Roadha Mihaaru
ވެކްސިނާ ދެކޮޅު އިޝްތިހާރުތައް އެފްބީގައި މަނާ

ވެކްސިނާ ދެކޮޅު އިޝްތިހާރުތައް ފޭސްބުކުން މަނާކޮށްފި

15 އޮކްޓޯބަރ 2020

މުޅި ދުނިޔެ މި ވަގުތު ތަޖުރިބާކުރަމުންދާ ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރާނެ ވެކްސިންތަކުގެ ޓްރަޔަލްތައް ކުރިއަށް ދާއިރު، ވެކްސިނާ ދެކޮޅު ކޮންޓެންޓްތައް ފޭސްބުކުން މަނާކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މުޅި ދުނިޔެ މި ވަގުތު ތަޖުރިބާކުރަމުންދާ ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރާނެ ވެކްސިންތަކުގެ ޓްރަޔަލްތައް ކުރިއަށް ދާއިރު، ވެކްސިނާ ދެކޮޅު ކޮންޓެންޓްތައް ފޭސްބުކުން މަނާކުރަން ނިންމައިފި އެވެ.

އެންމެ ނުފޫޒުގަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ އެންމެ ކުރީގައި ހިމެނޭ ފޭސްބުކުން ބުނި ގޮތުގައި ވެކްސިނާ ދެކޮޅު އެއްވެސް އެއްޗެއް ފޭސްބުކްގައި ކުރިއަށް އޮތް ދުވަސްތަކުގައި ޕްރޮމޯޓެއް ނުކުރެވޭނެ އެވެ. އެގޮތުން ވެކްސިނާ ދެކޮޅު އިޝްތިހާރުތަކާއި އެ ނޫން ވެސް އެފަދަ އެއްވެސް މެޓީރިއަލްއެއް ފޭސްބުކްގައި ދައުރު ނުކުރެވޭނެ ކަމަށް ބުންޏެވެ.

މިފަދަ ފިޔަވަޅެއް އަޅަން ނިންމިކަން އަންގާރަ ދުވަހު ފޭސްބުކުން އިއުލާންކުރި ނަމަވެސް މި ވަގުތު ވެސް ވެކްސިނާ ދެކޮޅު އެއްޗެހިތައް ފޭސްބުކްގައި އެބަހުއްޓެވެ. އެކަމާ ބެހޭ ގޮތުން ފޭސްބުކުން ބުނީ އެފަދަ ކޮންޓެންޓްތަކާ ދޭތެރޭ ދެން އަމަލުކުރާނީ ހާއްސަ އުސޫލުތަކެއްގެ ދަށުން ކަމަށެވެ.

"އަހަރެމެންގެ އެންމެ ބޮޑު އަމާޒަކީ ވެކްސިނުގެ މުހިއްމުކަން އަންގައިދިނުމާ އެކު، ވެކްސިނާ ގުޅޭ ގޮތުން ދެކެވޭ ނުރަނގަޅު ވާހަކަތައް ހުއްޓުމަކަށް ގެނައުން،" ފޭސްބުކުން ބުންޏެވެ. "އަދި ޕަބްލިކް ހެލްތު ދާއިރާ ޕްރޮމޯޓްކުރުމަކީ ފޭސްބުކުން އަބަދު ވެސް ކުރާނެ ކަމެއް."

މާކް ޒަކަބާގްގެ ފޭސްބުކުން ބުނިގޮތުގައި އަލަށް އަމަލުކުރަން ނިންމި އުސޫލަށް ވަރަށް އަވަހަށް އަމަލުކުރަން ފަށާނެ އެވެ. އެތަނުން ބުނިގޮތުގައި ވެކްސިނާ ދެކޮޅު ކޮންޓެންޓްތައް ފޭސްބުކްގައި މަނާކުރުމުގެ އިތުރަށް ވެކްސިނަށް އާންމުންގެ މެދުގައި ހޭލުންތެރިކަން އުފައްދަން އެކި ކަހަލަ ކެމްޕޭންތައް ވެސް ހިންގާނެ އެވެ.

ވެކްސިނަކީ އާންމު ގިނަ ބަލިތަކުން ރައްކާތެރިކޮށްދޭ ވަރަށް މުހިއްމު ވަސީލަތެކެވެ. ނަމަވެސް ވެކްސިނާ މެދު ނުބައި ތަސައްވުރެއް ގެންގުޅުމަކީ ދުނިޔޭގެ ބައެއް ހިސާތަކުގައި އާންމު ކަމެކެވެ.