ހުޅުމާލޭގައި ކުޑަކުއްޖަކު ބާރު ސްޕީޑްގައި ދުއްވި ސައިކަލަކުން ޖެހި މީހަކު މަރުވި މައްސަލާގައި އެ ކުއްޖާ އެއް އަހަރަށް ގޭގައި ބަންދުކުރަން ޖުވެނައިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން އިއްޔެ ދަމަހައްޓައިފި އެވެ.
06 ނޮވެމްބަރ 2020
ހުޅުމާލޭގައި ކުޑަކުއްޖަކު ބާރު ސްޕީޑްގައި ދުއްވި ސައިކަލަކުން ޖެހި މީހަކު މަރުވި މައްސަލާގައި އެ ކުއްޖާ އެއް އަހަރަށް ގޭގައި ބަންދުކުރަން ޖުވެނައިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން އިއްޔެ ދަމަހައްޓައިފި އެވެ.
އޮގަސްޓް، 2017 ގައި ހުޅުމާލޭގައި 16 އަހަރުގެ ކުޑަކުއްޖަކު ބާރު ސްޕީޑްގައި ދުއްވާފައި ވަނިކޮށް ދުއްވާފައި ދިޔަ އެހެން ސައިކަލެއްގައި ޖެހި، އެ ސައިކަލު ދުއްވަން އިން އުމުރުން 64 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެ، ފަރުވާ ދެނިކޮށް ސެޕްޓެމްބަރު، 2017 ގައި މަރުވި މައްސަލާގައި އެ ކުއްޖާ އެއް އަހަރާއި 24 ދުވަހަށް ގޭ ބަންދު ކުރަން ޖުވެނައިލް ކޯޓުން މިދިޔަ އަހަރު ހުކުމްކުރީ މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ކުށުގަ އެވެ. ކުޑަކުދިންގެ ގޮތުގައި ތިބެ ކުށްކުރާ މީހުންގެ މައުލޫމާތު އާންމު ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.
އެ ކުއްޖާގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ގާނޫނުލް އުގޫބާތުގެ 53 ވަނަ މާއްދާ ދަށުން ކުޑަކުދިން ކުރާ ކުށްތަކަށް މައާފް ލިބެނިވި ދިފާއު ލިބިގެން ވިޔަސް، އިސްލާމްދީނުގައި ހައްދު ކަނޑައެޅޭ ކުށްތަކާއި އަނިޔާވެރި ކުށްތަކުގެ ޒިންމާ އެ ކުދިން ނަގަން ޖެހޭ ކަމަށެވެ. އަދިި އެ ކުއްޖާ ކުރި އަމަލަކީ ލައިސަންސް ނެތި ބާރު ސްޕީޑްގައި ސައިކަލު ދުއްވުމުން ކަމަށް ވާއިރު، އޭގެ ނަތީޖާއެއްގެ ގޮތުން އެކްސިޑެންޓްވެ މީހަކަށް އަނިޔާވެ، މަރުވުމަކީ އެ ކުށުގެ ޒިންމާ އޭނާ އުފުލަން ޖެހޭ ފަދަ އަނިޔާވެރި ކުށެއް ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، އެ ހާލަތުގައި މައާފް ލިބެނިވި ދިފާއު އެ ކުއްޖާއަށް ނޯންނާނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން ދަށު ކޯޓުން ބައެއް ހެކިވެރިންގެ ހެކިތައް ސިއްރު ކޮށްފައިވަނީ ސިއްރު ހެކިންގެ މައުލޫމާތު ހާމަވުުމުގެ ފުރުސަތު އޮތުމުން ކަމަށާއި އަދި ހެކިން ސިއްރުން ކުރިޔަސް، އެ ހެކިންނާ ސުވާލު ކުރުމުގެ ފުރުސަތު ދީފައި އޮތުމުން އެކަމުގައި ގާނޫނާ ޚިލާފް ކަމެއް ނެތް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އަދި އެ ކުއްޖާގެ މައްޗަށް ކަނޑައެޅި އަދަބަކީ ވެސް ކުޑަކުދިންގެ އަދުލުގެ ގަވާއިދާ އެއްގޮތަށް ކަމަށް ވެސް ހުކުމުގައިވެ އެވެ. އެހެންވެ، އެ ކުއްޖާ އެއް އަހަރާއި 24 ދުވަހަށް ގޭ ބަންދުކުރަން ކުރި ހުކުމް ރަނގަޅު ކަމަށް އެ ހުކުމުގައިވެ އެވެ.
ޖުވެނައިލް ކޯޓުން ނިންމާފައި އޮތީ އެ ކުއްޖާ ގޭ ބަންދު ކުރުމުގެ އިތުރުން ކައްފާރާއެއްގެ ގޮތުން ޖެހިޖެހިގެން ދެ މަސް ދުވަހުގެ ރޯދަ ހިފުމަށެވެ. އަދި މަރުގެ ދިޔަ ނަގައިދެމުން އައި ޝަރީއަތް ކުރުމާބެހޭ ގަވާއިދު މިހާރު އުވިފައިވާތީ އަލުން ގާނޫނުގައި އެކަން ކަނޑައެޅުން މަރުގެ ދިޔަ ހޯދަން މަރުވި މީހާގެ ވާރިސުންނަށް ދައުވާ ކުރެވޭނެ ކަމަށް އެ ކޯޓުގެ ނިންމުމުގައިވެ އެވެ.
އެކަމަކު މަރުގެ ދިޔައާ ގުޅޭގޮތުން ހައި ކޯޓުގެ ހުކުމުގައިވަނީ އެ ކޯޓުން ކުރިން ވެސް ކަނޑައަޅާފައިވާ ގޮތަށް، ޝަރީއަތް ކުރުމާބެހޭ ގަވާއިދުގެ ދަށުން މަރުގެ ދިޔަ ނަގައިދެވޭނެ ކަމަށެވެ. އަދި އެފަދަ މައްސަލަތަކުގައި އަމަލުކުރަން ޖެހޭ ގޮތަކީ އެއީ ހައި ކޯޓުގެ ހުުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހާތިފް އެވެ.
ފޯނު ބަލަން އަމުރުނުދޭ މައްސަލަ އިސްތިއުނާފެއް ނުކުރާނެ
15 އަހަރުނުވާ ކުދިންގެ ފޯނު ފުލުހުންނަކަށް ނުބެލޭނެ
އަނަސް މަރާލި ކުޑަކުއްޖާ 18 އަހަރަށް ޖަލަށް
މަރުގެ ދައުވާލިބޭ ކުއްޖާގެ ގޭ ބަންދު ދަމަހައްޓައިފި
މީހަކު މަރުވި އެކްސިޑެންޓާ ގުޅިގެން ކުއްޖަކަށް ދައުވާ
އައްޔުބެގެ މަރުގައި ބައިވެރިވި ކުއްޖަކު އިސްތިއުނާފަށް
މީހަކު މަރުވި އެކްސިޑެންޓުގެ މައްސަލަ ހައިކޯޓަށް
ހައި ކޯޓުގައި ފުލުހުން ދޮގު ހެދިކަމުގެ ތުހުމަތު!
ވީޑިއޯއަށް ބާރުދީ، ކުއްޖެއްގެ ކުށް ސާބިތުވެއްޖެ
ނޫރުގެ ގާތިލަށް ކުށް ސާބިތުވިޔަސް މަރުގެއަދަބު ނުދެވޭނެ