Roadha Mihaaru
"ބާސެލޯނާ ބަލިކުރުމަކީ ކުރިއަށް އެޅޭނެ ފިޔަވަޅެއް"

ބާސެލޯނާ ބަލިކުރުމަކީ ކުރިއަށް އެޅޭނެ ފިޔަވަޅެއް: ގާޑިއޯލާ

01 ނޮވެމްބަރ 2016

މެންޗެސްޓާ (ނޮވެމްބަރު 1) - ޔުއޭފާ ޗެމްޕިއަންސް ލީގުގައި މިރޭ ކުޅޭ މެޗުން ބާސެލޯނާ ބަލިކުރެވިއްޖެނަމަ އެއީ މެންޗެސްޓާ ސިޓީ އަށް ކުރިއަށް އެޅޭނެ ފިޔަވަޅެއް ކަަމަށް އެޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (ނޮވެމްބަރު 1) - ޔުއޭފާ ޗެމްޕިއަންސް ލީގުގައި މިރޭ ކުޅޭ މެޗުން ބާސެލޯނާ ބަލިކުރެވިއްޖެނަމަ އެއީ މެންޗެސްޓާ ސިޓީ އަށް ކުރިއަށް އެޅޭނެ ފިޔަވަޅެއް ކަަމަށް އެޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ބާސެލޯނާ ދަނޑުގައި ކުޅުނު މެޗުން ސިޓީ ބަލިވީ 4-0 އިންނެވެ. ސިޓީ މިވަގުތު ގްރޫޕް ބީގެ ދެ ވަނައިގައި އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. މިރޭ އަމިއްލަ ދަނޑުގައި ބާސެލޯނާ އަތުން ބަލިވެއްޖެނަމަ ސިޓީ އަށް ދެ ވަނަ ގެއްލުމުގެ ފުރުސަތު އެބައޮތެވެ. އެއީ ތިން ވަނައިގައި އޮތް ބޮރޫޝިއާ މޮންޗެންގްލަޑްބެކް މިރޭ ސެލްޓިކް ބަލިކޮށްފިނަމަ އެވެ.

"ބާސެލޯނާ ބަލިކުރަން ބޭނުންމަ މެޗުގެ ފުރަތަމަ މިނިޓުން އެންމެ ފަހު މިނިޓާ ހަމައަށް ކުޅެން ޖެހޭނީ ސަމާލުވެގެން. އެއީ އެންމެ ގޯހެއް ހަދައިފިނަމަ ވެސް ބާސެލޯނާ އިން އޭގެ ފައިދާ ނަގާނެތީ. ގްރޫޕްގެ ޓޭބަލަށް ބަލާއިރު މި މެޗު އަހަރެމެން ނަގާނީ ފައިނަލެއްގެ ގޮތުގައި،" ގާޑިއޯލާ ބުންޏެވެ.

ބާސެލޯނާ އަކީ ޔޫރަޕްގެ ނަން މަޝްހޫރު ކްލަބެއް ކަމަށާއި އެ ޓީމު އަތުން މޮޅުވެވިއްޖަނަމަ އެއީ ސިޓީ ކަހަލަ ކްލަބަކަށް ޔޫރަޕްގައި ކުރިއަށް އެޅޭ ފިޔަވަޅަކަށް ވެގެންދާނެ ކަމަށް ގާޑިއޯލާ ބުންޏެވެ.

"ބާސެލޯނާ އަކީ ބޮޑު ތާރީހެއް އޮތް ކްލަބެއް. ޔޫރަޕްގައި ވެސް އެ ޓީމު ކާމިޔާބު. ސިޓީ އަކީ ނަމެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ޓީމެއް. ބާސެލޯނާ ބަލިކުރުމަކީ ސިޓީ އަށް ކުރިއަށް ދިއުމަށް ލިބޭ ހިތްވަރަކަށް ވާނެ،" ކުރިން ބާސެލޯނާ އާއި ބަޔާން މިއުނިކަށް ކޯޗު ކޮށްދިން ގާޑިއޯލާ ބުންޏެވެ.

ބާސެލޯނާ ދަނޑުގައި ސިޓީން ނެރުނު ފުރަތަމަ އެގާރައިގައި ސާޖިއޯ އަގުއޭރޯ ނުހިމެނެ އެވެ. އެހެން ނަމަވެސް ޕްރިމިއާ ލީގުގައި އެންމެ ފަހުން ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅުނު މެޗުގައި އަގުއޭރޯ ވަނީ މޮޅު ކުޅުމެއް ދަށްކައި ދެ ލަނޑު ޖަހައިފަ އެވެ. މިރޭގެ މެޗުގައި އަގުއޭރޯ އަށް ފުރަތަމަ އެގާރައިން ފުރުސަތު ދޭނެކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސިޓީގެ ސިލްވާ (ވ) ކައިރިން ބާސެލޯނާގެ ރަކިޓިޗް ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ސިޓީގެ ސިލްވާ (ވ) ކައިރިން ބާސެލޯނާގެ ރަކިޓިޗް ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ސިޓީއާ ދެކޮޅަށް ނުކުންނައިރު ބާސެލޯނާ އަށް ވަނީ ގިނަ މައްސަލަތަކެއް ދިމާވެފަ އެވެ. އަނިޔާގެ ސަބަބުން ބާސެލޯނާގެ އަންދްރެސް އިނިއެސްޓާ، ޖެރާޑް ޕީކޭ، ޖޯޑީ އަލްބާ އަދި އަލެކްސް ވިޑާލް އަށް ނުކުޅެވޭއިރު، ޖެރެމީ މެތިއު ހުރީ ސަސްޕެންޝަނުގަ އެވެ.

ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނީ ކުޅުންތެރިންނަށް ބަލާއިރު ސިޓީ އަކީ އާދައިގެ ޓީމެއްގެ ގޮތުގައި ދެކުމަކީ ގޯހެއް ކަމަށެވެ.

"ނަތީޖާތަކުގެ ފަރަގު ބޮޑުވިޔަސް ކުޅުންތެރިންނަށް ބަލާއިރު ސިޓީ އަކީ އާދައިގެ ޓީމެއްގެ ގޮތުގައި ދެކުމަކީ ރަނގަޅު ގޮތެއް ނޫން. އެއީ ފެންވަރު ރަނގަޅު ކުޅުންތެރިން އެ ޓީމުގައި އެބަތިބި. މިއީ އެއް ކަހަލަ ފިލޯސޮފީ އަކަށް ކުޅޭ ދެ ޓީމު. ވަރަށް ވާދަވެރިވާނެ،" އެންރީކޭ ބުންޏެވެ.

އެންރީކޭ ވަނީ ސިޓީގެ ކޯޗު ގާޑިއޯލާ އަށް ތައުރީފް ކޮށްފަ އެވެ.

"ގާޑިއޯލާ ސިޓީ އަށް އައި ފަހުން އަދިވީ އެންމެ ތިން މަސް. އެކަމަކު އޭނާ އެ ޓީމު ގޮވައިގެން ރަނގަޅު ނަތީޖާތަކެއް އެ އަންނަނީ ނެރެެމުން. އާ ލީގަކަށް އެހާ ފަސޭހައިން ހޭނުމަކީ އުނދަގޫ ކަމެއް. މިހާރު ވެސް ކުޅޭނެ ސިސްޓަމެއް އެ ޓީމުން ގާއިމްކޮށްފި. ދެން އެ ޓީމުން އަންނާނީ މެޗަކަށް ފަހު މެޗެއް ރަނގަޅު ކުރަމުން،" އެންރީކޭ ބުންޏެވެ.

ސިޓީ އާއި ބާސެލޯނާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:45 ގަ އެވެ.