Roadha Mihaaru
އަނިޔާކުރި މައްސަލައިގައި ދައުވާކޮށްދޭން އެދިއްޖެ

ހިޔާގައި ތިބި ކުދިންތަކަކަށް އަނިޔާކުރި މައްސަލައިގައި 11 މީހަކަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް

24 ނޮވެމްބަރ 2020

ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކަކަށް މީގެ ތިން އަހަރު ކުރިން ޖިސްމާނީ އަދި ނަފުސާނީ އަނިޔާކުރި މައްސަލައިގައި 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް އިއްޔެ ހުށަހަޅައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކަކަށް މީގެ ތިން އަހަރު ކުރިން ޖިސްމާނީ އަދި ނަފުސާނީ އަނިޔާކުރި މައްސަލައިގައި 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް އިއްޔެ ހުށަހަޅައިފި އެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ އިންކުއަރީގެ ތެރެއިން ހިޔާގައި ތިބި ކުދިންނާމެދު އެ ތަނުގެ މުވައްޒަފުން 2017 ވަނަ އަހަރު ޖިސްމާނީ އަދި ނަފުސާނީ އަނިޔާ ދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ވިލިމާލޭގައި ހުންނަ ހިޔާގައި ތިބި ކުދިންނާ މެދު އެ ތަނުގައި އޭރު މަސައްކަތްކުރި ބައެއް މުވައްޒަފުން އަނިޔާކުރި މައްސަލަ ޖުލައި، 2018 ގައި ފުލުހުންނަށް ހުށަހެޅިއަސް މިހާތަނަށް އެއްވެސް މީހެއްގެ މައްޗަށް ފިޔަވަޅު އަޅައިފައެއް ނުވެ އެވެ. އެކަމަކު، ވީ އެންމެ އަވަހަކަށް މައްސަލަ ތަހުގީގު ކުރުމަށް ފަހު، ދައުވާ ކުރުމަށް ފޮނުވުމުގެ އަމުރެއް އޮކްޓޯބަރު 11، 2020 ގައި ޕީޖީ ވަނީ ފުލުހުންގެ މައްޗަށް ނެރެފަ އެވެ.

ދައުލަތުން ބަލަހައްޓަމުން ދިޔަ ކުދިންތަކެއް ބަރަހަނާ ކޮށްގެންނާއި އެ ނޫން ގޮތްގޮތަށް އަނިޔާކުރި މި މައްސަލަތައް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް ނުބަލަން ނިންމި ކަމަށް އެންޓި ޓޯޗާގެ ރިޕޯޓުން ވެސް ހާމަވެފައި ވެ އެވެ. ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިން ބަލަހައްޓާ ހިޔާ، ފިޔަވައްޗާއި ގދ. ތިނަދޫ، ޗިލްޑްރަން ސާވިސް ސެންޓަރުގައި ތިބި 22 ކުއްޖަކަށް އަނިޔާކުރި 10 މައްސަލައެއް ނުބަލަން ނިންމީ އެ ހާދިސާ ހިނގިތާ އަހަރެއްހާ ދުވަސް ވުމުންނެވެ.

މިނިވަންކަމާއެކު އެ މައްސަލައިގެ ތަހުގީގު ގެންދިއުމަށް ރިޔާސީ ކޮމިޝަނާއި ފުލުހުންނާއި ދައުލަތުގެ ވަކީލުން ހިމެނޭގޮތުން އޮކްޓޯބަރު 12، 2020 ގައި ހާއްސަ ޓީމަކުން މަސައްކަތް ފެށި އެވެ. މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށް އިތުރަށް 24 މީހަކާ ސުވާލުކޮށް 24 ބަޔާން ނަގައި ފަސް ކުޑަކުދިންނާ ސުވާލުކުރި އެވެ. މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު ފަރާތެއް ދެނެގަނެވިފައިވާ ކަމަށް ވެސް ބުންޏެވެ.

"މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ތުހުމަތުކުރެވޭ ޖުމްލަ 11 މީހެއްގެ މައްޗަށް ދައުވާ އުފުލައިދެއްވުން އެދި ނޮވެމްބަރު 23، 2020 ގައި މި މައްސަލަ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ހުށަހެޅުއްވުމުން އެ އޮޮފީހުން މައްސަލަ ބަލައިގަނެ ދައުވާ އުފުލުމުގެ މަސައްކަތް ވަނީ ފައްޓަވައިފަ އެވެ،" މިދިޔަ ފެބްރުއަރީ މަހު އުފެއްދި ކޮމިޝަނުން ނެރުނު ބަޔާނުގައި ބުންޏެވެ.

އޭގެ އިތުރުން އެ މައްސަލަ ރިޕޯޓުކޮށް ފިޔަވަޅު އެޅުމުގެ މަރުހަލާގައި ކަން ހިނގާފައިވާގޮތާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި 2017 ގައި ކުޑަކުދިންގެ ހިޔާގައި ހިނގާފައިވާ ކަން ތަހުގީގުކުރުމާއި ފިޔަވަޅު އެޅުމުގައި ޒިންމާވާ މުއައްސަސާތަކުގެ އެއްވެސް އިހުމާލެއް ވޭތޯ ދެނެގަތުމުގެ ވަކި އިންކުއަރީއެއް އަންނަނީ ހަދަމުންނެވެ.