Roadha Mihaaru
މަސްތުވެ ހުރެ ދީނަށް ފުރައްސާރަ ކުރިމީހާ ޑީޕޯޓުކޮށްފި

މަސްތުވެގެން ހުރެ ދީނަށް ފުރައްސާރަ ކުރި މީހާ ޑީޕޯޓުކޮށްލައިފި

19 އޮކްޓޯބަރ 2020

މަސްތުވެގެން ހުރެ ދީނަށް ފުރައްސާރަ ކުރި އިންޑިއާގެ ފިރިހެން މީހާ، ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްލައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މަސްތުވެގެން ހުރެ ދީނަށް ފުރައްސާރަ ކުރި އިންޑިއާގެ ފިރިހެން މީހާ، ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްލައިފި އެވެ.

މި މަހުގެ 2 ވަނަ ދުވަހުގެ ރޭ، އިންޑިއާގެ ނަފްސާނީ ޑޮކްޓަރު އެ އަމަލު ހިންގީ މަގުމަތީގަ އެވެ. ދީނަށް ފުރައްސާރަ ކުރުމުގެ އިތުރުން އޭނާ ވަނީ ރާއްޖޭގެ ޝަރުއީ ދާއިރާ އަށް ވެސް ފާޑު ކިޔައިފަ އެވެ.

މަސްތުވެގެން އެ މީހާ މަގުމަތީގައި ހަޅޭއްލެވި އިރު ފުލުހުން ވެސް އެތަނުގައި ތިއްބެވެ. އަދި ފުލުހުން އެ ރޭ އޭނާ ހައްޔަރު ކުރި ނަމަވެސް، ބަންދާ މެދު ގޮތެއް ނިންމުމަށް އޭނާ ކޯޓަށް ގެންދިއުމުން، ކޯޓުން ވަނީ އެ މީހާ ދޫކޮށްލައިފަ އެވެ.

ފުލުހުން މިއަދު ބުނީ އެއްގޮތަކަށް ވެސް އޭނާ އަށް ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްލީ މި މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. އެކަމަކު އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.

އެ ފިރިހެން މީހާ މަސްތުގެ ހާލަތުގައި ދީނަށް ފުރައްސާރަ ކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވުމާ އެކު ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި އެވެ. އެކަމަކު ފަހުން އޭނާ ވަނީ، ވީޑިއޯއެއްގެ ޒަރީއާ އިން އެކަމަށް މާފަށް އެދިފަ އެވެ.