Roadha Mihaaru
މެގަ އިން އިންޑިއާ އަށް ދަތުރުތައް ފަށައިފި

މެގަ އިން އިންޑިއާ އަށް ދަތުރުތައް ފަށައިފި، އަންނަ މަހުގެ ނިޔަލަށް ހާއްސަ އަގެއް

17 ނޮވެމްބަރ 2016

ރާއްޖޭގެ އެންމެ ބޮޑު ބައިނަލްއަގުވާމީ އެއާލައިން ކަމަށްވާ މެގަ މޯލްޑިވްސް އިން މިއަދު އިންޑިއާ އަށް ދަތުރުތައް ފަށައިފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ރާއްޖޭގެ އެންމެ ބޮޑު ބައިނަލްއަގުވާމީ އެއާލައިން ކަމަށްވާ މެގަ މޯލްޑިވްސް އިން މިއަދު އިންޑިއާ އަށް ދަތުރުތައް ފަށައިފި އެވެ.

މެގަ އިން ނެރުނު ބަޔާނެއްގަައި ބުނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އަށް ކުރާ މި ދަތުރުތަކުގައި ފުރަތަމަ ފްލައިޓް ރާއްޖޭ ގަޑިން ހަވީރު 3:15 ގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ފުރާފައިވާ ކަމަށެވެ. އަދި އެ ފްލައިޓް އިންޑިއާ ގަޑިން މިރޭ 7:25 ގައި ދިއްލީ އެއާޕޯޓުގައި ޖައްސާފައިވާ ކަމަށް ވެސް ބުންޏެވެ.

މެގަ އިން ދިއްލީ އަށް ބާއްވަނީ ހަފުތާއަކު ތިން ފްލައިޓެވެ. އެގޮތުން، ކޮންމެ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެ ފްލައިޓްގެ ދަތުރު އޮންނަ އިރު، މިއީ މާލެ އާއި ދިއްލީއާ ދެމެދު އޮންނަ ހަމައެކަނި ސީދާ ފްލައިޓެވެ.

މީގެ ކުރިން ރާއްޖެ އިން ދިއްލީ އަށް ދަތުރުކުރާ މީހުން އެންމެ އާންމުކޮށް ބޭނުން ކުރަނީ އިންޑިއާގެ ބެންގަލޫރު މަގެވެ. ނަމަވެސް މާލެ އިން ބެންގަލޫރަށް ސީދާ ދިއުމަށް ފަހު ބެންގަލޫރުން ދިއްލީ އަށް ދާން ޖެހޭތީ އެ މަގުން ކުރާ ދަތުރުތަކުގައި ގާތްގަނޑަކަށް ނުވަ ގަޑިއިރު ހޭދަ ކުރަން ޖެހެ އެވެ.

މެގަ އިން މިދިޔަ ސެޕްޓެމްބަރު މަހު އަލަށް ގެނައި ބިޒްނަސް ކްލާސް 12 ސީޓު އަދި އިކޮނޮމީ ކްލާސް 156 ސީޓު ހިމެނޭ ބޮއިން 800-737 މަރުކާގެ ބޯޓުގައި ކުރާ ދިއްލީ ދަތުރުުތަކުގެ ދެކޮޅު ޓިކެޓެއް ވިއްކަނީ 389 ޑޮލަރު (5998.38 ރުފިޔާ) އަށެވެ. އެއްކޮޅު ދަތުރެއްގެ އަގު އުޅެނީ 234.5 ޑޮލަރު (3615.99 ރުފިޔާ) ގަ އެވެ.

ނަމަވެސް، ދިއްލީ އަށް ދަތުރު ފެށުން ފާހަގަ ކުރުމަށް މެގަ އިން ވަނީ ހާއްސަ އަގެއް ތައާރަފްކޮށްފަ އެވެ. އެ ގޮތުން، އަންނަ މަހުގެ ނިޔަލަށް ކުރި އަށް ގެންދާ މި ޕްރޮމޯޝަންގައި ދިއްލީ ދެކޮޅު ޓިކެޓެއް 199 ޑޮލަރަށް ވިއްކަން ވަނީ ނިންމައިފަ އެވެ.

ދިއްލީގެ އިތުރުން މެގަ އިން އަންނަނީ ހަފުތާ އަކު ދެ ފްލައިޓް އިންޑިއާގެ ވިޔަފާރި މަރުކަޒު ކަމަށްވާ މުމްބާއީ އަށް ވެސް ބާއްވަން ތައްޔާރުވަމުންނެވެ.

އެމެރިކާ ކުންފުންޏަކާއި ދިވެހި ކުންފުންޏެއް ގުޅިގެން 2009 ގައި ފެށި މެގަ މޯލްޑިވްސްގެ ފަސް ވަނަ އަހަރީ ދުވަސް އަންނަ މަހު ފާހަގަ ކުރަން ތައްޔާރުވަމުން އަންނަ އިރު، މި މަހު ސްރީ ލަންކާ އަށް ވެސް މެގަ އިން ވަނީ ދަތުރު ފަށައިފަ އެވެ. އެގޮތުން، ކޮލަމްބޯ އަށް ހަފުތާއަކު ތިން ފްލައިޓް މެގަ އިން ބާއްވަ އެވެ.