Roadha Mihaaru
އެއްބަސްވިގޮތް ނުވިޔަސް ކޯލިޝަންގައި ތިބޭނަން: ގާސިމް

އެއްބަސްވިގޮތަށް ކަންތައްތައް ނުވިޔަސް ކޯލިޝަންގައި ދެމިތިބޭނަން: ގާސިމް

20 ނޮވެމްބަރ 2020

ކޯލިޝަން ހެދި އިރު އެއްބަސްވެފައިވާ ގޮތަށް ކަންތައްތައް ނުދިޔަސް، ޖުމްހޫރީ ޕާޓިން އިސްވެ، ކޯލިޝަނުން ވަކިނުވާނެ ކަމަށް، އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޯލިޝަން ހެދި އިރު އެއްބަސްވެފައިވާ ގޮތަށް ކަންތައްތައް ނުދިޔަސް، ޖުމްހޫރީ ޕާޓިން އިސްވެ، ކޯލިޝަނުން ވަކިނުވާނެ ކަމަށް، އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް އިދިިކޮޅު ޕީޕީއެމުން ވަަޑައިގެންނެވި ބޭފުޅުން، ކޯލިޝަން ރޫޅައިލަން ބާރު އަޅާތޯ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ސުވާލުކުރުމުން ގާސިމް ވިދާޅުވީ އެބޭޭފުޅުން އެގޮތަށް ބާރު ނާޅުއްވާ ކަމަށެވެ. އޭގެ ބަދަލުގައި ބާރު އަޅުއްވަނީ ކޯލިޝަންގައި ދެމިތިބެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަކު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ބޭފުޅުން ކޯލިޝަން ރޫޅައިލަަން ވަރަށް ގިނައިން ވާހަކަ ދައްކަވާ ކަމަށާއި ކޯލިޝަން ރޫޅައިލަން އުޅެނީ ކޮން ބައެއްކަން ރައްޔިތުންނަށް ސާފުވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ކޯލިޝަން އެއްބަސްވުމުގެ ތެރެއިން އެމްޑީޕީން ޖޭޕީ އަށް ފުރުސަތު ދިނީ ކޮންކޮން ކަންތައްތަކަށް ކަން ވެސް ގާސިމް ވިދާޅުވީ ސާފުވާނެ ކަަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ދުވަސްވަރު، "ފޯރި އަރައިގަތީމާ" އެ ވާހަކަ ދައްކަވާފައި ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން މިފަހަރު ވެސް މިތިބީ، މިފަހަރު ވެސް އަޅުގަނޑުމެންގެ ގައިގައި ޖަހާފައި އަޅުގަނޑުމެން ބޭރުކޮށްލާތޯ ބަލަން. އަދި އަޅުގަނޑުމެންނަށް، އެ އެއްބަސްވެވަޑައިގެންފައި އޮތް ގޮތަށް މުޅިން 100 ޕަސެންޓް އެއްގޮތަށް ވަޒީފާތަކާއި ކަންތައްތަކުގައި، އެއްބަސްވުމާ އެއްގޮތަށް 100 ޕަސެންޓް ދިޔަޔަސް ނުދިޔަޔަސް އަޅުގަނޑުމެން މިތިބީ ހަމަ ސަރުކާރުން، އެމްޑީޕީން އަޅުގަނޑުމެން ވަކިކޮށްފައި އެއްލައިލާތޯ ބަލަން،" ގާސިމް ވިދާޅުވި އެވެ.

ޖޭޕީގެ ސްލޮޓްތަކުގައި މިނިސްޓަރުކަމަށް ވަޑައިގެންނެވި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ ބެހޭ ގޮތުން ރާއްްޖެ ޓީވީން ސުވާލުކުރެއްވުމުންް، ގާސިމް އެ ދެބޭފުޅުން ދިފާއެއް ނުކުރައްްވަ އެވެ. މިހާރު ތިއްބެވި އެ ޕާޓީގެ މިނިސްޓަރުންގެ ތެރެއިން ޓެލެކޮމިއުނިކޭޝަން މިނިސްޓަރު މަަލީހު ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަަލައާ ބެހޭ ގޮތުން ސުވާލުކުރެއްވުމުން ވެސް ދެއްވީ ނުސާފު ޖަވާބެކެވެ. މަލީހު ދިފާއު ކުރައްވާކަށް ވެސް ގާސިމް ނޫޅުއްވަ އެވެ.

އޭނާ ވިދާޅުވީ މަލީހުގެ ކަންތަކާ އެއްޗެއް ވިދާޅުވާން އެނގިވަޑައިގަންނަވާނީ އޭނާގެ މައްސަލަ މަޖިލީހަށް އައުމުން ކަމަށެެވެ. މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާއިރު، އެކަމުގައި މަލީހުގެ މައްސަލަތަކެއް ހުރެއްޖެ ނަމަ ޖެހޭނީ އެކަން ގަބޫލުކުރައްވަން ކަމަށް ވެސް ވިދާޅުވި އެެވެ.

މިނިސްޓްރީތަކުގެ ތެރެއިން ޖޭޕީއަށް ހާއްސަކުރި ސްލޮޓްތަކުގެ ތެރެއިން އެ ޕާޓީއަށް ގެއްލުނީ ހެލްތު މިނިސްޓްރީ އެކަންޏެވެ. ޓޫރިޒަމް މިނިސްޓަރުކަމުން އަލީ ވަހީދު ވަކިކުރެއްވުމަށް ފަހުގައި ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހަމަޖެއްސެވީ ޖޭޕީގެ ބެފުޅެކެވެ. ހެލްތު މިނިސްޓްރީއަށް އެމްޑީޕީގެ ބޭފުޅަކު ހަމަޖެއްސެވީ ގާސިމްއާ ވާހަކަ ދައްކަވާފައި ކަމަށް ރައީސް ވިދާޅުވި ވިދާޅުވުމަކީ ތެދު ވާހަކަފުޅެއް ކަމަށް ވެސް ގާސިމް ވިދާޅުވުވި އެވެ.