Roadha Mihaaru
ހަތަރު މައިންނަށް އަނިޔާކުރި މައްސަލަ ކޮމިޓީން ބަލަނީ

ރުގްޔާގެ ނަމުގައި އަނިޔާކުރި މައްސަލަ ބަލަން މުއައްސަސާތައް ކޮމިޓީއަށް ހާޒިރުކުރަނީ

24 ނޮވެމްބަރ 2020

ޖިންނީންގެ އުނދަގުލުން ސަލާމަތްކުރަން ކަމަށް ބުނެ ހަތަރު މައިން ގެއެއްގެ ތެރޭގައި ބަންދުކޮށް ރުގްޔާގެ ނަމުގައި ތަޅައި އަނިޔާކޮށް، ހަތް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ބަލަން ފަށައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޖިންނީންގެ އުނދަގުލުން ސަލާމަތްކުރަން ކަމަށް ބުނެ ހަތަރު މައިން ގެއެއްގެ ތެރޭގައި ބަންދުކޮށް ރުގްޔާގެ ނަމުގައި ތަޅައި އަނިޔާކޮށް، ހަތް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ބަލަން ފަށައިފި އެވެ.

މި މައްސަލައިގައި، އެ ކޮމިޓީގެ ބައްދަލުވުމެއް މާދަމާ ރޭ 8:30 ގައި ބާއްވަން ތާވަލްކޮށް ފަސް މުއައްސަސާއެއް ހާޒިރުވާން އޮތީ އަންގައިފަ އެވެ. އެއީ، ފުލުހުންނާއި ޖެންޑާ މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނެވެ.

މެދު ރާއްޖެ ތެރޭގެ ރަށެއްގައި އަނިޔާ ލިބުނީ 30 އަހަރުގެ އަންހެނަކަށާއި އޭނާގެ ތިން އަންހެން ދަރިންނަށެވެ.

އަންހެން މީހާ އާއި އޭނާގެ އާއިލާ އިން "މިހާރު"އަށް ކިޔައިދިން ގޮތުގައި ރުގްޔާ ކުރުމުގެ ނަމުގައި ފިރިމީހާގެ ގޭގައި ބަންދުކުރީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އާއްމުކޮށް އޭނާ އަށް ކުރިމަތިވާ މައިގްރެއިން ވޭނަކީ ފިރިމީހާ ގަބޫލުކުރި ގޮތުގައި، ޖިންނީގެ އުނދަގުލާ ހެދި ވާ ކަމެކެވެ. އެ ރަށުގެ ރުގްޔާ ކިޔަވާ މީހަކު ގެއަށް ގެނެސް ތިން މަސްވަންދެން އެ ދެ މީހުންގެ އަނިޔާ ތަހައްމަލްކުރަން ޖެހުނު ކަމަށް އަންހެން މީހާގެ އާއިލާ އިން ބުންޏެވެ.

ރުގްޔާ ކުރާ މީހާ ވިސްނައިދިން ގޮތުގައި އަންހެން މީހާ އާއި އޭނާގެ ހަތް އަހަރުގެ ދަރިފުޅުގެ ގައިގެ ތެރެއަށް ވަނީ ޖިންނި ވަދެފަ އެވެ. އެ ދެ މައިންނަކީ ޖިންނީން ކަމަށް، ދެން ތިބި ދެ ކުދިންނަށް ކިޔައިދީ، އެ ކުދިންނަށް ވެސް ނަފްސާނީ އަނިޔާ ދިން ކަމަށް އާއިލާ އިން ބުންޏެވެ.

އަންހެން މީހާ ބުނީ އޭނާގެ ގައިގެ އެކި ތަންތަނުގައި ތަޅައި ހެދީ، ޖިންނިއަށް އަދަބު ދިނުމުގެ ނަމުގައި ކަަމަށެވެ. އެ އަދަބުގެ ތެރެއިން، އަޅެއްގެ ގޮތުގައި ގެންގުޅުމާއި ބަނޑުފުރައި ކާން ނުދިނުމާއި ހަމަ ނިދި ނިދިޔަ ނުދިނުން ފަދަ ކަންކަން ކުރިމަތިކުރުވި ކަމަށް އަންހެން މީހާ "މިހާރު"އަށް ކިޔައިދިނެވެ.

އޭނާގެ ފައިގައި، އަނިޔާކުރި ކަމަށް ބުނާ ނިޝާންތައް ހުރިއިރު، އޭނާގެ ހަތް އަހަރުގެ އަންހެން ދަރިފުޅަށް ވަރަށް ބޮޑަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ޑޮކްޓަރުގެ ރިޕޯޓްތަކުގައިވެ އެވެ. އެ ކުއްޖާ ސްކޫލަކަށް ވެސް ނުފޮނުވަ އެވެ.

ރުގްޔާ ކުރާއިރު، އެ ގޭތެރެއިން ރޯ އަޑު އިވޭނެ ކަމަށް އަވަށްޓެރިންނާއި އެ ގެއަށް ވަދެ އުޅޭ މީހުންނަށް ވިސްނައިދީފައި އޮތުމާ އެކު ތިން މަސްވިއިރު، އެ ހަތަރު މައިންނަށް އެހީތެރިކަމެއް ނުލިބުނެވެ. ފުލުހަކު އެ ގެއަށް ދިޔަ ދުވަހެއްގައި އަނިޔާގެ ވާހަކަ ބުނުމުން ގައި ތެރޭގައި ޖިންނި އުޅެނީ ކަމަށް ބުނެ އަޅާނުލައި ދިޔަ މައްސަލައިގައި އާއިލާގެ ކަންބޮޑުވުން އެބައޮތެވެ. ކުދިންނަށް އަނިޔާކުރާ ވާހަކަ އަންހެން މީހާގެ އާއިލާގެ މީހެއްގެ ގާތު ބުނެގެން އެ ގެއަށް ޖެންޑާ މިނިސްޓްރީގެ ސޯޝަލް ވޯކަރަކު ގޮސް ސުވާލުކުރުމުން ވެސް އޭނާގެ ފިރިމީހާ އެކަން ހުއްޓުވައި އޭނާ ފޮނުވާލީ ކަމަށް ވެސް އަންހެންމީހާ ބުނެ އެވެ.

ހަތަރު މައިން ބަންދުކޮށްގެން ގެންގުޅުނު ރަށުގެ ޕޮލިސް ސްޓޭޝަނުގެ ފުލުހަކު އެ މައްސަލައިގައި ފަރުވާކުޑަކޮށްފައިވާތީ އެތަނުގެ ބަދަލުގައި އަތޮޅު ޕޮލިސް ސްޓޭޝަނުން މައްސަލަ ބަލައިދޭން އާއިލާ އިން އޮތީ ހުށަހަޅައިފަ އެވެ. ތަހުގީގު މިހާރު ކުރިއަށް ގެންދަނީ އެ ތަނުން ކަމަށް އާއިލާ އިން ބުންޏެވެ.