Roadha Mihaaru
ސޮނީ މިއުޒިކާއެކު ޓިކްޓޮކަށް މުއްސަނދިކަން

ސޮނީ މިއުޒިކާއެކު ޓިކްޓޮކަށް މުއްސަނދިކަން

04 ނޮވެމްބަރ 2020

ޓިކްޓޮކް ބޭނުންކުރާ މީހުންނަށް ފޯރުކޮށްދޭ މިއުޒިކް ލައިބްރަރީ ފުޅާކުރުމުގެ ގޮތުން އެ ކުންފުންޏާއި އެމެރިކާގެ ސޮނީ މިއުޒިކް އެންޓަޓައިންމަންޓް (އެސްއެމްއީ) އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓިކްޓޮކް ބޭނުންކުރާ މީހުންނަށް ފޯރުކޮށްދޭ މިއުޒިކް ލައިބްރަރީ ފުޅާކުރުމުގެ ގޮތުން އެ ކުންފުންޏާއި އެމެރިކާގެ ސޮނީ މިއުޒިކް އެންޓަޓައިންމަންޓް (އެސްއެމްއީ) އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކުން ބުނީ ސޮނީ މިއުޒިކާ އެކު ހެދި އެއްބަސްވުމަކީ އެ ޕްލެޓްފޯމް އިތުރަށް މުއްސަނދިވެ، ބޭނުންކުރާ މީހުންނަށް ވެސް ވަރަށް ހާއްސަ ކަމަކަށް ވާނެ ކަމަށެވެ.

"އަހަރެމެން ދެ ކުންފުނި ގުޅިގެން، ޓިކްޓޮކް ބޭނުންކުރާ މީހުންނަށް ސަޕޯޓް ދެމުން ގެންދާނަން. މީގެ ސަބަބުން ޔޫޒަރުންނަށް އެތައް ފުރުސަތެއް ވެސް ހުޅުވުގެންދާނެ." ޓިކްޓޮކުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އޭގައި ބުނީ އެއްބަސްވުމުގެ ދަށުން ސޮނީ މިއުޒިކްގެ އެހާރާއި މިހާރުގެ މިއުޒިކާއި އަލަށް ނެރޭ މިއުޒިކްތައް ވެސް ޓިކްޓޮކް ބޭނުންކުރާ މީހުންނަށް އެ މީހުން ހަދާ ކޮންޓެންޓްތައް ވަރުގަދަކުރަން ބޭނުންކުރެވޭނެ ކަމަށެވެ.

"ހާއްސަކޮށް މިއުޒިކް ފަންނާނުންނަށް ވަރަށް ދަތި ވަގުތެއްގައި ސޮނީއާ އެކު އަހަރެމެންނަށް އެއްބަސްވުމަކަށް އާދެވުމަކީ މިއުޒިޝަނުންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ. އަބަދުވެސް އަހަރެމެންގެ ޕްލެޓްފޯމަކީ އާޓިސްޓުން ކުރިއަރުވައި އާ އާޓިސްޓުން އުފައްދަން ހިތްވަރުދޭ ތަނެއް." ޓިކްޓޮކްގެ ގްލޯބަލް ހެޑް އޮފް މިއުޒިކް އޯލީ އޮބަމަން ވިދާޅުވި އެވެ.

ސޮނީ މިއުޒިކްގެ ގްލޯބަލް ޑިޖިޓަލް ބިޒްނެސް އަދި އެމެރިކާގެ ވިޔަފާރި ބަލަހައްޓާ ބައިގެ ރައީސް ޑެނިސް ކޫކާ ވިދާޅުވީ ޓިކްޓޮކް ކަހަލަ ކުރު ވީޑީއޯތައް ހަދާލެވޭ ޕްލެޓްފޯމަކީ މިހާރު ވަރަށް ބޮޑަށް ވައިގައި ހިފާފައިވާ ކަމަށްވާތީ މިއީ މިއުޒިކް ފަސޭހައިން ޕްރޮމޯޓްކުރަން ވެސް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.

"ޓިކްޓޮކަކީ މިހާރު އަސްލު މިއުޒިކް ކުރިއަރުވައިދޭ ލީޑަރެއްގެ ގޮތުގައި ސިފަކުރެވެނީ. މީގެ ނުފޫޒު ވަރަށް ގަދަ. އޭގެ މާނަ އަކީ އެ ޕްލެޓްފޯމާއި އަހަރެމެން ގުޅުމަކީ މިއުޒިޝަނުންނަށް ވެސް ލިބިގެންދާނެ ކުރިއެރުމެކޭ." އޭނާ ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާގޮތުން ޓިކްޓޮކުން އަންނަނީ ސޮނީ ވޯނާ މިއުޒިކާއި ޔުނިވާސަލް މިއުޒިކާ އެކު ވެސް އެއްބަސްވުންތަކެއް ހެދޭތޯ މަސައްކަތްކުރަމުންނެވެ.