Roadha Mihaaru
ވީޗެޓް އެމެރިކާގައި މަނާކުރުން ހުއްޓުވައިފި

ވީޗެޓް އެމެރިކާގައި މަނާކުރުން ހުއްޓުވައިފި

22 ސެޕްޓެމްބަރ 2020

ޗައިނާގެ ޓެންސެންޓުން ހިންގާ ވީޗެޓަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ބުނެ އެމެރިކާގައި އާދީއްތަ ދުވަހު މަނާކުރަން ނިންމާފައި ވަނިކޮށް ކޯޓުން އެކަން ހުއްޓުވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗައިނާގެ ޓެންސެންޓުން ހިންގާ ވީޗެޓަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ބުނެ އެމެރިކާގައި އާދީއްތަ ދުވަހު މަނާކުރަން ނިންމާފައި ވަނިކޮށް ކޯޓުން އެކަން ހުއްޓުވައިފި އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވީޗެޓް މަނާކުރާނެ ކަމުގެ އިންޒާރު ދެއްވުމުން އެކަން ހުއްޓުވައިދޭން އެދި ކޯޓަށް ހުށަހެޅީ ވީޗެޓް ބޭނުންކުރާ ބަޔަކު ތަމްސީލުކުރާ ވީޗެޓް ޔޫޒާސް އެލަޔަންސުންނެވެ. އެތަނުން މައްސަލަ ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.

ވީޗެޓް އެމެރިކާގައި މަނާކުރާނެ ކަމަށް ބުނެ އެމެރިކާ އިން އިންޒާރު ދެމުން ދިޔަ މައްސަލާގައި ޓެންސެޓުން ވެސް ވަނީ ޓްރަމްޕްގެ ސަރުކާރާ ދެކޮޅަށް ކޯޓަށް ދާނެ ކަމަށް ކުރިން ބުނެފަ އެވެ. ވީޗެޓް ޔޫޒާސް އެލައިންސުން ކޯޓަށް ހުށަހެޅި މައްސަލަ އާއި ޓެންސެންޓާ އެއްވެސް ގުޅުމެއް ނެތެވެ.

އެތަނުން ސެން ފްރެންސިސްކޯގެ ޑިސްޓްރިކްޓް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ފަނޑިޔާރު ލޯރެން ބީލާ ނެރުއްވި އަމުރުގައި ވިދާޅުވީ ވީޗެޓް މަނާކުރަން އެމެރިކާ ސަރުކާރުން މަސައްކަތް ކުރުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށް ދިނުމާ ބެހޭ ގާނޫނާ ފުށުއަރާ އަދި އެމެރިކާ އިން ދެމުން ދިޔަ އިންޒާރާ މެދު ވެސް ސުވާލު އުފެދޭ ކަމެއް ކަމަށެވެ. ބީލާ ވިދާޅުވި ގޮތުގައި ވީޗެޓަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށްވާ ނަމަ އެކަމަށް ރިއާޔަތްކުރުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު މިހާތަނަށް ވީޗެޓާ ގުޅޭ ގޮތުން ލިބިފައި ހުރި ހެކިތަކަށް ބަލާ އިރު އެމެރިކާ އިން ކަންބޮޑުވާން ޖެހޭ ވަރުގެ މައްސަލަތަކެއް އެ ޕްލެޓްފޯމަކުން ފާހަގަނުކުރެވޭ ކަމަށް ވިދާޅުވި އެވެ.

ކޯޓުގެ މި ނިންމުމާ ގުޅިގެން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ކޮމާޒް އިން އަދި ވަކި އެއްޗެއް ނުބުނެ އެވެ. އެތަނުން ކުރިން ނިންމާފައި އޮތީ ޓްރަމްޕް އޮގަސްޓް މަހުގެ 6 ގައި ނެރުއްވި އަމުރަކާ ގުޅިގެން އާދީއްތަ ދުވަހުން ފެށިގެން އެމެރިކާގައި ވީޗެޓް ޑައުންލޯޑްނުކުރެވޭ ގޮތަށް ބްލޮކްކުރާށެވެ.

ވީޗެޓް މަނާކުރުން ކޯޓުން ހުއްޓުވި އިރު ޑިޕާޓްމަންޓް އޮފް ކޮމާޒް އިން އޮތީ އާދީއްތަ ދުވަހު ޓިކްޓިކް ވެސް އެމެރިކާގައި ބްލޮކުރަން ނިންމައިފަ އެވެ. ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކްގެ އެމެރިކާ އޮޕަރޭޝަންސް އެ ގައުމަށް ވިއްކައިނުލާ ނަމަ މަނާކުރާނެ ކަމުގެ އިންޒާރު ދިނުމުން ބައިޓްޑާންސުން މި މަހުގެ 14 ވަނަ ދުވަހު ވަނީ އެމެރިކާގެ އޮރޭކަލް ކޯޕަރޭޝަނާ ގުޅިގެން އެމެރިކާގައި ޓިކްޓޮކް ހިންގަން ނިންމައިފަ އެވެ.

މިކަމާ ބެހޭ ގޮތުން ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވީ އެ އެއްބަސްވުމަށް އޭނާ ރުހިވަޑައިގަންނަވާ ކަމަށެވެ. އަދި ޓިކްޓޮކާ ގުޅޭ ނިންމުންތައް މި މަހުގެ 27 ގައި އާންމުކުރަން މިހާރު ވަނީ ނިންމައިފަ އެވެ.