Roadha Mihaaru
ސްކޭމްތަކުގައި އެކައުންޓް ހިފަހައްޓަން ޕޮލިހަށް ބާރުދެނީ

ސްކޭމްގެ މައްސަލަތަކުގައި ކޯޓު އަމުރެއް ނެތި އެކައުންޓް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދޭން އިސްލާހެއް ހުށަހަޅައިފި

19 އޯގަސްޓް 2024

މަކަރާއި ހީލަތުން އޮޅުވާލައިގެން ނުވަތަ ސްކޭމްކޮށްގެން ފައިސާ ހޯދާ މައްސަލަތަކުގައި ކޯޓު އަމުރަކާ ނުލައި ވަގުތީ ގޮތުން ބޭންކް އެކައުންޓްތައް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދޭން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މަކަރާއި ހީލަތުން އޮޅުވާލައިގެން ނުވަތަ ސްކޭމްކޮށްގެން ފައިސާ ހޯދާ މައްސަލަތަކުގައި ކޯޓު އަމުރަކާ ނުލައި ވަގުތީ ގޮތުން ބޭންކް އެކައުންޓްތައް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދޭން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

ޖިނާއީ އިޖްރައާތުގެ ގާނޫނުގެ 73 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން ބޭންކް އެކައުންޓެއް މޮނިޓާ ކުރުމުގެ އަމުރެއްގެ ދަށުން ބަލަމުންދާ ބެލުންތަކުގައި ޖިނާއީ ބޮޑު ކުށެއް ފާހަގަވާ ކަމަށްވާނަމަ، އެ އެކައުންޓްގައިވާ ފައިސާ ވަކި މުއްދަތަކަށް ހިފެހެއްޓޭނީ ހަމައެކަނި ކޯޓު އަމުރެއްގެ ދަށުންނެވެ.

މެންބަރު މުހައްމަދު އިބްރާހިމް އިސްލާހު ހުށަހެޅުއްވީ އެ މާއްދާ އިސްލާހު ކުރުމާއެކު، ވަގުތީ ގޮތުން އެކައުންޓްތައް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދިނުމަށެވެ.

އެ އިސްލާހުގައިވަނީ ޖިނާއީ ބޮޑު ކުށްތަކުގެ އިތުރުން މަކަރާއި ހީލަތުން ނުވަތަ ސްކޭމްއަކުން ފައިސާ ނަގާކަން ނުވަތަ އެކަމަށް ބާރުދޭ ސަބަބުތަކެއް ހުރި ނަމަ އެކަމާ ގުޅުންހުރި އެކައުންޓްތައް ވަކި މުއްދަތަކަށް ހިފެހެއްޓުމަށް ކޯޓު އަމުރަކަށް އެދެވިދާނެ ކަމަށެވެ. އަދި ކޯޓުން ގޮތެއް ނިންމަން ހޭދަވާ މުއްދަތުގައި އެކައުންޓްގައިވާ ފައިސާ ނުވަތަ އެ އެކައުންޓަކުން އެހެން އެކައުންޓްތަކަށް ޓްރާންސްފާ ކުރި ފައިސާ ހިފަހައްޓަން އަމުރެއް ފުލުހުންނަށް ނެރެވިދާނެ ކަމަށް އެ އިސްލާހުގައިވެ އެވެ.

އެ އަމުރު ނެރެންވާނީ އިސްލާހުގައިވާ ގޮތުން، ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެކެވެ. އަދި އެކައުންޓް ހިފެހެއްޓުމުގެ އަމުރު ލަސްނުކޮށް ބޭންކާއި އެމްއެމްއޭއަށް އަންގަން ވާނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.

ބިލް ހުށަހެޅުއްވި ސަބަބެއް ކަމަށް މެމްބަރު މުހައްމަދު އިބްރާހިމް ވިދާޅުވި ގޮތުގައި ސްކޭމްގެ މައްސަލަތަކުގައި ބޭންކް އެކައުންޓްތަކުގައި ދައުރުވާ ފައިސާ ކޯޓު އަމުރަކާ ނުލައި ހުއްޓުވޭނެ ގާނޫނީ ހައްލެއް ބޭނުންވާ ކަމަށް މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ފުލުހުން ބުނެފައިވާތީ އެވެ.

"މިކަމަކީ އަވަސް ގޮތަކަށް ހައްލެއް ނުގެނެވިއްޖެ ނަމަ ރައްޔިތުންނާއި ގައުމަށް އިންތިހާއަށް ގެއްލުން ލިބިދާނެ ކަމަކަށް ވާތީ، ސީދާ ގާނޫނަށް ގެންނަ ބަދަލުން އިސްވެ ބަޔާން ކުރެވުނު ފިޔަވަޅު އެޅުން އަވަސްކުރުމުގެ ނިޔަތުގައި [އިސްލާހު ހުށަހެޅީ]،" މެމްބަރު ވިދާޅުވި އެވެ.

ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުގެ ހެޑް އަދި އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ރަޝީދާ އެ ކޮމިޓީގައި ވިދާޅުވެފައިވަނީ ސްކޭމްގެ މައްސަލަތައް ރިޕޯޓްކުރާ ހިސާބުން އެ ފައިސާ ދައުރުކުރާ އެކި އެކައުންޓްތަކުގައިވާ ފައިސާ ހިފެހެއްޓޭނެ ނިޒާމެއް ގާނޫނުގައި ނެތުމުން ކަންބޮޑުވާ ކަމަށެވެ.

ސްކޭމް މައްސަލަތައް ބޮޑުވެފައިވާއިރު، މި އަހަރު ތެރޭގައި ވެސް އެތައް މިލިއަން ރުފިޔާއެއް ހިމެނޭ ސްކޭމްގެ މައްސަލަތަކެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ. އަދި އެފަދަ މައްސަލަތަކުގައި ފައިސާގެ ބޮޑު ބައެއް ފުލުހުން އަނބުރާ ހޯދި އެވެ.