޮމާއަކަށް. މީގައި ވާ ގޮތަކީ، މި ތަނުން [ޕޮލިޓެކްނިކުން] މަސައްކަތްތެރިކަން ދަސްކޮށްފައި ނުކުންނަ ދަރިވަރުން އެބަ އަމިއްލަ ކުންފުނިތައް އުފައްދާ، އަމިއްލަ ވިޔަފާރިތައް އުފައްދާ. އެހެންވީމަ އެ ކުދިންނަށް އެ ކަމުގެ ހުނަރު ދަސްކޮށްދޭން ޖެހޭ. އެ ބޭނުމަށް އަސްލު އަޅުގަނޑުމެން އިންޓްރޮޑިއުސްކުރި އެއްޗެއް މިއީ."

ނާސިރު ވިދާޅުވި ގޮތުގައި އިގުތިސޯދާއި ސަރުކާރުގެ ސިޔާސަތަށް އަންނަ ކޮންމެ ބަދަލަކާ އެކު ޕޮލިޓެކްނިކްގެ ޕްރޮގްރާމްތަކަށް ބަދަލު ގެންނަން ޖެހެ އެވެ.

އެމްއެންޔޫގައި ހިންގި ކަމަށް ވިއަސް ޕޮލިޓެކްނިކްގައި ވެސް ޕްރޮގްރާމްތައް ހިންގަން ޖެހޭކަން އޭނާ ގަބޫލުކުރައްވަ އެވެ. އެގޮތަށް ނުހިންގައިފި ނަމަ، ނާސިރު ވިދާޅުވި ގޮތުގައި، ވަރަށް ގިނަ ބަޔަކަށް ފުރުސަތު ގެއްލިގެންދާނެ އެވެ. އޭގެ މިސާލެއްގެ ގޮތުން ދެއްކެވީ، ޕޮލިޓެކްނިކްގައި ލެވެލް ތިނެއްގެ ޕްރޮގްރާމަކަށް ބޭސިކް އެޑިއުކޭޝަން ފުރިހަމަ ނުކުރާ ކުދިންނަށް ވެސް ފުރުސަތު ދިނުމެވެ. ޔުނިވާސިޓީން އެ ކުދިންނަށް ފުރުސަތެއް ނުދޭނެ ކަމަށް ވިދާޅުވި އެވެ.

"ދެން އެ ކުދިން ކޮން ތާކަށްތޯ ދާނީ؟ ލެވެލް 1، ލެވެލް 2 އަދި ލެވެލް 3 އިން މި ދާއިރާތަކުން މީހުން، ކުދިން އަސްލު ވައްދަން އެބަ ޖެހޭ. ސޮސައިޓީގެ ހުރިހާ ފަރާތަކަށް ވެސް އެ އޮޕޮޗިއުނިޓީ ފޯރުކޮށްދޭން އެބަ ޖެހޭ. އެ އޮޕޮޗިއުނިޓީ ކްރިއޭޓްކޮށްދެނީ މި ތަނުން....އަޅުގަނޑުމެން ހުއްޓާލައިފި ކަމަށްވާ ނަމަ އެ މީހުންނަށް އެ ފުރުސަތުން މަހުރޫމްވީ ގާތްގަނޑަކަށް މިހާރު އޮތް ގޮތުން ވެއްޖިއްޔާ،" ނާސިރު ވިދާޅުވި އެވެ.

ވަސީލަތްތައް އިސްރާފުނުކުރުމަށް ނޮވެމްބަރު 17، 2019 ގައި ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދައުލަތުގެ މުއައްސަސާތަކުން މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒު ރަޖިސްޓްރީކޮށް ހިންގުމުގެ އުސޫލެއް ހަދައިފަ އެވެ. އެފަދަ އުސޫލެއްގެ މަގުސަދަކީ އެއް މިންގަނޑެއްގެ ދަށުން ހަމަހަމަކަމާ އެކު ދައުލަތުގެ މުއައްސަސާތަކަށް ތަމްރީނު ހިންގޭނެ މަގު ފަހިކޮށްދިނުމާއި ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ ފެންވަރު ކަށަވަރުކުރުމާއި ދައުލަތުން ތަމްރީނަށް ކުރާ ހޭދަ ކުޑަކުރުމެވެ.

އޭގައި ބުނާ ގޮތުން ދައުލަތުގެ މުއައްސަސާތަކަށް މައިގަނޑު ގޮތެއްގައި ހިންގޭނީ އެ މުއައްސަސާއަށް ހާއްސަ ދާއިރާއިން މުވައްޒަފުން އަހުލުވެރިކުރުވުމުގެ "އޮން ދަ ޖޮބް ޓްރެއިނިން" ޕްރޮގްރާމްތަކެވެ. މުވައްޒަފުންގެ އިތުރުން އާއްމުންނަށް ކޯސް ހިންގޭނީ މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ. އޭރަށް ވެސް ހިންގޭނީ ހާއްސަ ދާއިރާގެ ކޯސްތައް އެކަންޏެވެ.

ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ހިމެނޭ ކޯސްތައް ހިންގުމުގެ ހުއްދަ ދޭނީ އެ މުއައްސަސާގެ މެންޑޭޓުގައި ނުވަތަ އިދާރާގެ މެންޑޭޓުގައި ތަމްރީނު ދިނުން ހިމެނޭ ދައުލަތުގެ ނުވަތަ މަތީ ތައުލީމު ދޭ އަމިއްލަ މަރުކަޒުތަކުން ހިންގަން ދަތިވާ ފަދަ ވަކި ހާއްސަ ރޮނގުތަކުގެ ތަމްރީން ބޭނުންވާ މުއައްސަސާތަކަށް ނުވަތަ އިދާރާތަކަށެވެ. އެ ކޯސްތައް ހިންގަންވާނީ އެމްކިއުއޭގެ ހުއްދަ ލިބިގެންނެވެ.

މޯލްޑިވްސް ޕޮލިޓެކްނިކް ހިންގާ އިދާރާ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މޯލްޑިވްސް ޕޮލިޓެކްނިކް ހިންގާ އިދާރާ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ތަމްރީން ދޭ މަރުކަޒު ރަޖިސްޓްރީކުރުމަށް ފަހު ކޮންމެ ތިން އަހަރަކުން އެ މަރުކަޒެއްގެ ފެންވަރު ހިފެހެއްޓިފައިވޭތޯ މިނިސްޓްރީން އޮޑިޓްކުރާނެ އެވެ. އޭގެ ކުރިން ވެސް މައްސަލައެއް ދިމާވެއްޖެ ނަމަ އެތަނެއް އޮޑިޓްކުރުމުގެ ބާރު މިނިސްޓްރީ އަދި އެމްކިއުއޭއަށް ލިބެ އެވެ.

ހައްދެއް ނެތް މިންވަރަށް ޓްރެއިނިން އިންސްޓިޓިއުޓުތައް!

ވޮކޭޝަނަލް އެޑިއުކޭޝަން ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅަކު، ނަން ނުޖެހުމަށް ޝަރުތުކޮށް، ވިދާޅުވީ ވޮކޭޝަނަލް ތަމްރީނުތަކާއި ޓްރެއިނިންތައް ދިނުމަށް ވަކި ހާއްސަ އިދާރާއެއް އުފައްދާފައިވާއިރު، ވަކިވަކި ކުންފުނިތަކުން އިންސްޓިޓިއުޓުތައް ހަދައިގެން ކުރިއަށް ގެންދިއުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެންމެ ފައިދާހުރި ގޮތަކަށް ވާނީ ތައުލީމާއި ތަމްރީންތަކަށް ސަރުކާރުން އުފައްދާފައިވާ ތަންތަނުގެ ބޭނުންކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޮޑެތި ކުންފުނިތަކަކީ ޕޮލިޓެކްނިކަށް އެހީތެރިކަން ދޭން ޖެހޭ ތަންތަން ކަމަށެވެ. އެހެންކަމުން ޕޮލިޓެކްނިކް ތަރައްގީކުރަން އެ ތަންތަނުން ފުރުސަތު ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ. ހަމަ އެ އުސޫލުން، އެމްއެންޔޫގައި ހިންގާ ކޯސްތައް ޕޮލިޓެކްނިކްގައި ވެސް ހިންގާއިރު، މަތީ ތައުލީމުގެ ދާއިރާއަށް ބަދަލު ގެންނަން ޖެހޭނެ ކަން ފާހަގަކުރެއްވި އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ހަރުދަނާ އުސޫލެއްގެ ތެރެއިން ކަންކަން ހިނގާނީ އެ މަގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އޮތް މަތީ ތައުލީމުގެ ބިލް ފާސްވުމުން، ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ އިންސްޓިޓިއުޝަންތަކުގެ މައްސަލައަށް ހައްލެއް ލިބުން އެކަށީގެންވެ އެވެ.

ވޮކޭޝަނަލް ޓްރޭނިން ދާއިރާގެ އެހެން ބޭފުޅަކު ވިދާޅުވީ ކުންފުނިތަކުން އަމިއްލަ އިންސްޓިޓިއުޓް ހެދުމުން، ޓްރެއިނިންނަށް ކުޑަ އަގެއްގައި ނުވަތަ އަގެއް ނުދީ ވެސް ދަރިވަރުން ނެގޭނެ ކަމަށެވެ. އެގޮތަށް ފުރުސަތު ދިނުމުން ޓްރެއިނިން ނިމެންދެން އެ ތަނެއްގައި ދަރިވަރުން ގެންގުޅެވޭނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ގިނަ ތަންތަނުން، އިންސްޓިޓިއުޓް ހިންގަނީ އެ ކުންފުންޏެއްގެ ނުވަތަ އިދާރާއެއްގައި މަސައްކަތްކުރާ މުވައްޒަފުން ތަމްރީނުކުރަން އެކަނި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ބޮޑަށް ބުރަވެވެވީ މި އިން ނުކުންނާނެ ގޯސް ނަތީޖާއަށް. އޭގެ ރީޒަން އަކީ ރިސޯސް ޑުޕްލިކޭޝަނާއި ލޭބަ އެކްސްޕްލޮއިޓޭޝަން. ޓިވެޓް އޮތޯރިޓީ ނޫނީ އެމްކިއުއޭ ސްޓްރޯންގް ނުވާހާ ހިނދެއްގައި، އެ މީހުން އެބަ ޖެހޭ ސްޓްރޯންގް ގައިޑްލައިންތަކެއް ހަދަން. ނުހަދާ ހިނދެއްގައި އެ އިންސްޓިޓިއުޓަކަށް އެކްސްޕްލޮއިޓްކުރުމުގެ ޗާންސް ވަރަށް ބޮޑުވާނެ،" އޭނާ ވިދާޅުވި އެވެ.

އައިޔޫއެމްގެ ދަސްވެނިވުމުގެ ހަފުލާގައި ބައިވެރިވި ބައެއް ދަރިވަރުން.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އައިޔޫއެމްގެ ދަސްވެނިވުމުގެ ހަފުލާގައި ބައިވެރިވި ބައެއް ދަރިވަރުން.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެކަމަކު ނާސިރު ވިދާޅުވީ އިންސްޓިޓިއުޓުތައް ރަޖިސްޓްރީކޮށްދެނީ ވަކި އުސޫލަކުން ކަމަށް ވާތީ އެފަދަ ތަންތަން ހުރުމުން ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށެވެ. ގިނަ އިންސްޓިޓިއުޓުތައް ހުރުމުން ގަބޫލުކުރެވެނީ ގިނަ މީހުންނަށް ފުރުސަތު ދެވޭނެ ކަމަށާއި ގިނަ މީހުން އޭގެ ތެރޭގައި އުޅޭ ވަރަކަށް މި ކަން ފުޅާވެގެން ދާނެ ކަމަަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު އެކަމަށް މަރުހަބާ ކިޔަން. އިންސްޓިޓިއުތައް ހަދައިގެން ބައެއް ކަހަލަ ރިސޯސަސް ނެތިގެން އަޅުގަނޑުމެންނާ ހަމައަށް އައިމަ އަޅުގަނޑުމެން އެ ރިސޯސްތައް ވެސް ޕްރޮވައިޑްކޮށްދެން. ކުންފުނިތަކުން އިންސްޓިޓިއުޓުތައް ހަދައިގެން މިކަން ކުރުމަކުން ނުކުންނާނެ ނޭދެވޭ ނަތީޖާއެއް އަޅުގަނޑުމެންނަކަށް ނުފެނޭ. އަޅުގަނޑުމެންނަށް ފެންނަނީ އެއިން އަސްލު ރަނގަޅު ނަތީޖާ ގިނަ ދުވަހު ސަސްޓެއިންކޮށް ކުރެވިއްޖެ ކަމުގައިވިއްޔާ،" ނާސިރު ވިދާޅުވި އެވެ.

ފެނަކަގެ ބަސް: އިންސްޓިޓިއުޓާ އެކު ބޮޑު ބަދަލެއް ފެންނާނެ

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވި ގޮތުގައި ފެނަކައިން ހިދުމަތް ދޭ ކޮންމެ ތަނަކީ ޓްރެއިނިން އިންސްޓިޓިއުޓެކެވެ. އެހެންވެ އަލަށް ރަޖިސްޓްރީ ކުރި ޓްރެއިނިން އެންޑް ރިސާޗް އިންސްޓިޓިއުޓާ އެކު ފެނަކައިގެ ހިދުމަތްތަކުން ބަދަލު ފެންނާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންސްޓިޓިއުޓެއް ރަޖިސްޓްރީކުރުމުން، މުވައްޒަފުން ތަމްރީނުކުރާއިރު ބޭނުން ވަރަކަށް އިންޖީނު ރޫޅައި ރޭވޭނެ ކަމަށާއި ޕެނަލްބޯޑުތައް ވެސް ބޭނުން ވަރަކަށް ހުންނާނެ ކަމަށެވެ. ދެ ވަނަ ކަމަކީ، އިތުރު ފީތަކެއް ނުނަގައި ފެނަކައިގެ ތެރޭގައި ތިބި ތަޖުރިބާކާރުން ބޭނުންކޮށްގެން ކިޔަވައިދެވުން ކަމަށް ވިދާޅުވި އެވެ.

"އެކަމުގެ ބައިވަރު ފަސޭހަަތަކާއި ހަރަދުގެ ގޮތުން ބަލާއިރު ވެސް ވަރަށް ގިނަ ގޮތްގޮތުން މާ ފަސޭހަ ގޮތަށް، އަމިއްލަ އިންސްޓިޓިއުޓެއް ހަދައިގެން ކުރިއަށްދެވޭނެ ކަމަށް ފެންނާތީ އިންސްޓިޓިއުޓް އުފެއްދީ،" ސައީދު ވިދާޅުވި އެވެ.