Roadha Mihaaru

ކުޑަކުއްޖަކު ރޭޕްކުރުމުން ބަލިވެއިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ދެކުނުގެ ރަށެއްގައި އުމުރުން 18 އަހަރު ނުވާ ކުއްޖަކު ރޭޕްކޮށް، ބަލިވެއިން މައްސަލާގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ކުޑަކުއްޖަކު ބަލިވެއިން މައްސަލާގައި މީހަކު ހައްޔަރަށް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

18 އޮކްޓޯބަރ 2023

ދެކުނުގެ ރަށެއްގައި އުމުރުން 18 އަހަރު ނުވާ ކުއްޖަކު ރޭޕްކޮށް، ބަލިވެއިން މައްސަލާގައި މީހަކު ހައްޔަރު ކޮށްފި އެވެ.

އުމުރުން 15 އަހަރުގެ އެ ކުއްޖާ ބަލިވެއިން މައްސަލަ ފުލުހުން ބަލަން ފެށީ މި މަހުގެ 8 ވަނަ ދުވަހު އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ހުއްދަ ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ކުއްޖާގެ މަންމަ ސޯޝަލް މީޑިއާއަށް ލީ ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާގެ ދަރިފުޅު ރޭޕްކޮށް، ބަނޑުބޮޑު ކޮށްލީ އެ ރަށުގެ ފިރިހެނުންތަކެއް ކަމަށެވެ. ދަރިފުޅު ބަނޑުގައި އޮތް ދަރިފުޅު ބޭސް ދީގެން މަރާލަން މަސައްކަތް ކޮށް އެކަން ނުވުމުން އެކަން ކުރި މީހުން އޭނާ ކައިރީ އެ ވާހަކަތައް ކިޔައިދިން ކަމަށް ވެސް ކުއްޖާގެ މަންމަ ބުނެފައި ވެ އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ކުއްޖާގެ ރައްކާތެރިކަން ކަަށަވަރު ކުރުމުން ކުރަން ހުރި އެންމެހައި ކަންކަން ކުރަމުން އަންނަ ކަމަށެވެ.