Roadha Mihaaru
ހައަހަރު ކުރީގެ ހުކުމެއް އިސްތިއުނާފްކުރުމުގެ ހުއްދައަށް

ހަ އަހަރު ކުރީގެ ހުކުމެއް އިސްތިއުނާފުކުރުމުގެ ހުއްދައަކަށް އޭޖީން އެދިއްޖެ

08 ނޮވެމްބަރ 2020

ފުށިދިއްގަރު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށް ސަރުކާރާ އެކު ޖޮއިންޓް ވެންޗާ ކުންފުނި ރަޖިސްޓްރީކޮށްދިނުމަށް އެދި ސިވިލް ކޯޓުން މީގެ ހަ އަހަރު ކުރިން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދައަކަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިއަދު އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފުށިދިއްގަރު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށް ސަރުކާރާ އެކު ޖޮއިންޓް ވެންޗާ ކުންފުނި ރަޖިސްޓްރީކޮށްދިނުމަށް އެދި ސިވިލް ކޯޓުން މީގެ ހަ އަހަރު ކުރިން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދައަކަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިއަދު އެދިއްޖެ އެވެ.

އެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ ފުށިދިއްގަރު ފަޅުގައި ޓޫރިސްޓް ޒޯނެއް ތަރައްގީކުރުމަށްޓަކައި ސަރުކާރާއި ޕްރައިމް ކެޕިޓަލް މޯލްޑިވްސްއާ އެކު ވެފައިވާ ޖޮއިންޓް ވެންޗާ އެގްރިމެންޓެއްގެ ދަށުން ޖޮއިންޓް ވެންޗާ ކުންފުނި ރަޖިސްޓްރީކޮށްދީފައި ނުވާތީ އެ ކުންފުނިން ހުށަހެޅި މައްސަލަ ޖުލައި 15، 2014 ގައި ނިންމާފައި ވަނީ ދައުލަތާ ދެކޮޅަށް ކަމަށެވެ. ނަމަވެސް އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވިއިރު ވެސް އެ މައްސަލަ އިސްތިއުނާފުކޮށްފައި ނުވާތީ އެކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ކަމަށް ބުންޏެވެ.

ޕްރައިމް ކެޕިޓަލް މޯލްޑިވްސް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ސަރުކާރުން ޖެނުއަރީ 18، 2013 ގައި ސޮއިކޮށްފައިވާ އެގްރިމެންޓާ އެއްގޮތަށް ޖޮއިންޓް ވެންޗާ ކުންފުނި ރަޖިސްޓްރީކޮށްދީފައި ނުވާތީ އެކަމުގެ ސަބަބުން ޖޮއިންޓް ވެންޗާ ކުންފުންޏަށް ސަރުކާރުން ދޫކުރަން ނިންމާފައިވާ ފުށިދިއްގަރު ފަޅުގެ ލީޒް އެގްރިމެންޓްގައި ސޮއިނުކޮށް ލަސްވެގެން ދިއުމުގެ ސަބަބުން އެ ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ބުނެ އެވެ.

އެ މައްސަލަގައި ސިވިލް ކޯޓުން ނިންމީ، ހަތް ދުވަހުގެ ތެރޭގައި ޖޮއިންޓް ވެންޗާ ކުންފުނި ރަޖިސްޓްރީކޮށްދިނުމަށާއި ދިވެހި ސަރުކާރާއި ޕްރައިމް ކެޕިޓަލް މޯލްޑިވްސްއާ ދެމެދު ވެފައިވާ ޖޮއިންޓް ވެންޗާ އެގްރިމެންޓުގައިވާ ގޮތުގެ މަތިން ޖޮއިންޓް ކުންފުނި ރަޖިސްޓްރާތާ ފަސް ދުވަހުގެ ތެރޭގައި އެގްރިމެންޓުގައި ބަޔާންވެގެންވާ ގޮތަށް މައްސަލައިގައި ދައުވާކުރާ ފަރާތުން ހުށަހަޅާފައިވާ މާސްޓަ ލީސް އެގްރިމެންޓުގައި ސޮއިކުރުމަށެވެ.

ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ވެސް ޕްރައިމް ކެޕިޓަލް އަދި ސަރުކާރުގެ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ހިމެނޭ ކަންކަން ބެލުމަށް ފަހު ކުރީގެ ނައިބު ރައީސް އަދި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވެ އެވެ. އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ އޮކްޓޯބަރު 25، 2020 ގަ އެވެ.

ދައުވާކުރަން ފޮނުވުމަށް ފަހު ޕީޖީން ނެރުނު ބަޔާނުގައި ބުނީ ފުށިދިއްގަރު ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާގޮތަށް ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ހެދުމަށް ނޮވެމްބަރު، 29، 2011، ގައި ވަޒީރުންގެ މަޖިލީހުން ނިންމީ އެ މަޝްރޫ އަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދު ކުރަން ނުޖެހޭ ގޮތަށާއި އެ މަޝްރޫއުގެ ބިމު ކުލި ދައުލަތަށް ލިބެންޖެހޭ ގޮތަށެވެ.

އެކަމަކު ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައި އެ ރަށުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ކަނޑައެޅިގެން ޚިލާފަށް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެ އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ޚިލާފުވާން ޖެހޭ ސަބަބެއް ނެތި ޖިހާދު، ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު ސޮއިކުރެއްވީ 50 ޕަސެންޓުގެ ބަދަލުގައި ދިވެހި ދައުލަތުގެ 25 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ކަމަށެވެ.

އޭޖީގެ ބަޔާނުގައި ބުނީ ޖޮއިންޓް ވެންޗާ އެއްބަސްވުމަކީ ގާނޫނާ އެއްގޮތަށް ސައްހަ އެއްބަސްވުމެއްކަން އެނގެން އޮތަސް ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓުގައި އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ވަކިފަރާތަކަށް ނާޖާއިޒް ފައިދާ ލިބޭގޮތަށް، ދައުލަތަށް ކަނޑައެޅިގެން ގެއްލުންވާ ގޮތަށް ކަމަށް ބަޔާންކޮށްފައި އޮތުމުން، އެއީ ގާނޫނާ އެއްގޮތަށް ސޮއިކޮށްފައިވާ ސައްހަ އެއްބަސްވުމެއް ނޫންކަން އެނގެން އޮންނަ ކަމަށެވެ.

"މި މައްސަައާ ގުޅިގެން މި އޮފީހަށް ލިބިފައިވާ އާ ހެއްކާއި މައުލޫމާތުތަކަށް ބަލާއިރު، މި މައްސަލައިގެ ހުކުމަކީ ފާޅުކަން ބޮޑު ގޮތެއްގައި އަދުލް އިންސާފަށް ހުރަސްއެޅޭގޮތަށް އޮތް ހުކުމެއްކަމަށް ފެންނާތީ، އެ ހުކުމް ދިވެހިރާއްޖޭގެ ހައި ކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި މިއަދު ވަނީ އެ ކޯޓަށް ހުށަހަޅައިފަ އެވެ،" ބަޔާނުގައި ބުންޏެވެ.