Roadha Mihaaru

ފައިނުގައި ގާއިމުކުރި 64 މިލިއަން ރުފިޔާގެ ފެނާއި ނަރުދަމާގެ ހިދުމަތް ފަށައިފި

ރ. ފައިނުގައި 64 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ގާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިފުތިތާހު ކޮށްދެއްވައިފި އެވެ.

ފައިނުގައި ފެނާއި ނަރުދަމާގެ ހިދުމަތް ފަށައިފި
މާއިދާ މުހައްމަދު ރަޝާދު
ރ. ފައިނުން މާއިދާ މުހައްމަދު ރަޝާދު

23 ޖެނުއަރީ 2025

ރ. ފައިނުގައި 64 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ގާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިފުތިތާހު ކޮށްދެއްވައިފި އެވެ.

އެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފައިނަށް ވަޑައިގެން މި ރަށު ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގަ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނި ގޮތުގައި އެއީ ދައުލަތުގެ ބަޖެޓުން ހަރަދު ކޮށްގެން، އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ނިންމި މަޝްރޫއެކެވެ.

ފެނާއި ނަރުދަމާގެ މަސައްކަތަށް ޖުމްލަ 64.2 ހަރަދުވި އެވެ.

މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ސްކޯޕުގައި ނަރުދަމާގެ ތިން ޕަމްޕް ސްޓޭޝަން ގާއިމުކުރުމާއި ސީއައުޓް ފޯލް އެޅުމާއި މުޅި ރަށުގައި ފެނާއި ނަރުދަމާ ނިޒާމުގެ ވިއުގަ އެޅުން ހިމެނެ އެވެ. ދުވާލަކު 20 ޓަނުގެ ފެން އުފެއްދޭ ވަރުގެ 2 އާރު.އޯ ޕްލާންްޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށް ދެ ޓޭންކް އަދި ވާރޭ ފެން ރައްކާކުރާ ޓޭންކެއް ބެހެއްޓުމުގެ އިތުރުން ގޭގެ އަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ދިނުން ވެސް މި މަޝްރޫއުގައި ހިމެނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ފައިނުގައި އެއާޕޯޓެއް ހަދަން އަންނަ މަހު އެމްޓީސީސީއާ ހަވާލުކުރާނެކަން ވެސް އިއުލާން ކުރައްވައިފަ އެވެ. ވަަރަށް އަވަހަށް އެ މަޝްރޫއު ފައްޓަވައި ދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެ މަޝްރޫއުގެ އިތުރުން ރަށުގެ ހެލްތު ސެންޓަރުގެ ހިދުމަތް ހަރުދަނާ ކުރުމާއި ބޯޅަދަނޑެއްގެ އިތުރުން ބަނދަރު ބޮޑުކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.