Roadha Mihaaru
ޔޫޕީއާރުގައި ރާއްޖެއަށް ބައެެއްގައުމުތަކުން ތައުރީފުކޮށްފި

އިންސާނީ ހައްގުތަކަށް ރާއްޖެ އިން ކުރި މަސައްކަތަށް ބައެއް ގައުމުތަކުގެ ތައުރީފު

05 ނޮވެމްބަރ 2020

އިންސާނީ ހައްގުތައްް ހިމާޔަތް ކުރަން ރާއްޖެ އިން ކޮށްފައިވާ މަސައްކަތްތައް މުރާޖައާ ކުރަން އދ. ގެ ޖެނީވާގެ އޮފީހުގައި ރޭ ބޭއްވި ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރު) ސެޝަންގައި ބައެއް ގައުމުތަކުން ރާއްޖެ އަށް ތައުރީފުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އިންސާނީ ހައްގުތައްް ހިމާޔަތް ކުރަން ރާއްޖެ އިން ކޮށްފައިވާ މަސައްކަތްތައް މުރާޖައާ ކުރަން އދ. ގެ ޖެނީވާގެ އޮފީހުގައި ރޭ ބޭއްވި ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރު) ސެޝަންގައި ބައެއް ގައުމުތަކުން ރާއްޖެ އަށް ތައުރީފުކޮށްފި އެވެ.

މަރުގެ އަދަބު ދިނުން ހުއްޓައިލުމުގެ ރަސްމީ މޮރެޓޯރިއަމެއް ގާއިމު ނުކުރާތީ އާއި ދީނީ މިނިވަންކަން ނުދޭތީ ޔޫރަޕްގެ ބައެއް ގައުމުތަކުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް ބައެއް ގައުމުތަކުން ފާހަގަކުރީ ރާއްޖެ އިން ކޮށްފައިވާ މަސައްކަތްތަކެވެ.

އެގޮތުން އިނގިރޭސި ވިލާތުގެ ފަރާތުން ވާހަކަ ދެއްކެވި މަންދޫބު ވިދާޅުވީ، ރާއްޖޭގެ ގާނޫނީ ނިޒާމަށް ގެނައި އިސްލާހުތަކަށް އެ ގައުމުން ތައުރީފުކުރާ ކަމަށާއި އެއީ ޑިމޮކްރެޓިކް އުސޫލުތަކާ އެއްގޮތަށް ގެނެސްފައިވާ އިިސްލާހުތަކެއް ކަމަށެވެ. ޑިމޮކްރަސީ ހަރުދަނާ ކުރުމާއި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގައި ރާއްޖެ އިން ކޮށްފައިވާ މަސައްކަތްތަކަށް އިނގިރޭސި ވިލާތުން ތައުރީފުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ބޭއްވި ރައްްޔިތުންގެ މަޖިލީހުގެ އިންތިހާބު ސުލްހަވެރިކަމާ އެކު، ކުރިއަށް ގޮސްފައި ވާތީ އެކަމަށް ވެސް އިނގިރޭސި ވިލާތުން ރާއްޖެ އަށް ތައުރީފު ކުރި އެވެ. އެކަމަކު މަޖިލީހުގައި އަންހެން މެމްބަރުން މަދުކަމުގެ ކަންބޮޑުވުން ފާޅުކުރި އެވެ.

އިނގިރޭސި ވިލާތުން ރާއްޖެ އަށް ހުށަހެޅި އެއް ހުށަހެޅުމަކީ މީހުން ޓްރެފިކް ކުރުން ކަމަށް ބެލެވޭނެ އެންމެހައި އަމަލުތަކަކީ ޖިނާއީ ކުށްތައް ކަމަށް ހެދުމެވެ. ހިއުމަން ޓްރެފިކިން އާއި ކުޑަކުދިން ލައްވައި ހަށި ވިއްކުން ހުއްޓުވުމަކީ ވެސް އެ ގައުމުގެ އެއް ހުށަހެޅުމެވެ.

ތައިލެންޑްގެ ފަރާތުން ވާހަކަ ދެއްކެވި އެ ގައުމުގެ ސަފީރު ވިދާޅުވީ، ސެކަންޑް ޔޫޕީއާރު ސައިކަލްގެ ފަހުންް ރާއްޖެ އިން ކޮށްފައިވާ މަސައްކަތްތަަކަށް އެ ގައުމުން ތައުރީފުކުރާ ކަމަށެވެ. އޭގެ ފަހުން، ރާއްޖޭގައި ފާސްކޮށް އަމަލުކުރަން ފަށާފައިވާ ޖެންޑާ އީކުއަލިޓީ ގާނޫނާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަކީ އޭނާ ވިދާޅުވި ގޮތުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެވެ. ސުޕްރީމް ކޯޓަށް އަންހެން ދެ ފަނޑިޔާރުން އައްޔަން ކުރުމަކީ ވެސް އޭނާ ވިދާޅުވި ގޮތުގައި ފާހަގަކޮށްލެވޭ ކަމެކެވެ.

"ޖެންޑާ އަށް ބަލައި ތަފާތުކުރުން ނައްތައިލުމަށާއި އަންހެނުންނާއި އަންހެންކުދިން ބާރުވެރިކުރަން ކުރާ މަސަައްކަތް ކުރިއަށް ގެންދަން އަޅުގަނޑުމެން ދިވެހިރާއްޖެ އަށް ހިތްވަރުދެން،" ތައިލެންޑުގެ ސަފީރު ވިދާޅުވި އެވެ.

ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް މޮނިޓަރިން ކޮމިޓީއެއް އެކުލަވައިލާފައި ވާތީ ވެސް ތައިލެންޑުން ރާއްޖެ އަށް މަރުހަބާ ކިޔެވެ. އެއާ އެކު ރާއްޖެ އަށް ގޮވައިލީ އެ ކޮމިޓީ ބާރުވެރި ކުރުުވައި، ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރުން ފާހަގަކޮށް، ބެލްޖިއަމުން ވެސް ރާއްޖެ އަށް މަރުހަބާ ކިޔެވެ. އެ ގައުމުން ބުނީ އެހެން ނަމަވެސް ޖެންޑާ އަށް ބަލައި، ހިންގާ ހަމަނުޖެހުމާއި އަންހެންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވަން އިތުރު މަސައްކަތްތައް ރާއްޖެ އިން ކުރަން ޖެހޭ ކަމަށެވެ.

ތުރުކީގެ ފަރާތުން އެ ގައުމުގެ ސަފީރު ވިދާޅުވިގޮތުގައި، ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމާއި ޖުވެނައިލް ޖަސްޓިސްގެ ދާއިރާ އިން ރާއްޖެ އިން ހޯދާފައިވާ ކުރިއެރުމަށް އެ ގައުމުން މަރުހަބާ ކިޔާ ކަމަށެވެ. ތައުލީމު ދިނުމުގެ ފެންވަރު ރަނގަޅު ކުރަން ރާއްޖެ އިން ކޮށްފައިވާ މަސައްކަތަށް ތުރުކީން ތައުރީފުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަދުލު އިންސާފަށް ވާސިލުވުން ފަސޭހަކުރަން އެ ގައުމުން [ދިވެހިރާއްޖޭން] ކޮށްފައިވާ މަސައްކަތަށް ވެސް ތުރުކީން މަރުހަބާ ކިޔާ،" އޭނާ ވިދާޅުވި އެވެ.

އެއާއެކު، ތުރުކީން ރާއްޖެ އަށް ހުށަހެޅީ ބިދޭސީ މަސައްކަތްތެރިންގެ ހާލަތު ރަނގަަޅުކުރަން މަސައްކަތް ކުރުމަށެެވެ. ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލަށް ހުށަހެޅިފައިވާ ގައުމެއްކަން ތުރުކީން ގަބޫލުކުރާ ކަަމަށް ވިދާޅުވެ، އެކަމުގެ ގެއްލުން ކުޑަކުރަން ރާއްޖެ އިން ކުރާ މަސައްކަތަށް ދުުނިޔެ އިން އެހީވުމަށް ވެސް ތުރުކީގެ ސަފީރު ގޮވައިލެއްވި އެވެ.

އޮސްޓްރިއާ އިން ބުުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން، އިންސާނީ ހައްގުތަކުގެ ދާއިރާ އިން ހޯދާފައިވާ ކުރިއެރުންތައް އެ ގައުމުން ފާހަގަކުރާ ކަމަށާއި އެ ދާއިރާ އިން ކުރަމުން އަންނަ މަސައްކަތް ކުރިއަށް ގެންދަން އެދޭ ކަމަށެވެ.

ރާއްޖެއާ ގާތްގުޅުމެއް ބާއްވަމުން އަންނަ ޗައިނާ އިން ބުނީ އިންސާނީ ހައްގުތައް ހިމާޔަތް ކުރަން ރާއްޖެ އިން ކުރަނީ ފާހަގަކޮށްލެވޭ މަސަައްކަތްތަކެއް ކަމަށާއި އިޖުތިމާއީ، އިގުތިސާދީ ތަރައްގީ ކުރިއަރުވާ ކަމަށެވެ. އަންހެނުންނާއި ކުޑަކުދިން އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރާއްޖެ އިން ކަށަވަރުކޮށްދޭ ކަމަށް ވެސް ޗައިނާގެ މަންދޫބު ވިދާޅުވި އެވެ.

ރާއްޖޭގެ ޔޫޕީއާރު ސެޝަންގައި މި ފަހަރު ހަތަރު ވަޒީރަކު ބައިވެެރިވެވަޑައިގަތެވެ. އެއީ އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.

އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅުކުރަން ރާއްޖެ އިން ކޮށްފައިވާ ޖުމުލަ މަަސައްކަތްތަކާއި ކުރަން ކަނޑައަޅާފައިވާ ކަންތައްތައް ވިދާޅުވެ ދެއްވީ އެޓާނީ ޖެނެރަލް ރިފްއަތެވެ. އެހެން ވަޒީރުން ހުށަހެޅުއްވީ އެ ބޭފުޅުންގެ ދާއިރާގެ ކަންތައްތަކެވެ.