Roadha Mihaaru
"ހިޔާނާތް އެކުލެވޭ އެއްބަސްވުންތައް ބާތިލް ކުރާނަން"

ރަށްތައް ވިއްކުމުގައި ހިޔާނާތް އެކުލެވޭ އެއްބަސްވުންތައް ބާތިލް ކުރާނަން: އެމްޑީޕީ

01 ނޮވެމްބަރ 2016

ބިޑް ކުރުމަކާ ނުލައި ރާއްޖޭގެ ރަށްތަކާއި ފަޅުތައް އެހެން ބަޔަކަށް މިލްކުކޮށް ވިއްކުމުގައި އަމަލުކޮށްފައިވާ ގޮތް އެމްޑީޕީގެ ސަރުކާރެއްގައި ތަހުގީގުކޮށް، ހިޔާނާތް އެކުލެވިގެން ހަރު މުދަލެއް ވިއްކާލާފައިވާނަމަ، އެ މުއާމަލާތެއް ބާތިލުކޮށް އެ މުދަލެއް އަތުލާނެ ކަމަށް އެމްޑީޕީން މިރޭ ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ބިޑް ކުރުމަކާ ނުލައި ރާއްޖޭގެ ރަށްތަކާއި ފަޅުތައް އެހެން ބަޔަކަށް މިލްކުކޮށް ވިއްކުމުގައި އަމަލުކޮށްފައިވާ ގޮތް އެމްޑީޕީގެ ސަރުކާރެއްގައި ތަހުގީގުކޮށް، ހިޔާނާތް އެކުލެވިގެން ހަރު މުދަލެއް ވިއްކާލާފައިވާނަމަ، އެ މުއާމަލާތެއް ބާތިލުކޮށް އެ މުދަލެއް އަތުލާނެ ކަމަށް އެމްޑީޕީން މިރޭ ބުނެފި އެވެ.

ފުލުހުންގެ ބޭނުންތަކަށް ދީފައި އޮންނަ ކ. ފޭދޫފިނޮޅާއި ކުރިން ބޭރު ބަޔަކަށް ވިއްކި ފުށިދިއްގަރުފަޅާއި އިތުރު ރަށްތަކުގައި ރިސޯޓް ހަދަން ޓޫރިޒަމް މިނިސްޓްރީން އިއުލާން ކުރުމާ ގުޅިގެން އިދިކޮޅު އެންމެ ބޮޑު ޕާޓީން ވަނީ ބަޔާނެއް ނެރެ، ސަރުކާރުގެ އަމަލު ކުށްވެރިކޮށްފަ އެވެ. ޓޫރިޒަމް މިނިސްޓްރީން މިފަހަރު އިއުލާންކުރި 11 ފަޅުރަށާއި ދެ ފަޅު ވިއްކާލައިގެން 2.8 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެ އެވެ.

އެމްޑީޕީގެ ބަޔާނުގައި، ފުށިދިއްގަރުފަޅާ މެދު މީގެ ކުރިން 2013 ވަނަ އަހަރު ސަރުކާރުން އެހެން ފަރާތަކާއެކު އެއްބަސްވުމެއް ހަދައި މުއާމަލާތް ކޮށްފައިވާކަން ފާހަގަ ކޮށްފައިވެ އެވެ. އަދި އެ އެއްބަސްވުމަށް ވީގޮތެއް އޮޅުން ނުފިލައި ވަނިކޮށް، އަނެއްކާ ފުށިދިއްގަރުފަޅު ވިއްކާލުމަށް އިއުލާން ކުރުމުން ސަރުކާރުން ތަކުރާރުކޮށް އަމަލު ކުރަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަން ހާމަވާ ކަމަށް އެމްޑީޕީން ބުންޏެވެ.

އަދާލަތު ޕާޓީން ވެސް ވަނީ ބިޑްނުކޮށް، ކުރީގެ އެގްރީމަންޓާއި ފައިސާއަށް ވީގޮތް ހާމަނުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނިންމުމާ ހިލާފަށް ފުށިދިއްގަރުފަޅު އަލުން ވިއްކާލަން ނިންމި ނިންމުން ކުށްވެރިކޮށްފަ އެވެ.

"އެމްއެމްޕީއާރުސީ އިން ޓުއަރިޒަމުގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ދޫކުރުމުގައި މީގެ ކުރިން ވެފައިވާ އެތައް ބިލިޔަން ރުފިޔާގެ ހިޔާނާތުގެ ފައިސާގެ ތެރެއިން މިހާތަނަށް އެއްވެސް އަދަދެއް ހޯދައި، ރައްޔިތުންގެ ހަޒާނާގެ ތެރެއަށް އަލުން ވައްދާފައި ނުވާއިރު، މި މުޖުރިމު ސަރުކާރުން ހިންގާ މިފަދަ މުއާމަލާތްތަކުގައި ވައްކަމާއި ހިޔާނާތް ދެން އެކުލެވިގެން ނުވާނޭ ކަމަށް، ނުވަތަ ރައްޔިތުންނަށް ބޮޑު ގެއްލުމެއް ނުދޭނޭ ކަމަށް ރައްޔިތުން ނުދެކުމަށް އެމްޑީޕީ އިން ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.

ފުށިދިއްގަރު ފަޅު ސްޕެޝަލް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފެއްދުމުގެ ބޭނުމުގައި، ދިވެހި ސަރުކާރާއި ސިންގަޕޫރުގެ ޕްރައިމް ކެޕިޓަލްއާ އެކު 2013 ގައި ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ހަދާފައިވެ އެވެ. އަދި އެ ފަޅުގެ އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދެއްކުމުން ނޫނީ ކުއްޔަށް ނުދިނުމަށް އޭސީސީ އިން ޓޫރިޒަމް މިނިސްޓްރީ އަށް މިދިޔަ މާޗް މަހު އަންގާފައިވެ އެވެ.

ފުށިދިއްގަރުފަޅު ވިއްކާލަން ސަރުކާރުން ނިންމީ ކުރިން ހަދާފައި އޮތް އެއްބަސްވުން އުވާލުމަށް ފަހު ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނޭނގެ އެވެ.