Roadha Mihaaru
ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކޮށްފިން: ސްޓެލްކޯ

ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކޮށްފިން: ސްޓެލްކޯ

23 އޮކްޓޯބަރ 2020

ޓެކްނިކަލް މައްސަލަތަކަކާ ގުޅިގެން ދެފަހަރެއްގެ މަތިން މާލެއިން މިއަދު ކަރަންޓު ކެނޑެން ދިމާވި ކަންތައްތައް މިހާރު ހައްލުކޮށްފި ކަމަށާއި ދެން ކަރަންޓު ނުކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ޓެކްނިކަލް މައްސަލަތަކަކާ ގުޅިގެން ދެފަހަރެއްގެ މަތިން މާލެއިން މިއަދު ކަރަންޓު ކެނޑެން ދިމާވި ކަންތައްތައް މިހާރު ހައްލުކޮށްފި ކަމަށާއި ދެން ކަރަންޓު ނުކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

މިއަދު ހެނދުނު 8:30 ހާ އިރު މުޅި މާލެއިން ކަރަންޓު ކެނޑުނެވެ. އޭގެ ފަހުން މާލޭގެ ބައެއް ސަރަހައްދުތަކަށް ކުޑަ ވަގުތުކޮޅަކަށް ކަރަންޓު ލިބުނު ނަމަވެސް މުޅި މާލެއަށް ކަރަންޓު އަލުން ލިބުނީ މެންދުރު 12:30 ހާ އިރެވެ. އަދި އޭގެ ފަހުން މެންދުރު 2:15 ހާއިރު މާލޭގެ ބައެއް ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓު ކެނޑުނެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ހެނދުނު ކަރަންޓު ކެނޑުނީ އެ ކުންފުނީގެ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.

"އަޅުގަނޑުމެންގެ ސިސްޓަމްތައް ހުންނާނީ އޮޓޮމޭޓްކޮށްފައި، މައްސަލައެއް ދިމާވެއްޖެ ނަމަ އަމިއްލަ އަށް ޝަޓް ޑައުންކުރަން [ސިސްޓަމަށް] އިތުރު ގެއްލުން ވުމުގެ ކުރިން. ވޮލްޓޭޖު މަތިވުމުގެ މައްސަލައެއް އުޅުނީމައި އެގޮތަށް އަމިއްލައަށް ޝަޓްޑައުންވީ. އެހެންވެ ކަރަންޓު ކެނޑުނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މެންދުރު ކަރަންޓު ކެނޑެން ވެސް ދިމާވީ ހަމަ ވޮލްޓޭޖްގެ މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް ވޮލްޓޭޖްގެ މައްސަލަ ޖެހުނީ ޑިސްޓްރިބިއުޝަން ނެޓްވޯކަށެވެ.

"މެންދުރު މާލޭގެ 20 ޕަސެންޓަށް ކަރަންޓުގެ ހިދުމަތް ކެނޑުނު. ގާތްގަނޑަކަށް 2،300 ކަސްޓަމަރުންނަށް އެކަމުގެ އަސަރު ކުރި،" އޭނާ ވިދާޅުވި އެވެ.

މި ދެ މައްސަލަ ވެސް މިހާރު ވަނީ ހައްލުކޮށްފައި ކަމަށާއި ކަރަންޓުގެ ކެނޑުމުގެ އިތުރު ހާދިސާއެއް ދިމާވާނެ ކަމަކަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯ އިން މިއަދު ކުރި ޓްވީޓެއް

ހުކުރު ދުވަހެއްގެ ހެނދުނު ގިނަ ވަގުތުތަކަކަށް ކަރަންޓު ކެނޑުމުން ދިމާވި އެކި މައްސަލަތަކާ ގުޅިގެން އާންމުން ޝަކުވާ ކުރި އެވެ. އޭގެ ތެރޭގައި މެންދުރަށް ކެއްކުމުގައި ދިމާވި ދަތިތައް ހިމެނެ އެވެ. އަދި ކަރަންޓު ދިއުމުން ސަޕްލައި ފެން ވެސް ކެނޑޭ ގޮތަށް ބައެއް ގޭގޭގެ ވަޔަރިން އަޅާފައިވާއިރު، ހުކުރު ނަމާދަށް ތައްޔާރުވުމުގައި ވެސް ދަތިތައް ދިމާވި ކަމަށް ބައެއް މީހުން ބުންޏެވެ.

ކަރަންޓު ކެނޑުމުން ދިމާވި ދަތިތަކަށް އެ ކުންފުނިން ވަނީ ހުރިހާ ކަސްޓަމަރުންގެ ކިބައިން މައާފަށް ވެސް އެދިފަ އެވެ.