Roadha Mihaaru
މިފަހަރު އާޒިމާ އާއި ބިޝާމް: ދުޝްމަނަކީ ބިޝާމް

މިފަހަރު އާޒިމާ އާއި ބިޝާމް: ދުޝްމަނަކީ ބިޝާމް

21 އޮކްޓޯބަރ 2020

ރާއްޖޭގެ ސިޔާސީ މައިދާނުގައި ވެސް އޮތީ ރުޅި އާއި ނަފުރަތާއި ނުބައި ރޭވުންތަކެވެ. ސަރުކާރު ލިބި، ބާރު އޮންނަ އިރު، "ވަކިނުވެވޭ ވަރުގެ ގާތް މީހުން" ފެނެ އެވެ. ބާރު ގެއްލި، ގާނޫނީ މަޅިއަކަށް ބެދެން ހަމަ ފެށުމާ އެކު، އެކަކު އަނެކަކުގެ ކަރުގައި ހިފަނީ އެވެ.

މޫސާ ލަތީފް މޫސާ ލަތީފް

ރާއްޖޭގެ ސިޔާސީ މައިދާނުގައި ވެސް އޮތީ ރުޅި އާއި ނަފުރަތާއި ނުބައި ރޭވުންތަކެވެ. ސަރުކާރު ލިބި، ބާރު އޮންނަ އިރު، "ވަކިނުވެވޭ ވަރުގެ ގާތް މީހުން" ފެނެ އެވެ. ބާރު ގެއްލި، ގާނޫނީ މަޅިއަކަށް ބެދެން ހަމަ ފެށުމާ އެކު، އެކަކު އަނެކަކުގެ ކަރުގައި ހިފަނީ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ނައިބު އަހުމަދު އަދީބު އެ މިސާލު ދައްކަވައިފި އެވެ.

އިއްޔެ ޖިނާއީ ކޯޓުގައި އޮތް ޝަރީއަތުގައި ފެނުނީ، ޔާމީނަށް ގާނޫނީ ލަފާ ދެއްވަން ރައީސް އޮފީހުގެ ލީގަލް މިނިސްޓަރަކަށް ހުންނެވި އާޒިމާ ޝުކޫރު، އޭނާގެ "ބެލުމުގެ ދަށުގައި" ބެހެއްޓެވި ކަމަށް އޭރު ވެސް އަޑުއަރާފައި އޮތް، ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމަށް ފޫޅުކަނޑާލި ތަނެވެ.

އާޒިމާގެ މައްޗަށް ދައުވާކޮށްފައި ވަނީ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް އައި މަނީ ލޯންޑަރިންގެ ކުށުގެ ބައެއް ކަންކަމުގައި އުޅުއްވިކަމުގެ ތުހުމަތުގަ އެވެ. އެ މަނީ ލޯންޑަރިންގެ މައިގަނޑު ކަމަށްވާ، ބީއެމްއެލްގައި ހުުޅުވި އޭސީސީ އާއި ޔާމީންގެ އެސްކްރޯ އެކައުންޓް ހަދަން ލަފާދެއްވައި، އެ އެކައުންޓަށް ޔާމީންގެ ފަރާތްޕުޅުން އެއް މިލިއަން ޑޮލަރު ޖަމާކުރިކަން ވެސް، އޭސީސީއަށް އެންގެވީ އާޒިމާ ފޮނުއްވި ސިޓީއަކުން ކަމަށް، ޕީޖީގެ ހެކިތަކުން އެނގެ އެވެ.

އެސްކްރޯ އެކައުންޓަށް އަސްލު ޖަމާކުރަން ޖެހެނީ، އެމްއެމްޕީއާރުސީގެ އެތައް މިލިއަން ޑޮލަރެއް ފޭރިގަތް އެސްއޯއެފުން، މޯލްޑިވްސް އިސްލާމިކް ބޭންކްގައި އޮތް ޔާމީންގެ އެކައުންޓަކަށް ޖަމާކުރި އެއް މިލިއަން ޑޮލަރެވެ. އެކަމަކު އެސްކްރޯ އެކައުންޓަށް ލީ، އެހެން މީހެއްގެ އަތުން އެމަނިކުފާނު ހޯއްދެވި ފައިސާ އެވެ. ދައުލަތުން ގަބޫލުކުރަނީ، އަދި ކްރިމިން ކޯޓުގައި ކުރީގެ ރައީސްގެ މައްޗަށް ސާބިތުވެފައި ވަނީ، އެއީ މަނީ ލޯންޑަރިންގެ އަމަލެއް ކަމަށެވެ.

އާޒިމާ ގެންދަވަނީ ފުރަތަމަ ދުވަހުން ފެށިގެން ވެސް، އެސްކްރޯ އެކައުންޓާއި އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވަމުންނެވެ. އަދި އޭނާއަކީ އެއްވެސް ކަމެއްގައި އޭސީސީއަށް ލަފާ ދެއްވޭ ކަހަލަ މަގާމެއްގައި ހުންނެވި ބޭފުޅެއް ނޫން ކަމަށް ވެސް ވިދާޅުވެ އެވެ.

ރަސްމީ ޒިންމާތަކަށް ބަލާ ނަމަ އެއީ ތެދު ވާހަކަތަކެކެވެ. އޭސީސީ ނުވަތަ ޕީޖީއަށް ކަންކަން އެންގެވުމުގެ ހައިސިއްޔަތެއް ވެސް އާޒިމާއަކަށް ނެތެވެ. ހަމައެހެން އޭރު ޕީޕީއެމް ދޫކޮށްލި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލުނީތޯ ނުވަތަ ނޫންތޯއާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމުުމުގެ ކަންކަން ކުރިއަށް ދިޔަ އިރު، އެ ކޯޓަށް އެކި ފަހަރު މަތިން ވަންނަވައި، ފަނޑިޔާރުންނާ ބައްދަލުކުރެއްވުމުގެ ރަސްމީ ހައިސިއްޔަތެއް ވެސް އޭނާގެ ނޯވެ އެވެ. އެކަމަކު އެ "ޒިޔާރަތްކުރެއްވުންތަކު"ގެ ވާހަކަ ވެސް އޭރު ވަރަށް ބާރަށް ދެކެވުނެވެ.

ބާރު ގެއްލުމުން ގާނޫނީ މަޅިއަކަށް ފެތިދާނެ ކިތައްމެ ކަމެއް، އާޒިމާ އާއި އޭރު ވެރިކަމުގައި ތިއްބެވި އެކި ބޭފުޅުންނާއި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމާއި ސިފައިންގެ ބައެއް އޮފިސަރުންގެ ފަރާތުން ވެސް ފެނުނެވެ.

އިއްޔެ ކްރިމިނަލް ކޯޓުގައި އާޒިމާގެ ވަކީލުން ބިޝާމަށް ދޫކޮށްލި ހަމަލާގެ އަމާޒަކީ، ޕީޖީގެ މަގާމުގައި ހުންނެވި އިރު އާޒިމާއާ ދެކޮޅަށް އެ ދައުވާ އޭނާއަށް ނުއުފުއްލެވޭނެ ކަމަށް ވިސްނައިދިނުމެވެ. އޭގެ ސަބަބެއް ކަމަށް، އާޒިމާގެ ވަކީލުންގެ ޓީމުން ބުނަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތަށް މަގުފަހިވީ، ރައީސް އޮފީހުގެ ލީގަލް މިނިސްޓަރަކަށް ބިޝާމް ހުންނެވި އިރު އަމަލްކުރެއްވި ގޮތުން ކަމަށެވެ. ޓޫރިޒަމްގެ ކަންކަމަށް ރަށްރަށާއި ފަޅުތައް ދޫކުރާ އިރު އެމްއެމްޕީއާރުސީއަށް ފައިސާ ދައްކާ ގޮތަށް ގާނޫނަށް ބަދަލު ގެނައީ، ރައީސް އޮފީހުގެ ގާނޫނީ ކަންކަމުގެ ޒިންމާ، ބިޝާމް ނެންގެވި އިރެވެ.

ބިޝާމާ ދެކޮޅަށް އާޒިމާގެ ފަރާތުން ދެން ނެގި މައްސަލަތަކުގެ ތެރޭގައި، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތަށް މަގުފަހިވާ ކަންކަން ކުރަމުން ދިޔަކަން، އޭރުގެ އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމްގެ ރިޕޯޓަކުން ފުރަތަމ ހާމަވުމާ އެކު އޭނާ މަގާމުން ވަކިކުރަން ގާނޫނަށް ގެނައި ބަދަލުގެ ފަހަތުގައި ވެސް ބިޝާމް ހުންނެވި ހުންނެވުމެވެ.

ފެބްރުއަރީ 8، 2018: ސުޕްރީމް ކޯޓުގެ ފެބްރުއަރީ 1 ގެ އަމުރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ސިޔާސީ ކާމިޔާބު ފާހަގަކުރަން ބޭއްވި ހަފުލާއެއްގައި އޭރުގެ އެންވަޔަމަންޓް މިނިސްޓަރު ތޯރިގް (ކ) އަދި އާޒިމާ އުފާފާޅުކުރައްވަނީ --ފޮޓޯ: ހުސައިން ވަހީދު/މިހާރު

ފެބްރުއަރީ 8، 2018: ސުޕްރީމް ކޯޓުގެ ފެބްރުއަރީ 1 ގެ އަމުރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ސިޔާސީ ކާމިޔާބު ފާހަގަކުރަން ބޭއްވި ހަފުލާއެއްގައި އޭރުގެ އެންވަޔަމަންޓް މިނިސްޓަރު ތޯރިގް (ކ) އަދި އާޒިމާ އުފާފާޅުކުރައްވަނީ --ފޮޓޯ: ހުސައިން ވަހީދު/މިހާރު

އާޒިމާގެ ދިފާއީ ޓީމުން ގަބޫލުކުރަނީ ބިޝާމްގެ އެ އަމަލްތަކަކީ، އެމްއެމްޕީއާރުސީއާ ގުޅޭ ކޮންމެ މައްސަލައެއްގައި ވެސް، ބިޝާމްގެ މަސްލަހަތު ހިމެނުން ކަމަށެވެ. އެހެންކަމުން އޭނާގެ މަސްލަހަތު ހިމެނޭ ކަމެއްގެ ދައުވާ، ޕީޖީއަކަށް ހުންނަވައިގެން، އެހެން މީހަކަށް ނުއުފުއްލެވޭނެ ކަމަށް ބުނެ އާޒިމާގެ ވަކީލުން ކޯޓުގައި ވަނީ، އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅުއްވައިދޭން ގާޒީއަށް ދަންނަވައިފަ އެވެ.

އާޒިމާ އާއި ބިޝާމަކީ، އޭރު ފެނުނު މަންޒަރުތަކާއި އިވުނު އަޑުތަކުން ވެސް، ރައީސް ޔާމީނަށް ސިޔާސީ މަންފާ ލިބިވަޑައިގަންނަވާނެ ގޮތަށް ވަރަށް ގިނަ ކަންކަން ކުރެއްވި ދެ ބޭފުޅުންނެވެ. އާޒިމާގެ ޒިންމާއަކީ ރައީސަށް އެކި ކަންކަމުގައި އެހީތެރިވުން ކަމަށް ވިޔަސް، ޕީޖީގެ މަގާމަށް ވަޑައިގަތުމުން ބިޝާމް ހުންނަވަން ޖެހޭނީ މިނިވަން ބޭފުޅެއްގެ ގޮތުގަ އެވެ. އެކަމަކު އޭރު އިދިކޮޅު ލީޑަރުންގެ މައްޗަށް އުފުލަމުން ދިޔަ ދައުވާތަކުން ބިޝާމް ފެނުނީ، ސަރުކާރުގެ ތެރެއިން އަންނަ ނުފޫޒުން ސަލާމަތްވެވަޑައިގެންނެވޭނެ ހިތްވަރެއް ހުރި ބޭފުޅެއްގެ ގޮތަކު ނޫނެވެ.

ބިޝާމް "ނަންގަވަނީ އާޒިމާގެ އޯޑަރު" ކަމަށް، އެކި މީހުން އޭރު ވާހަކަ ދެއްކި އެވެ. ނަމަވެސް އޭނާއަކީ އޭސީސީއަށް ލަފާ ދެއްވޭނެ ބޭފުޅެއް ނޫން ކަމަށް، ކްރިމިނަލް ކޯޓުގައި އާޒިމާ އެ ވިދާޅުވާ އެއްޗެއް، ޕީޖީއާ މެދު ވެސް ވިދާޅުވެވޭނެ އެވެ: އޭނާއަކީ އެއްވެސް ކަމެއްގައި ޕީޖީއަށް ވެސް ލަފާ ދެއްވޭނެ ބޭފުޅެއް ނޫން ކަމެވެ.

އެކަމަކު އެ ދުވަސްވަރުގެ މާޒީގެ ތެރެއަށް ވަދެލާއިރު ހަނދާނަން އަންނާނީ ސަރުކާރާއި ޕީޖީ އާއި ސިފައިންނާއި ފުލުހުންނާއި ކޯޓުތައް ގުޅިފައި އޮތް ބޮޑު ގުޅުމުގެ ހިލިހިލާ އެވެ. އެ ވަރުގަދަ ހިލިހިލާގެ އެއް ބައި، ފެބްރުއަރީ 1، 2018 ގައި ފުނޑުނެވެ. ރިޔާސީ އިންތިހާބުން ރައީސް ޔާމީން ބަލިވެވަޑައިގަތުމުން އެ ގުޅުންތައް އެފުށް މިފުށަށް ޖެހުނީ އެވެ.

ދެން އޮންނާނީ ސިޔާސީ މައިދާނުގައި ފެންނަ އާންމު މަންޒަރެވެ: އޭރުގެ އެކުވެރިން އެކަކު އަނެކަކުގެ ކަރުގައި ހިފުމެވެ. އެކަކު އަނެކެއްގެ ދުޝްމަނުންނަށް ބަދަލުވުމެވެ.

ބާރު ދިއުމުން އެމީހަކާ އެމީހެކެވެ.