Roadha Mihaaru
ބައްޕައަށް ދޭ އަނިޔާއަށް ޖަވާބުދާރީވާން ޖެހޭނެ: ޒެއިން

ޔާމީންގެ ދަރިކަލުން ވިދާޅުވަނީ ބައްޕައަށް ދޭ އަނިޔާއަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް

29 ނޮވެމްބަރ 2020

ކުށުގެ މޭސްތިރިން ގޭގައި އަރާމުކުރަން ބައިތިއްބައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލައި އަނިޔާދެމުންދަނީ ސިޔާސީގޮތުން ބަދަލު ހިފަން ކަމަށާއި ހާލަތު ބަދަލުވެ އެ އަނިޔާއަށް މި ސަރުކާރު ޖަވާބުދާރީވާން ޖެހޭނެ ދުވަހެއް އަންނާނެ ކަމަށް ޔާމީންގެ ދަރިކަލުން ޒެއިން ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުށުގެ މޭސްތިރިން ގޭގައި އަރާމުކުރަން ބައިތިއްބައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލައި އަނިޔާދެމުންދަނީ ސިޔާސީގޮތުން ބަދަލު ހިފަން ކަމަށާއި ހާލަތު ބަދަލުވެ އެ އަނިޔާއަށް މި ސަރުކާރު ޖަވާބުދާރީވާން ޖެހޭނެ ދުވަހެއް އަންނާނެ ކަމަށް ޔާމީންގެ ދަރިކަލުން ޒެއިން ރޭ ވިދާޅުވެއްޖެ އެވެ.

ޔާމީން ޖަލަށްލިތާ އަހަރެއް ފުރުމާ ގުޅިގެން ބޭއްވި ޖަލްސާގައި ޒެއިން ވިދާޅުވީ ބައްޕާފުޅާ މެދު މި ސަރުކާރުން ވަރަށް ބޮޑަށް އަނިޔާވެރިވަމުންދާ ކަމަށެވެ. އެކަމުގެ ދަލީލަކީ، ކުށުގެ މޭސްތިރިންގެ ޖަލު ހުކުމާ އެކު ގޭގައި ބޭތިއްބެވުން ކަމަށް ވިދާޅުވި އެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއް ޔާމީނަށް މި ސަރުކާރުގައި އިއްވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ މައްސަލައެއްގައި އުފުލި ދައުވާއަކާ ގުޅިގެންނެވެ. މަނީ ލޯންޑްރިންގެ އިތުރު މައްސަލައެއްގައި ވެސް އެމަނިކުފާނު މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ. އެ ޝަރީއަތް އަދި ނުފަށަ އެވެ.

"ރައީސް ޔާމީނަށް ކޮށްފައި ވަނީ އަނިޔާވެރި ހުކުމެއް، ނުހައްގު ހުކުމެއް. ކުރިއަށް ވައްދާފައި ހުރި މައްސަލަތަކަށް ވެސް ހެކި އުފައްދަމުން ދަނީ،" ޝަރީއަތް ފަށަން ތައްޔާރުވެފައިވާ މައްސަލައަށް އިޝާރާތް ކުރައްވައި ޒެއިން ވިދާޅުވި އެވެ.

މި ސަރުކާރުގެ އަމަލުތައް ހަމަޔާއި އިންސާފުން ބޭރުން ކަމަށް ވިދާޅުވެ މިސާލެއްގެ ގޮތުން ނަން ވިދާޅު ނުވެ މައްސަލައެއްގެ ގޮތުގައި ޒެއިން ނެންގެވީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް އިއްވި ޖަލު ހުކުމާ އެކު ގޭގައި ބަހައްޓާފައި ހުންނެވި މައްސަލައަށެވެ. އަދީބު ގޭގައި ހުންނެވުމުގެ ފާޑުކިއުންތަކަށް މި ސަރުކާރުން ދިން ޖަވާބަކީ ނިދުމަށް އަދީބު ބޭނުންކުރަން ޖެހޭ މެޝިން ޖަލުގައި ބޭނުން ނުކުރެވުމެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ކުށުގައި ޖަލަށް ލުމަށް ހުކުމްކޮށްފައިވާ އަދީބުގެ އިތުރުން އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ވެސް ހުންނަނީ ގޭގަ އެވެ.

"ސަރުކާރު ހިންގަވަން ތިއްބެވި ފަރާތްތަކަށް ވެސް އަދި ދިވެހި ރައްޔިތުންނަށް ވެސް އަޅުގަނޑު ދަންނަވާލަން ބޭނުމީ މި ދުވަސް ހިނގައިދާނެއޭ. މިހެން އަބަދަކު ނޯންނާނެއޭ. ﷲގެ ހަޟުރަތުގައި ޖަވާބުދާރީވާން ޖެހޭ ދުވަހެއް ވެސް އޮންނާނެ. ދިވެހި ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހޭނެ ދުވަހެއް ވެސް އަންނާނެ،" ޒެއިން ވިދާޅުވި އެވެ.

"ގާނޫނީ ކުށް ކޮށްފައި ސިޔާސީ ބަދަލު ހިފަމުންދާ ތަން މި ފެންނަނީ. އަދި ބަދަލު ހިފުމުގެ ރޫހު އާލާކުރަމުންދާތަން މި ފެންނަނީ. މިހެން ވާކަމަށް ވަންޏާ، ޖަވާބުދާރީވާން ޖެހޭނެ."

ޒެއިން ޗެނަލް 13 ގައި ވާހަކަ ދައްކަވަނީ.

ޒެއިން ޗެނަލް 13 ގައި ވާހަކަ ދައްކަވަނީ.

ބަދަލު ހިފުމުގެ ރޫހުގައި ޔާމީންގެ ވެރިކަމުގެ ކާމިޔާބީތަކާ ގުޅޭ ތަފާސްހިސާބު ވެސް މި ސަރުކާރުން އޮޅުވާލަމުންދާ ކަމުގެ ތުހުމަތު ޒެއިން ކުރެއްވި އެވެ. އެކަމާ ދެކޮޅަށް އަޑު އުފުލުމަކީ ރައްޔިތުންގެ ހައްގެއް ކަމަށާއި އެކަމުގައި ދެމިތިބެން ގޮވާލެއްވި އެވެ.

ގައުމިއްޔަތާއި ހަރުމުދާ ވިއްކާނުލައި ހައްގު ހޯދައި ފުދުންތެރި ބަޔަކަށް ވެ ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ޔާމީންގެ ވަދާއީ ޚިތޯބުގައި ވެސް ކުރެއްވި ވަސިއްޔަތް ކަމަށް ޒެއިން ވިދާޅުވި އެވެ.

"އެންމެ ވަރުގަދަ ހަތިޔާރަކީ އަޑު އުފުލުން. ދިވެހި ރައްޔިތުންގެ އަޑު ގަދަވާނެ. ސަރުކާރަށް އަޑު އިއްވަވާ، ޒިންމާދާރުކުރުވާ،" ހާލަތު ބަދަލު ކުރެވޭނީ މަސައްކަތްކޮށްގެންކަން ފާހަގަކުރައްވައި ޒެއިން ވިދާޅުވި އެވެ.

ޒެއިން ވިދާޅުވީ ޔާމީނަށް އިއްވީ ސިޔާސީ ހުކުމެއްކަން ފެންނަން އޮތީ މައްސަލަ ބެލި ގާޒީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ނުފޫޒުން ފަހު ވަގުތު ސަސްޕެންޑްކުރުމާއި ތަޖުރިބާ ނެތް ފަނޑިޔާރަކު ލައްވައި ހުކުމް އިއްވުމަށް ފަހު ވެދުމަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހަމަޖެއްސެވުން ފަދަ ކަންކަން މި ސަރުކާރުން ކުރައްވާފައިވާތީ ކަމަށެވެ. ތަހުގީގީ މަރުހަލާ އާއި ޝަރުއީ މަރުހަލާގައި ވެސް ފުށުއަރާ އެތައް ކަމެއް ހުރެ އެއީ "ދެއުޅިއެއްނުވާ" ހުކުމެއް ކަމަށް ޒެއިން ވިދާޅުވި އެވެ.

ތަޖުރިބާ ނެތް ފަނޑިޔާރެއް ކަމަށް ޒެއިން އިޝާރާތް ކުރެއްވީ ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދަށެވެ. ކްރިިމިނަލް ކޯޓުން ޔާމީނަށް ހުކުމް އިއްވީ ފަސް ފަނޑިޔާރުންގެ ބެންޗަކުން، އެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ ބެންޗުގެ ރިއާސަތު ބެލެހެއްޓެވި އަލީ ރަޝީދަކީ އެތައް އަހަރެއް ވަންދެން ފަނޑިޔާރުކުރަން ކުރައްވާފައިވާ ބޭފުޅެކެވެ.

ޒެއިން ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އޭނާ ތުހުމަތު ކުރައްވާ ގޮތުގައި ކޯޓުތަކުގެ އަމުރާ ޚިލާފަށް އިމްރާން ގެންދަވަނީ ވަކީލުންނަށް ހުރަސްއަޅުއްވައި ބައްޕާފުޅަށް ޖެއްސުންކުރައްވަމުންނެވެ.

"ދެން މި ދައްކާ ވާހަކައަކީ ރައީސް ޔާމީނަށް ތިމަންނަމެން މިވެނި ކަމެއް ކޮށްދެމޭ، އެވެނި ކަމެއް ކޮށްދެމޭ. އަޅުގަނޑުމެންނަށް ދެން ފެނިގެންދާ މަންޒަރަކީ ވިދާޅުވާތަން ތިމަންނާ ނުވާނަމޭ މޭސްތިރިއަކަށް ޖަލުގައި ހުރި ގައިދީއަކަށް އެހީވާ،" އިމްރާނަށް ބަހުގެ ހަމަލާތަކެއް ފޮނުއްވަމުން ޒެއިން ވިދާޅުވި އެވެ.

"ކުށެއް ސާބިތުވެ ޖަލު ހުކުމުގައި ހުންނެވި އިރު އޭނާ [މިނިސްޓަރު އިމްރާން]އާ ދޭތެރޭގައި ރައީސް ޔާމީން ބެހެއްޓެވި އިހްސާންތެރިކަމެއް އޭނާގެ ހަނދާނެއް ނެތް."

އަނިޔާތަކާ އެކު ވެސް ޔާމީން ހުންނެވީ ސާބިތުކަމާ އެކުގައި ކަަމަށާއި އަމިއްލަ މަސްލަހަތަށް ވުރެން އިސްކުރައްވަނީ ގައުމީ މަސްލަހަތު ކަމަށާއި އެ މަނިކުފާނު ކޯޓަށް ގެންނަ މަންޒަރު ރައްޔިތުންނަށް ނުދައްކައި ފޮރުވައިގެން ކޮންމެ ފަހަރަކު ވެސް ފުރުވާލަނީ ކަމަށް ޒެއިން ވިދާޅުވި އެވެ.

މި ސަރުކާރަށް ފާޑުވިދާޅުވަމުން، ޒެއިން ސިފަކުރެއްވި ގޮތުގައި ބައްޕާފުޅުގެ ވެރިކަމުގައި މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖަކާއި 25 ބުރީގެ ހޮސްޕިޓަލަކާއި އެއާޕޯޓުތަކާ އެކު ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ވެސް ފެނުނީ ތަރައްގީގެ މަޝްރޫއުތަކެވެ. އެ މަޝްރޫއުތަކާ އެކު އިގްތިސާދީ ކުރިއެރުން ފަސް އަހަރުގެ ތެރޭގައި ހޯއްދަވައި ދެއްވި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައްޕާފުޅު ސަރުކާރާ ހަވާލުވިއިރު ދައުލަތުގެ ރިޒާވުގައި 300 މިލިއަން ޑޮލަރު ހުއްޓައި ދައުރު ނިންމެވިއިރު އެ އަދަދު ވަނީ 750 މިލިއަން ޑޮލަރަށް ހައްދަވައި ދެއްވާފައި ކަމަށެވެ. ސޮވަރިން ފަންޑެއް އުފައްދަވައި 250 މިލިއަން ޑޮލަރު ޖަމާކުރެއްވި ކަަމަށާއި ފިސްކަލް ރިޒާވެއް އުފެއްދުމަކީ މި ގައުމުގައި ކުރިން އެއްވެސް ސަރުކާރެއްގައި ކޮށްފައިވާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އެ ފަސް އަހަރަކީ އަޅުގަނޑުމެން އާއިލާއަށް ކުރިމަތިވި އެންމެ އުނދަގޫ ފަސް އަހަރު. އެ ފަސް އަހަރު ރައީސް ޔާމީން ހޭދަކުރެއްވީ ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި،" ޒެއިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔާމީންގެ ޚިދުމަތްތަކަށް ހުރަސްއެޅުމަށް ސިޔާސީ ފަރާތްތަކުން ގުޅިގެން އެތަކެއް ގޮންޖެހުންތަކެއް ކުރިމަތި ކުރުވި އެވެ. ތިން ބަޣާވާތެއް ގެންނަން އުޅުނު ކަމަށާއި ކޮންމެ ފަހަރަކު ވެސް ފޭލްވީ ކަމަށް ވިދާޅުވި އެވެ.

ބަޣާވާތުގެ ގޮތުގައި ޒެއިން ސިފަކުރެއްވީ އިދިކޮޅުން މޭޑޭގައި ކުރި މުޒާހަރާ އާއި ދަތުރުކުރެއްވި ލޯންޗްކޮޅު ގޮއްވާލައި އަވަހާރަކޮށްލަން އުޅުމާއި ޝަރުއީ ނިޒާމް މެދުވެރިކޮށް އިދިކޮޅުން ކުރި ކަންކަމެވެ.

ޒެއިން ވިދާޅުވީ ދަތި އުނދަގޫ ފަސް އަހަރު ނަމަވެސް ކާމިޔާބީއަކީ ގިނަ މަޝްރޫއުތަކެއް ނިންމަވާލެއްވުން ކަމަށެވެ.

މި ވެރިކަމުގެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދަނީ އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުގެ ޕްލޭންތަކަށެވެ. ކުރިއަށް ވެސް ހުރީ ރައީސް ޔާމީންގެ އަމާޒާ އެއްގޮތަށް ކުރިއަށް ގެންދާނެ މަޝްރޫއުތަކެއް ކަމަށް ވިދާޅުވި އެވެ.