Roadha Mihaaru
ވައިސް ޗާންސެލަރުންނަށް ޝަރީފާއި ޒަކަރިއްޔާ

އެމްއެންޔޫގެ ވައިސް ޗާންސެލަރަކަށް ޑރ. ޝަރީފް، އައިޔޫއެމަށް ޑރ. ޒަކަރިއްޔާ

20 އޯގަސްޓް 2019

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ވައިސް ޗާންސެލާގެ މަގާމަށް ޑރ. މުހައްމަދު ޝަރީފް އަދި އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރަކަށް ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ މިއަދު އައްޔަންކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ވައިސް ޗާންސެލާގެ މަގާމަށް ޑރ. މުހައްމަދު ޝަރީފް އަދި އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރަކަށް ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ މިއަދު އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި، އެ ދެ ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލަރަކަށް ޝަރީފް އައްޔަންކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި ޑރ. އަލީ ފަވާޒު ޝަރީފް ވަކިކުރެއްވުމަށް ފަހުގަ އެވެ.

އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރުކަން ވެސް ކުރިން ކުރެއްވި ޝަރީފް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުުގައި މާފަންނު ހުޅަނގު ދާއިރާ އަށް އެމްޑީޕީގެ ޕްރައިމަރީގައި މިފަހަރު ވާދަކުރެއްވި އެވެ. ނަމަވެސް އެ އިންތިޚާބު އޭނާއަށް ކާމިޔާބެއް ނުވި އެވެ.

އިންޖީނިއަރިންގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ޝަރީފް ވަނީ ހައުސިންގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.

އައިޔޫއެމްގެ ވައިސް ޗާންސެލަރަކަށް ޒަކަރިއްޔާ އައްޔަންކުރެއްވީ އެ މަގާމުގައި ހުންނެވި އައިޝާ ހަލީލާ ވަކިކުރެއްވުމަށް ފަހުގަ އެވެ. ޒަކަރިއްޔާ މިހާތަނަށް ހުންނެވީ އެ ޔުނިވާސިޓީގެ ސެންޓާ ފޯ ޕޯސްޓް ގްރެޖުއޭޓްގެ ޑީނަކަށެވެ. އޭނާ ވަނީ މައުހަދުގެ ރެކްޓާގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

ދެ ޔުނިވާސިޓީގެ ގާނޫނު ބުނާގޮތުން، އެ ދެ ތަން ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވާނީ ވައިސް ޗާންސެލާ އެވެ.

ދެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭފުޅުން ހަމަޖައްސާފައިވަނީ، ގައުމީ ޔުނިވާސިޓީ އާއި އައިޔޫއެމްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން މި ފަހުން ގެނައި އިސްލާހުގެ ދަށުންނެވެ. މި މަހުގެ 5 ވަނަ ދުވަހު ތަސްދީގުކުރެއްވި އިސްލާހުގައިވާ ގޮތުން، ރައީސް ބޭފުޅުން އައްޔަންކުރައްވާނީ ޔުނިވާސިޓީގެ ޗާންސެލަރާއި ވައިސް ޗާންސެލަރުގެ މަގާމަށް އެކަންޏެވެ. ޑެޕިިއުޓީ ވައިސް ޗާންސެލާ އައްޔަންކުރާނީ ޔުނިވާސިޓީގެ ކައުންސިލުންނެވެ.

އެމްއެންޔޫ އަދި އައިޔޫއެމަށް ޗާންސެލަރުން ވެސް މިއަދު އައްޔަންކޮށްފައި ވެ އެވެ. ޑރ. ހަސަން ހަމީދު، އެމްއެންޔޫއަށް އަދި އައިޔޫއެމްގެ ޗާންސެލަރަކަށް ޑރ. ޒާހިރު ހުސެއިން ވަނީ ހަމަޖައްސަވައިފަ އެވެ.