Roadha Mihaaru
ނަތީޖާ އަނބުރާލަން ރޮނާލްޑޯ މުހިއްމު: ޕިރްލޯ

ނަތީޖާ އަނބުރާލަން ރޮނާލްޑޯ މުހިއްމު: ޕިރްލޯ

09 މާޗް 2021

ޓިއުރިން (މާޗް 9) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ޕޯޓޯއާ ދެކޮޅަށް ކުޅޭ މެޗުގައި ޔުވެންޓަސް ކޮޅަށް ނަތީޖާ އަނބުރާލަން އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މުހިއްމު ދައުރެއް އަދާކުރެވޭނެ ކަމަށް ޔުވެންޓަސްގެ ކޯޗު އަންދްރެއާ ޕިރްލޯ ބުނެފި އެވެ.

ޓިއުރިން (މާޗް 9) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ޕޯޓޯއާ ދެކޮޅަށް ކުޅޭ މެޗުގައި ޔުވެންޓަސް ކޮޅަށް ނަތީޖާ އަނބުރާލަން އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މުހިއްމު ދައުރެއް އަދާކުރެވޭނެ ކަމަށް ޔުވެންޓަސްގެ ކޯޗު އަންދްރެއާ ޕިރްލޯ ބުނެފި އެވެ.

މިދިޔަ މަހު ޕޯޓޯ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ޔުވެންޓަސް ވަނީ 2-1 އިން ބަލިވެފަ އެވެ. ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދަން ޔުވެންޓަސް މިރޭގެ މެޗުން މޮޅުވުން މަޖުބޫރެވެ. އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ޔުވެންޓަސް ކުޅުނު މެޗުގައި އުމުރުން 36 އަހަރުގެ ރޮނާލްޑޯ ބޭނުންކޮށްފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެއީ މިރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ބޭނުންކުރުމުގެ ވިސްނުމުގަ އެވެ.

"މި ކަހަލަ (ޗެމްޕިއަންސް ލީގުގެ ނޮކައުޓް) މެޗުތަކަކީ ރޮނާލްޑޯ އަށް ވަރަށް ހާއްސަ މެޗުތަކެއް. އޭނަ އަމިއްލަ އަށް ވެސް ވަރަށް މޮޓިވޭޓް ވެގެން މި މެޗުތައް ކުޅެނީ. އަހަރެމެން އޭނަ އަށް އެންމެ ފަހުން މެޗުގައި (އިޓާލިއަން ލީގުގެ މެޗު) އަރާމް ކުރަން ފުރުސަތު ދިނީ ވެސް މި މެޗަށް އޭނާ ފުރިހަމަ އަށް ތައްޔާރުވާން ވަގުތު ދޭން. އަހަރެމެން ކޮޅަށް ނަތީޖާ އަނބުރާލަން މި މެޗުގައި ރޮނާލްޑޯ މުހިއްމު ދައުރެއް އަދާކުރާނެ،" މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕިރްލޯ ބުންޏެވެ.

ޔުވެންޓަސް އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި ކުޅުނު ފަސް މެޗުގައި ފުރަތަމަ ލެގުން ބަލިވެގެން އަނެއް ބުރަށް ދެވިފައިވަނީ އެންމެ ފަހަރަކު އެވެ. އެއީ 2018-19 ވަނަ ސީޒަނުގައި އެތުލެޓިކޯ އަތުންނެވެ. އެތުލެޓިކޯ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން އެ ޓީމު 2-0 އިން މޮޅުވެފައިވަނިކޮށް ޔުވެންޓަސް ދަނޑުގައި އެ ޓީމުން ނަތީޖާ އަނބުރާލީ ރޮނާލްޑޯގެ ހެޓްރިކުން 3-0 އިންނެވެ.

"އުއްމީދަކީ އެ ފަދަ (އެތުލެޓިކޯ މެޗުގައި) ކުޅުނު ކުޅުމެއް މި މެޗުގައި (ޕޯޓޯ)އާ ދެކޮޅަށް ރޮނާލްޑޯގެ ފަރާތުން ފެނުން،" ޕިރްލޯ ބުންޏެވެ.

ޕިރްލޯ ބުނީ ޕޯޓޯ އަކީ ވަރަށް ރަނގަޅަށް ވިސްނައިގެން ޓެކްޓިކަލް ގޭމެއް ކުޅޭ ޓީމެއް ކަމަށާއި ޔުވެންޓަސް އިން ވެސް މަސައްކަތްކުރަން ޖެހޭ ޓީމެއްގެ ގޮތުގައި އެ ޓީމު ހުއްޓުވަން ކަމަށެވެ.

ޔުވެންޓަސް ދަނޑުގައި ޕޯޓޯއާ ދެކޮޅަށް މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.