Roadha Mihaaru
ކުޅުދުއްފުށި، މާފުށީ ނަރުދަމާ އަގުން 70ރ ކުޑަކޮށްފި

ކުޅުދުއްފުއްޓާއި މާފުށީގެ ނަރުދަމާގެ އަގު 30ރ. އަށް ކުޑަކޮށްފި

31 އޮކްޓޯބަރ 2016

ކުންފުނީގެ ފައިދާ އިން ވަރަށް ބޮޑު ބައެއް އުނިވިޔަސް، ސަރުކާރުގެ ނިންމުމާ އެއްގޮތަށް ހދ. ކުޅުދުއްފުށްޓާއި ކ. މާފުށީގެ ނަރުދަމާ އިން ނަގާ އަގުން 70 ރުފިޔާ ކުޑަކޮށް، 30ރ. އަށް އަގު ހެޔޮ ކޮށްފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ކުންފުނީގެ ފައިދާ އިން ވަރަށް ބޮޑު ބައެއް އުނިވިޔަސް، ސަރުކާރުގެ ނިންމުމާ އެއްގޮތަށް ހދ. ކުޅުދުއްފުށްޓާއި ކ. މާފުށީގެ ނަރުދަމާ އިން ނަގާ އަގުން 70 ރުފިޔާ ކުޑަކޮށް، 30ރ. އަށް އަގު ހެޔޮ ކޮށްފި އެވެ.

އެކަން ފުރަތަމަ އިއުލާން ކުރެއްވީ، ހދ. މަކުނުދޫ ބަނދަރު ހުޅުވަން ރައީސް އަބްދުﷲ ޔާމީން މިދިޔަ ހަފުތާގައި އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް އިއުލާން ކުރެއްވި ގޮތުގައި ސަރުކާރުގެ ފެން ކުންފުނިން ކުޅުދުއްފުށްޓާއި މާފުށީގައި ދެމުން އަންނަ ނަރުދަމާގެ ހިދުމަތުގެ އަގުން 70 ޕަސެންޓް ހެޔޮކުރަން ވަނީ ނިންމައިފަ އެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވި ގޮތުގައި ރައީސް އިއުލާން ކުރައްވާފައިވާ ގޮތަށް، ކުޅުދުއްފުށްޓާއި މާފުށީގެ ނަރުދަމާ އިން ނަގާ އަގު 100 ރުފިޔާ އިން 30 ރުފިޔާ އަށް ކުޑަ ކުރަން ވަނީ ނިންމައިފަ އެވެ. މާދަމާ އިން ފެށިގެން ނަގާނީ އެ އަގުކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މިކަން އެމްޑަބްލިއުއެސްސީގެ ބޯޑުގެ ލަފާގެ މަތިން މިހާރު މި ވަނީ ކުޑަ ކޮށްފައި،" އެމްޑަބްލިއުއެސްސީ ހިންގާ ފެން ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަޒުލް ވިދާޅުވި އެވެ.

މި ބަދަލާ އެކު، އެމްޑަބްލިއުއެސްސީ އަށް ކޮންމެ ރަށަކުން ލިބޭ ފައިސާގެ ތެރޭން މަހަކު މިލިއަނެއްހާ ރުފިޔާ މަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އާބާދީ ވަރަށް ބޮޑު ކުޅުދުއްފުށިން އެކަނި ވެސް އަހަރަކު 12 މިލިއަން ރުފިޔާ ގެއްލޭނެ ކަމަށް ފަޒުލް ވިދާޅުވި އެވެ.

އެކަމަކު، މި ބަދަލު ގެނައީ، އޭނާ ފާހަގަކުރެއްވި ގޮތުގައި، އާއްމުންގެ ޝަކުވާތަކަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައިދޭށެވެ. އެ ގޮތުން، މާލޭގައި ނަރުދަމާގެ ހިދުމަތަށް އެއްވެސް އަގެއް ނުނަގައި ރަށްރަށުގައި ދޭ އެ ހިދުމަތުން ފީ ނަގާ މައްސަލަ ބައެއް ފަރާތްތަކުން ހައްސާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީގެ އާމްދަނީ އާއި ފައިދާ މިދިޔަ އަހަރު ވަނީ ރެކޯޑު މިންވަރަކަށް މައްޗަށް ގޮސްފަ އެވެ. އެ ގޮތުން، 2014 ގައި 729 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދި ކުންފުނިން މިދިޔަ އަހަރު ވަނީ އާމްދަނީގެ ގޮތުގައި 963 މިލިއަން ހޯދައިފަ އެވެ. އަދި ފައިދާ ވެސް ވަނީ 154 މިލިއަން ރުފިޔާ އިން 368 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އެއީ 139 ޕަސެންޓުގެ އިތުރު އަދަދެކެވެ.

ފެން ކުންފުނިން ކުރިން ހިދުމަތް ދިނީ ހަމައެކަނި މާލޭގައި އެކަނި ކަމަށް ވިޔަސް، މިހާރު އެ ކުންފުނިން އަންނަނީ ބައެއް އެހެން ރަށްރަށުގައި ވެސް ފެނާއި ނަރުދަމާގެ ހިދުމަތް ދެމުންނެވެ. އަދި ބައެއް ރަށްރަށުގައި މުޅިން އަލަށް އެ ދެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.