Roadha Mihaaru
އަނިޔާ ލިބުނު އާއިލާއަށް ހިމާޔަތް އެބަދެން: ޖެންޑާ

ރުގްޔާގެ ނަމުގައި އަނިޔާ ލިބުނު އާއިލާ އަށް ރައްކާތެރިކަން އެބަދެން: ޖެންޑާ

24 ނޮވެމްބަރ 2020

ރުގްޔާ ކުރުމުގެ ނަމުގައި ގޭގައި ބަންދުކޮށް ތަޅައި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މަންމަ އާއި ތިން ދަރިންނަށް ރައްކާތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރުގްޔާ ކުރުމުގެ ނަމުގައި ގޭގައި ބަންދުކޮށް ތަޅައި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މަންމަ އާއި ތިން ދަރިންނަށް ރައްކާތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފުލުހުން ތަހުގީގުކުރާ އެ މައްސަލައިގައި މިނިސްޓްރީގެ ދައުރު އަދާކޮށް އެއްބާރުލުން ދެމުން އަންނަ ކަަމަށެވެ. ޖިންސީގޯނާގެ މައްސަލަތަކުގައި ޖެންޑާ އަށް އޮންނަ ޒިންމާއަކީ ވިކްޓިމް ހިމާޔަތްކޮށްދިނުން ކަން ފާހަގަކުރައްވައި ވިދާޅުވީ އެކަން މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.

މެދުރާއްޖެ ތެރޭގެ ރަށެއްގައި މިދިޔަ އޮގަސްޓް މަހުން ފެށިގެން މަންމަ އާއި ތިން ކުދިން ގޭތެރޭގައި ބަންދުކޮށް ތިން މަސް ދުވަސްދެން ގެންގުޅުނެވެ. އެ މީހުންނަށް ސަލާމަތްވެވުނީ މިދިޔަ މަހުގެ 30 ގަ އެވެ. އަނިޔާގެ ތުހުމަތުކުރަނީ ފަހުން ކައިވެނިކުރި އޭނާގެ ފިރިމީހާ އާއި އެ ރަށުގެ ރުގްޔާ ކުރާ މީހަކަށެވެ.

ޖިންނީންގެ އުނދަގުލުން ސަލާމަތްވާން ކަމަށް ބުނެ ގޭގައި ބަންދުކޮށް ރުގްޔާކޮށް ކުރި އަނިޔާގައި ހަތް އަހަރުގެ އަންހެން ކުއްޖާ އަށް ވަނީ ޖިންސީގޯނާކޮށްފަ އެވެ. އޭގެ އިތުރުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާ ދިން ކަމަށް އެ ކުދިންގެ މަންމަ ބުނެ އެވެ.

އެ މީހުންނަށް ސަލާމަތްވެވުނު ދުވަހު ފުލުހުންނަށް އެ މައްސަލަ ރިޕޯޓްކުރި ނަމަވެސް ޖިންސީގޯނާކޮށްފައިވާ ކުއްޖާގެ ޓެސްޓްތައް ހެދުމާއި އަނިޔާގެ ހެއްކެއްގެ ގޮތުގައި ފޮޓޯ ނެގުން ލަސްވި މައްސަލައިގައި އާއިލާގެ ބައެއް މީހުންގެ ކަންބޮޑުވުން އެބައޮތެވެ.

އެކަމަކު، މި ފަހުން މި މައްސަލައިގައި ފުލުހުންގެ ތަހުގީގު އަވަސްކޮށްފައިވާ ކަން ކުދިންގެ މަންމަ ފާހަގަކުރެ އެވެ. މި މައްސަލަ ފުރަތަމަ ރިޕޯޓްކުރީ އެ މީހުން ދިރިއުޅުނު ރަށުގެ ޕޮލިސް ސްޓޭޝަނަށެވެ. އެކަމަކު އެތަނުގައި ހުރި ފުލުހަކީ މި މައްސަލަށް ނުފޫޒު ފޯރުވިދާނެ ފަދަ މީހެއް ކަމަށް އާއިލާއަށް ގަބޫލުކުރެވޭތީ އަތޮޅު ޕޮލިސް ސްޓޭޝަނުން މައްސަލަ ބަލައިދޭން އާއިލާ އިން އޮތީ އެދިފަ އެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނަނީ އެތަނުންނެވެ.