Roadha Mihaaru
އަހްލާގު ރަނގަޅު ދަރިވަރުންނަށް މުދާ ލިބޭ ފިހާރައެއް

ރަނގަޅު ދަރިވަރުންނަށް މުދާ ލިބޭ ގޮތަށް އެމެރިކާގެ ސްކޫލެއްގައި ފިހާރައެއް

08 ޑިސެމްބަރ 2020

މާލީ ގޮތުން ދަތި އާއިލާތަކުގެ ދަރިވަރުންނަށް އެހީވާން އެމެރިކާގެ ޓެކްސަސްގެ ސްކޫލަކުން، އާންމު ދިރިއުޅުމަށް ބޭނުންވާ ތަކެތި ލިބޭ ފިހާރައެއް ހުޅުވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މާލީ ގޮތުން ދަތި އާއިލާތަކުގެ ދަރިވަރުންނަށް އެހީވާން އެމެރިކާގެ ޓެކްސަސްގެ ސްކޫލަކުން، އާންމު ދިރިއުޅުމަށް ބޭނުންވާ ތަކެތި ލިބޭ ފިހާރައެއް ހުޅުވައިފި އެވެ.

މިދިޔަ މަހުގެ ތެރޭގައި މި ފިހާރަ ހުޅުވީ ޓެކްސަސްގެ ސޭންގާގައި ހިންގާ ލިންޑާ ޓަޓް ހައި ސްކޫލްގަ އެވެ. އެތަނުގައި 2،700 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަ އެވެ. އޭގެ ތެރެއިން 43 ޕަސެންޓް ދަރިވަރުންނަކީ ވަރަށް ދަތިކޮށް އުޅޭ އާއިލާތަކުގެ ކުދިންނެވެ. އަދި 3.6 ޕަސެންޓް ދަރިވަރުންނަކީ ބޯހިޔާވަހިކަމެއް ވެސް ނެތް ދަރިވަރުންނެވެ.

އެހެންވެ ސްކޫލްގައި އެ ދަރިވަރުންގެ އަހުލާގާއި ސުލޫކު ބަހައްޓާ ގޮތަށް ބަލައި ޕޮއިންޓް ދީ، އެއާ އެކަށީގެންވާ ގޮތަށް ދަރިވަރުންގެ އާއިލާތަކަށް މުދާ ދޫކުރެ އެވެ.

އޭގެ ތެރޭގައި އެކި ބާވަތުގެ ކާބޯތަކެއްޗާއި މަހާއި ޓޮއިލެޓް ޕޭޕަރު ފަދަ ތަކެތި ހިމެނެ އެވެ.

ސްކޫލުން ދަރިވަރުންނަށް އެހީވާން ހުޅުވި ފިހާރައާ ބެހާ ގޮތުން އެ ސްކޫލްގެ ޕްރިންސިޕަލް އެންތަނީ ލަވް ވިދާޅުވީ ބޭނުމަކީ ދަރިވަރުންގެ ހާލަތު ރަނގަޅުކުރުން ކަމަށެވެ.

"މިފަދަ ގޮތަކަށް ވެސް ދަރިވަރުންނާއި އެ މީހުންގެ އާއިލާތަކަށް އެހީވެވިދާނެތީ އަހަރެމެން މިފަދަ ކަމެއް ފެށީ. އަހަރެމެން ބޭނުންވޭ މިތަނުގައި ކިޔަވާ ކޮންމެ ދަރިވަރަކީ ކުޑަމިނުން ރަނގަޅަށް ކައިގެންބޮއިގެން އުޅޭ ދަރިވަރަކަށްވާން،" އޭނާ ވިދާޅުވި އެވެ.

ސްކޫލްގައި ހިންގާ ފިހާރަ އަކީ އެކި ތަންތަނުގެ އެހީގައި ހިންގާ ތަނެކެވެ. އެތަނަށް އެހީދޭ ތަންތަނުގެ ތެރޭގައި ފަސްޓް ރެފިއުޖް މިނިސްޓްރީޒް އާއި ޓެކްސަސް ހެލްތު ރިސޯސެސްގެ އިތުރުން ފިހާރަތައް ހިންގާ ކުންފުންޏެއް ކަމަށްވާ އަލްބަޓްސަންސް ހިމެނެ އެވެ.

ސްކޫލްގެ ފިހާރަ މެނޭޖްކުރުމުގެ މަސައްކަތުގެ ގިނަ ޒިންމާތައް ހަވާލުކޮށްފައި ވަނީ ދަރިވަރުންނާ އެވެ. އެގޮތުން އިންވެންޓްރީ ބެލެހެއްޓުމާއި މަދުވާ މުދާ ހޯދުމާއި ސަޕްލައި އާއި މުދާ ދަރިވަރުންނަށް ފޯރުކޮށް ދިނުމުގައި ވެސް ސްކޫލްގެ ވެރިންގެ ބެލުމުގެ ދަށުން ކުރަނީ ދަރިވަރިވަރުންނެވެ. ފިހާރައިގެ މެނޭޖަރަކީ ސްކޫލްގެ ޖޫނިއާ ދަރިވަރެއް ކަމަށްވާ ޕްރެޒްޓަން ވެސްޓްބްރޫކެވެ.

"މިއީ ވަރަށް ލޯބިވާ ކަމެއް. މީގެ ތެރެއިން ބަޔަކަށް އެހީވުމުގެ މަސައްކަތުގައި އުޅެވުމަކީ އަސްލު އެންމެ ބޮޑު އުލަފަކީ." އޭނާ ބުންޏެވެ.

ފިހާރަ އިން ދަރިވަރުންނާއި ސްކޫލްގެ މުވައްޒަފުންނަށް މުދާ ދޫކުރަނީ ކޮންމެ ހަފުތާއެއްގެ ހޯމަ އިން ބުދައަށެވެ. އަދި ކޮންމެ އަންގާރަ ދުވަހަކު ސްކޫލް ހުންނަ ސަރަހައްދުގެ އާންމުންނަށް ފިހާރަ އެއް ގަޑިއިރަށް ހުޅުވައިލަ އެވެ. މި މަހުގެ 15 އިން ފެށިގެން ފިހާރަ ސޭންޑާގެ މުޅި ކޮމިއުނިޓީ އަށް ހުޅުވައިލަން ލިންޑާ ޓަޓް ހައި ސްކޫލުން ވަނީ ނިންމައިފަ އެވެ.

"އަހަރެމެން މިހާރު މިކަން ކުރާތީ ޓެކްސަސްގެ އެކި ހިސާބުތަކުގެ ސްކޫލްތަކުން މިކަން ކުރަން ބޭނުންވެގެން އަހަރެމެން މިކަން ކުރާ ގޮތުގެ މައުލޫމާތު އެބަ ސާފުކުރޭ،" ޕްރިންސިޕަލް ވިދާޅުވި އެވެ. "އަސްލު މީގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އެބަ ގެނެވޭ. މީގެ މައިގަނޑު މަގުސަދަކީ ވެސް އެއީ."

އޭނާ ވިދާޅުވީ މިކަން ކުރާކަން އެނގިގެން އިނގިރޭސިވިލާތާއި ކެނެޑާގެ ސްކޫލްތަކުން ވެސް ގުޅައި މައުލޫމާތު ސާފުކުރާ ކަމަށެވެ.