Roadha Mihaaru
ބިދޭސީން ރުޅި އައީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހެދި

ރަށްފަޅު ހުރާ ހަމަނުޖެހުން: ބިދޭސީން ރުޅި އައީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމުން

28 ނޮވެމްބަރ 2020

ސިންގަޕޫރުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޕޮންޓިއަކް ލޭންޑުން ތަރައްގީ ކުރަމުން އަންނަ ކ. ރަށްފަޅު ހުރާގެ ހަތަރު ވަނަ ރަށުގައި ބިދޭސީން މިއަދު ހަމަނުޖެހުން ހިންގީ، ކޮވިޑް-19 ފެތުރޭތީ އެ ރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެމެހެއްޓުމަށް މެނޭޖްމެންޓުން ނިންމުމުން ކަމަށް ފުލުހުން ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ސިންގަޕޫރުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޕޮންޓިއަކް ލޭންޑުން ތަރައްގީ ކުރަމުން އަންނަ ކ. ރަށްފަޅު ހުރާގެ ހަތަރު ވަނަ ރަށުގައި ބިދޭސީން މިއަދު ހަމަނުޖެހުން ހިންގީ، ކޮވިޑް-19 ފެތުރޭތީ އެ ރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެމެހެއްޓުމަށް މެނޭޖްމެންޓުން ނިންމުމުން ކަމަށް ފުލުހުން ބުނެފި އެވެ.

ރަށްފަޅު ހުރާ ފަޅުތެރެ ހިއްކައިގެން ހަތަރު ރަށެއް ތަރައްގީ ކުރާއިރު އެތަން މެނޭޖް ކުރަން ނިންމާފައިވަނީ ދުނިޔޭގެ ލަގްޒަރީ ތިން ބްރޭންޑެއް ކަމަށްވާ، ރިޒް ކާޓަން އާއި ކަޕެއްލާ ހޮޓެލްސް އަދި ޕަޓިނާ ހޮޓެލްސް އިންނެވެ. އެ ރިސޯޓުތައް ހެދުމުގައި 2،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާއިރު އެ މީހުންގެ ތެރޭގައި މިހާރު ދަނީ ވަރަށް ހަލުއިކޮށް ކޮވިޑް-19 ފެތުރެމުންނެވެ. އެގޮތުން އެ ރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު، މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް 187 އަށް އަރަ އެވެ.

ބަލި ކޮންޓްރޯލް ކުރުމަށް އެ ރަށުގައި މިހާރު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. ފުލުހުން ބުނީ، މަސައްކަތް ކުރާ މީހުން ހަމަނުޖެހުން ހިންގީ، އެ ފިޔަވަޅުތައް އިތުރަށް ދިގުދަންމައި، މުވައްޒަފުން ވަކި އުސޫލަކުން ކަންކަން ކުރުމަށް މެނޭޖްމެންޓުން އެންގުމުން ކަމަށް ފުލުހުން ބުންޏެވެ.

މިއަދު މެންދުރުފަހު ހިންގި މި ހަމަނުޖެހުން ކޮންްޓްރޯލް ކުރީ ފުލުހުން އެ ރަށަށް ގޮހެވެ. ފުލުހުން ބުނިގޮތުގައި އެއްވެސް މީހަކަށް ބޮޑު އަނިޔާވެފައެއް ނުވެ އެވެ. އެކަމަކު މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި ރިސޯޓު ހެދުމުގެ މި މަޝްރޫއު ސިންގަޕޫރު ކުންފުނިން ފެށީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ. ގާތްގަނޑަކަށް 500 މިލިޔަން ޑޮލަރުގެ އަގުބޮޑު މި މަޝްރޫއުގެ ދަށުން ތިން ފެންވަރެއްގެ ރިސޯޓު ހަދާނެ އެވެ. މި މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދާ، މި ފަދަ އެންމެ އަގުބޮޑު އެއް މަޝްރޫއެވެ.