Roadha Mihaaru
ރޮނާލްޑޯ އަށް ބާސެލޯނާ މެޗު ގެއްލިއްޖެ

ރޮނާލްޑޯ އަށް ބާސެލޯނާ މެޗު ގެއްލިއްޖެ

28 އޮކްޓޯބަރ 2020

ޓިއުރިން (އޮކްޓޫބަރު 28) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ލިއޮނަލް މެސީގެ ކެޕްޓަންކަމުގައި ކުޅޭ ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުގައި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.

ޓިއުރިން (އޮކްޓޫބަރު 28) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ލިއޮނަލް މެސީގެ ކެޕްޓަންކަމުގައި ކުޅޭ ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުގައި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.

ސްކައި އިޓާލިއާ އިން ރިޕޯޓްކުރާގޮތުގައި ރޮނާލްޑޯ އަށް މި މެޗު ގެއްލުނީ ކޮވިޑް-19 އިން އެއްކޮށް ރަނގަޅުނުވާތީ އެވެ. މިރޭގެ މެޗުގެ 24 ގަޑިއިރު ކުރިން ރޭ ނެގި ޓެސްޓުން ދައްކަނީ އަދިވެސް ރޮނާލްޑޯ ގައިގައި ވައިރަސް ހުރި ކަމަށެވެ. ޔުއެފާގެ ގަވާއިދުގައި ބުނާގޮތުން އެ ފެޑެރޭޝަނުން ރާވާ މުބާރާތެއްގެ މެޗެއްގައި ކުޅެވޭނީ އެ މެޗު ކުޅުމުގެ 24 ގަޑިއިރު ކުރިން ކޮވިޑް ޓެސްޓެއް ހަދައި ނެގެޓިވްވެގެންނެވެ.

އުމުރުން 35 އަހަރުގެ ރޮނާލްޑޯ ކޮވިޑަށް ޕޮޒިޓިވްވީ މި މަހުގެ 13 ވަަނަ ދުވަހު ޕޯޗުގަލްގެ ގައުމީ ޓީމާ އެކުގައި ހުއްޓަ އެވެ. އެކަމަކު އޭގެ ދެ ދުވަސް ފަހުން އޭނާ ވަނީ އިޓަލީގެ ޓިއުރިން އަށް ގޮސް އަމިއްލަ އަށް އައިސޮލޭޓްވެފަ އެވެ. ރޮނާލްޑޯ ވައިރަހަށް ޕޮޒިޓިވް ނަމަވެސް އަލާމާތެއް ނެތެވެ.

ވައިރަސް ޖެހިފައިވާތީ ރޮނާލްޑޯ ޓީމާ ދުރުގައި ހުރިއިރު އޭނާ ނުލައި ޔުވެންޓަސް އިން ވަނީ މިހާތަނަށް ތިން މެޗު ކުޅެފަ އެވެ. ޔުވެންޓަސްގެ ކޯޗު އަންދްރެއާ ޕިރްލޯ ބުނީ މިއީ ރޮނާލްޑޯ އާއި މެސީގެ ކުރިމަތިލުމެއް ގޮތަށް ގިނަ ބަޔަކު ބަލާލަން އިންތިޒާރުކުރި މެޗެއް ކަމަށާއި އެކަމަކު ބައެއް ކަންތައްތަކަކީ އަމިއްލަ އަތުގައި ކޮންޓްރޯލް އޮންނަ ކަމެއް ނޫން ކަމަށެވެ.

ކޮވިޑް-19ގެ ޕްރޮޓޮކޯލްގެ ކަންތައްތަަކެއްގެ ތެރޭގައި ރޮނާލްޑޯ އާއި އިޓަލީގެ ސްޕޯޓްސް މިނިސްޓަރު ވިންޗެންޒޯ ސްޕަޑަފޯރާއާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ. އެއީ ރޮނާލްޑޯ އެންމެ ފުރަަތަމަ ގައުމީ ޓީމާ ގުޅެން އިޓަލީ ދޫކޮށް ޕޯޗުގަލް އަށް ފުރައިގެންދިޔައި ކޮވިޑަށް ޓެސްޓްކޮށް ނަތީޖާ ލިބުމުގެ ކުރިން އިޓަލީ ސަރުކާރުގެ ގަވާއިދަކާ ހިލާފަށް ކަމަށްވުމުންނެވެ. އަދި ރޮނާލްޑޯ ކޮވިޑް ޖެހިފައިވަނިކޮށް އަމިއްލަ ޖެޓުގައި އިޓަލީ އަށް އެނބުރި އައީ އުސޫލުގެ ތެރެއިން ކަމާ މެދު ސްޕަޑަފޯރާ ވަނީ ސުވާލު އުފައްދައިފަ އެވެ. ރޮނާލްޑޯ އެކަމާ ބެހޭގޮތުން ބުނީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަަމަށެވެ.

އިޓަލީގެ ސަރުކާރުގެ އޮފިޝަލަކު އެ ގައުމުގެ މީޑިއާ އަށް ބުނީ ރޮނާލްޑޯ އާއި އުސޫލާ ހިލާފުވި ޔުވެންޓަސްގެ އެހެން ކުޅުންތެރިންގެ މައްސަލަ އިޓަލީގެ ހެލްތު އޮތޯރިޓީން އެ ގައުމުގެ ޕްރޮސެކިއުޓަރުންނާ މަޝްވަރާކޮށް ނިންމުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.