Roadha Mihaaru
މެގައިގެ ދިއްލީ ދަތުރުތައް ނޮވެމްބަރު 14 ގައި ފަށަނީ

މެގަ އިން ދިއްލީ އަށް އަންނަ މަހު 14 ގައި ދަތުރު ފަށަނީ، ހަފްތާއަކު ތިން ފްލައިޓް

31 އޮކްޓޯބަރ 2016

ރާއްޖޭގެ އަމިއްލަ އެއާލައިނެއް ކަމަށްވާ މެގަ މޯލްޑިވްސް އިން އަންނަ މަހުގެ 14 ގައި އިންޑިއާ އަށް ދަތުރު ފަށަން ނިންމައި ޓިކެޓް ވިއްކަން ފަށައިފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ރާއްޖޭގެ އަމިއްލަ އެއާލައިނެއް ކަމަށްވާ މެގަ މޯލްޑިވްސް އިން އަންނަ މަހުގެ 14 ގައި އިންޑިއާ އަށް ދަތުރު ފަށަން ނިންމައި ޓިކެޓް ވިއްކަން ފަށައިފި އެވެ.

މެގަ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އަށް ސީދާ ކުރާ ދަތުރުތަކުގައި ހަފްތާއަކު ތިން ފްލައިޓް ބާއްވާނެ ކަމަށެވެ.

ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ފްލައިޓްތައް ބާއްވާ އިރު، ކޮންމެ ދުވަހަކު ވެސް މާލެ އިން ފުރާނީ މެންދުރު ފަހު 3:15 ގަ އެވެ. ބުރާސްފަތި ދުވަހު އިންޑިއާ އަށް ދާ ފްލައިޓް ހުކުރު ދުވަހު ހެނދުނު އިންޑިއާ ގަޑިން 10:00 ގައި ދިއްލީން ފުރައިގެން މެންދުރު ފަހު 1:50 ގައި ރާއްޖެ އަންނަން ހަމަޖައްސާފައި ވާއިރު، ހޯމަ ދުވަހު ދިއްލީ އަށް ދާ ފްލައިޓް އެނބުރި މާލެ އަންނަން ހަމަޖެހިފައި ވަނީ އަންގާރަ ދުވަހު އިންޑިއާ ގަޑިން ހެނދުނު 8:50 ގައި ފުރައިގެން މެންދުރު ފަހު 12:35 ގަ އެވެ. އަދި ހޮނިހިރު ދުވަހު އިންޑިއާ އަށް ދާ ފްލައިޓް އެނބުރި ރާއްޖެ އަންނާނީ އާދިއްތަ ދުވަހު އިންޑިއާ ގަޑިން ހެނދުނު 8:50 ގައި ފުރައިގެން މެންދުރު ފަހު 12:35 ގަ އެވެ.

މެގަ އިން މިދިޔަ މަހު އަލަށް ގެނައި ބިޒްނަސް ކްލާސް 12 ސީޓް އަދި އިކޮނޮމީ ކްލާސް 156 ސީޓް ހިމެނޭ ބޮއިން 800-737 މަރުކާގެ ބޯޓުގައި ކުރާ އިންޑިއާ ދަތުރުުތަކުގެ ދެކޮޅު ޓިކެޓެއް ވިއްކަނީ 389 ޑޮލަރު (5998.38 ރުފިޔާ) އަށެވެ. އެއްކޮޅު ދަތުރެއްގެ އަގު އުޅެނީ 234.5 ޑޮލަރު (3615.99 ރުފިޔާ) ގަ އެވެ.

ރާއްޖެ އިން ދިއްލީ އަށް ސީދާ ދެވޭނެ ގޮތެއް މިހާރަކު ނޯވެ އެވެ. ދިއްލީ އަށް ދަތުރުކުރާ މީހުން އެންމެ އާއްމުކޮށް ބޭނުންކުރަނީ އިންޑިއާގެ ބެންގަލޫރު މަގެވެ. ނަމަވެސް މާލެ އިން ބެންގަލޫރަށް ސީދާ ދިއުމަށް ފަހު، ބެންގަލޫރުން ދިއްލީ އަށް ދާން ޖެހޭތީ ދަތުރު ދިގުވެ އެވެ. އެ މަގުން ކުރާ ދަތުރަށް ގާތްގަނޑަކަށް ނުވަ ގަޑިއިރު ހޭދަކުރަން ޖެހެ އެވެ.

ނަމަވެސް، މެގަ އިން އިންޑިއާ އަށް ކުރާ ދަތުރަކަށް ހޭދަވަނީ 3 ގަޑިއިރު 40 މިނިޓެވެ. އަދި 4 ގަޑިއިރު 20 މިނިޓުން އެނބުރި މާލެ އާދެވެ އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު މިހާރު ދަތުރުކުރާ ހަމައެކަނި ދިވެހި އެއާލައިނަކީ ގައުމީ އެއާލައިން، މޯލްޑިވިއަން އެވެ. އެ އެއާލައިނުން އުދުހެނީ ދިވެހިން އާއްމުކޮށް ބޭސްފަރުވާ އަށް ދާ ޓްރިވެންޑްރަމްގެ އިތުރުން ޗެންނާއީ އަށެވެ. އޭގެ އިތުރުން، އިންޑިއާގެ ގައުމީ އެއާލައިނުންނާއި އެ ގައުމުގެ ބައެއް އަމިއްލަ އެއާލައިންތަކުން މާލެ އާއި އިންޑިއާގެ ބައެއް ސިޓީތަކަށް އުދުހެ އެވެ. އޭގެ ތެރޭގައި ބެންގަލޫރާއި ކޮޗިން ފަދަ ތަންތަން ހިމެނެ އެވެ.

މާލެ އާއި ދިއްލީއާ ދެމެދު ދަތުރުތައް ފަށަން މެގަ މޯލްޑިވްސް އިން ތައްޔާރުވަމުން އަންނައިރު، ރާއްޖެ ޒިޔާރަތްކުރާ އިންޑިއާ ޓޫރިސްޓުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެ ގޮތުން، މި އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަނީ 25 ޕަސެންޓް އިތުރެވެ.

މެގަ އިން އަންނަ މަހު ސްރީ ލަންކާ އަށް ވެސް ދަތުރުތައް ފަށަން ވަނީ ނިންމައިފަ އެވެ. އެ ގޮތުން، ފުރަތަމަ ފްލައިޓް އަންނަ ބުރާސްފަތި ދުވަހު ބާއްވާ އިރު، ކޮލަމްބޯ އަށް ވެސް ހަފްތާއަކު ތިން ފްލައިޓް ބާއްވާ ގޮތަށް ހަމަޖައްސާފައިވެ އެވެ.