Roadha Mihaaru
ޝާހްރުކް ޓީމުގެ އެހީއާއެކު އެމެރިކާގައި ކްރިކެޓް ލީގެއް

ޝާހްރުކް ޓީމުގެ އެހީއާއެކު އެމެރިކާގައި ކްރިކެޓް ލީގެއް ފަށަނީ

04 ޑިސެމްބަރ 2020

ނިއު ދިއްލީ، އިންޑިއާ (ޑިސެމްބަރު 4) - ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ޝާހްރުކް ހާންގެ ހިއްސާ އޮންނަ ކަލްކަތާ ނައިޓް ރައިޑާސް އިން އެމެރިކާގައި މޭޖަ ލީގު ކްރިކެޓް މުބާރާތް ފަށަން އެހީތެރިވާން ނިންމައިފި އެވެ.

ނިއު ދިއްލީ، އިންޑިއާ (ޑިސެމްބަރު 4) - ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ޝާހްރުކް ހާންގެ ހިއްސާ އޮންނަ ކަލްކަތާ ނައިޓް ރައިޑާސް އިން އެމެރިކާގައި މޭޖަ ލީގު ކްރިކެޓް މުބާރާތް ފަށަން އެހީތެރިވާން ނިންމައިފި އެވެ.

އައިޕީއެލްގެ ތަށި ދެ ފަހަރެއްގެ މަތިން ހޯދާފައިވާ ކަލްކަތާ ޓީމުން މޭޖަ ލީގު ކްރިކެޓްއާ އެކު ދިގު މުއްދަތުގެ އެއްބަސްވުމެއްގައި އިއްޔެ ސޮއިކުރިއިރު މާލީ ގޮތުންނާއި ޑިވެލޮޕްމަންޓުގެ އެކި ދާއިރާތަކުން ކަލްކަތާ ޓީމުގެ ފަރާތުން އެމެރިކާ ކްރިކެޓް ލީގަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

މޭޖަ ލީގު ކްރިކެޓް ފަށަން މަޝްވަރާކުރަމުން އަންނަނީ އެމެރިކާގެ ހަ ސިޓީއެއްގެ މެދުގައި 2022 ވަނަ އަަހަރު އެވެ. ބޭނުމަކީ ދުނިޔޭގެ ފެންވަރުގެ ޓީ20 ކްރިކެޓް ލީގެއް އެމެރިކާގައި ފަށައި ކްރިކެޓް އިންޑަސްޓްރީ ތެރެއަށް އެމެރިކާ ވެސް ވަނުމެވެ. މޭޖަ ލީގު ސޮކާ (އެމްއެލްއެސް) ނަމުގައި ފެށި ފުޓްބޯޅަ މުބާރާތް މިހާރު އޮތީ ވަރަށް ބޮޑަށް ވައިގައި ހިފައިފަ އެވެ. ޔޫރަޕްގެ މަޝްހޫރު ކުޅުންތެރިން ވެސް އަންނަނީ ކެރިއަރުގެ ފަހު ކޮޅުގައި އެމެރިކާ ލީގުގެ ކްލަބްތަކަށް ކުޅެމުންނެވެ.

ޝާހްރުކް ހާން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގިނަ އަހަރުތަކެއް ވަންދެން ކަލްކަތާ ޓީމުން ދުނިޔެ އަށް ކްލަބްގެ މަސައްކަތްތައް ފުޅާކުރަން މަސައްކަތްކުރަމުން އައި ކަމަށާއި މޭޖަ ލީގު ކްރިކެޓާ އެކު މި ވެވިގެންދިޔަ އެއްބަސްވުމަކީ އޭގެ އަށް އިތުރުވި ބޮޅެއްގެ ގޮތުގައި ދެކޭ ކަމަށެވެ. މީގެ ކުރިން ޝާހްރުކް ހާން ވަނީ ހިއްސާ ގަނެ ޓްރިންބާގޯ ނައިޓް ރައިޑާސްގެ ނަމުގައި ކެރީބިއަން ކްރިކެޓް ލީގުގައި ވެސް ޓީމެއްގެ މަސައްކަތް ފަށައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން އެމެރިކާ ކްރިކެޓް ލީގުގައި ޝާހްރުކްގެ ވިސްނުން ހުރީ ލޮސް އެންޖެލްސް ރައިޑާސްގެ ނަމުގައި ޓީމެއް ހިންގާށެވެ.

އެއްބަސްވުމުގައިވާ ގޮތުން މޭޖަ ލީގު ކްރިކެޓް ރާވާ ހިންގާ އެމެރިކަން ކްރިކެޓް އެންޓަޕްރައިޒަސް (އޭސީއީ) އިން ލީގުގެ ވަކި ޕަސެންޓެއް ކަލްކަތާ ޓީމަށް ދޭ ގޮތަށް ނެތެވެ. އެހެން ނަަމަވެސް ކަލްކަތާ ޓީމަށް އެ ލީގު މާކެޓް ކޮށްގެން އެތައް މަންފާއެއް ހޯދޭނެ ފުރުސަތު އޮންނާނެ އެވެ.

ކަލްކަތާ ޓީމުގެ އެހީއާ އެކު އޭސީއީ އިން ދާދި ފަހުން ވަނީ އެމެރިކާގައި ބޭނުންނުކޮށް ހުރި ބޭސްބޯލް ސްޓޭޑިއަމެއް ކްރިކެޓް ދަނޑަކަށް ބަދަލުކޮށްފަ އެވެ. މިއީ 2030 ވަނަ އަހަރުގެ ކްރިކެޓް ޓީ20 ވޯލްޑް ކަޕް އެމެރިކާގައި ބާއްވަން ކުރެވޭ މަސައްކަތެކެވެ.

އެމެރިކާގެ ކުޅިވަރު ސަޕޯޓަރުންގެ މެދުގައި ކްރިކެޓްގެ މަގުބޫލުކަން އިތުރުކުރުމުގެ މަސައްކަތް 2015 ވަނަ އަހަރު ފެށި އެވެ. އެ ގޮތުން އެ ފަހަރު މަޝްހޫރު ދެ ކްރިކެޓް ލެޖެންޑުން ކަމަށްވާ އިންޑިއާގެ ސަޗިން ޓެންޑުލްކާ އާއި އޮސްޓްރޭލިއާގެ ސްޕިން ލެޖެންޑް ޝޭން ވާން ގެންގޮސްގެން އެމެރިކާގެ އެކި ސިޓީތަކުގައި ވަރުގަދަ މެޗުތަކެއް ވަނީ ކުޅެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ ކްރިކެޓް ޓީމު ވަރުގަދަ ކުރަން ދެކުނު އޭޝިއާ ސަރަހައްދުގެ ފެންވަރު ރަނގަޅު ކުޅުންތެރިންނަށް އެމެރިކާ ރަށްވެހިކަން ދޭން އަންނަނީ މަސައްކަތްކުރަމުންނެވެ.