Roadha Mihaaru
ތަށި ކޮލްކަތާއަށް،  ހައިދަރުއާބާދު ވަރަށް ދަށް

އައިޕީއެލް: ތަށި ކޮލްކަތާ އަށް، ފައިނަލެއްގެ އެންމެ ދަށް ނަތީޖާ ހައިދަރުއާބާދަށް

28 މެއި 2024

ޗެންނާއީ (މެއި 27) - ފައިނަލްގައި ފަސޭހަ ކަމާއެކު އަށް ވިކެޓުން ސަންރައިޒާސް ހައިދަރުއާބާދު ބަލިކޮށް، ކޮލްކަތާ ނައިޓް ރައިޑާސް އިން ތިންވަނަ ފަހަރަށް އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ކްރިކެޓް މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

ޗެންނާއީ (މެއި 27) - ފައިނަލްގައި ފަސޭހަ ކަމާއެކު އަށް ވިކެޓުން ސަންރައިޒާސް ހައިދަރުއާބާދު ބަލިކޮށް، ކޮލްކަތާ ނައިޓް ރައިޑާސް އިން ތިންވަނަ ފަހަރަށް އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ކްރިކެޓް މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

ރޭ ކުޅުނު ފައިނަލް މެޗުގެ ޓޮސް ދިމާވެގެން ކުޅެން އެރީ ހައިދަރުއާބާދުންނެވެ. އެޓީމުން ވަނީ މިއަހަރުގެ މުބާރާތުގައި ފުރަތަމަ ކުޅެން އަރައި ބޮޑެތި ސްކޯތަކެއް ހަދައިފަ އެވެ. ނަމަވެސް ރޭ ކުޅުނު ފައިނަލް މެޗުގައި ފުރަތަމަ ކުޅެން އަރައި 18.3 އޯވަރު ތެރޭ އެޓީމުގެ ހުރިހާ ކުޅުންތެރިން ނުބައި ވެގެން ހެދުނީ 113 ލަނޑެވެ. މިއީ އައިޕީއެލްގެ ތާރީހުގައި ވެސް ފައިނަލެއްގައި ފެނުނު އެންމެ ދަށް ސްކޯ އެވެ.

ކޮލްކަތާ އިން އެންމެ ރަނގަޅަށް އުކާފައި ވަނީ އެޓީމަށް ކުޅޭ އޮސްޓްރޭލިއާގެ މިޓްޝެލް ސްޓާކް އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެސް އޭނާ އެވެ. އޭނާ އަކީ މިއަހަރުގެ މުބާރާތަށް، މިދިޔަ ޑިސެމްބަރު މަހު އޮތް އޮކްޝަންގައި ރެކޯޑް 2.98 މިލިއަން ޑޮލަރަށް އެޓީމަށް ގެނައި ކުޅުންތެރިއެކެވެ. މި އިނިންސްގައި ހައިދަރުއާބާދުން އެންމެ ގިނަ ލަނޑު ހެދީ ހަމަ އެ އޮކްޝަންގައި 2.5 މިލިއަން ޑޮލަރަށް ގެނެސް ކެޕްޓަން ބޭންޑް ހަވާލު ކުރި އޮސްޓްރޭލިއާގެ ޕެޓް ކަމިންސް އެވެ.

ކޮލްކަތާ މޮޅުވީ، ޖަވާބުގައި ކުޅެން އަރައި 10.3 އޯވަރު ތެރޭ ދެ ކުޅުންތެރިން ނުބައިވެގެން 114 ލަނޑު ހަމަކޮށްގެންނެވެ. އޯޕަނިންގައި ކުޅެން އެރި ރަހުމަނުﷲ ގުރުބާޒް 32 ބޯޅައިން 39 ލަނޑު ހެދިއިރު، އޭނާ އާއެކު އޯޕަނިންގައި އެރި ސުނިލް ނަރާއިން ނުބައިވެގެން ކުޅެން ނުކުތް ވެންކަޓޭޝް އައްޔަރު ވަނީ 26 ބޯޅައިން 52 ލަނޑު ހަދައި ހާފް ސެންޗަރީއެއް ފުރިހަމަ ކޮށްފަ އެވެ.

ސުނިލް ނަރާއިން އޭނާގެ ފުރަތަމަ ބޯޅަ ހަޔަކަށް ޖެހި ނަމަވެސް ދެވަނަ ބޯޅައިގައި ސަލާމަތެއް ނުވި އެވެ. އެކަމަކު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އޭނާ އެވެ.

މީގެ އިތުރުން މުބާރާތުގެ އެންމެ ގިނަ ލަނޑު ހަދާފައި ވަނީ ރޯޔަލް ޗެލެންޖާސް ބެންގަލޫރުގެ ވިރާތު ކޯލީ އެވެ. އަދި އެންމެ ގިނަ ވިކެޓް ނަގާފައި ވަނީ ޕަންޖާބް ކިންގްސްގެ ހަރުޝާލް ޕަޓޭލް އެވެ.