Roadha Mihaaru
ޗައިނާ އިން ޓްރިޕްއެޑްވައިޒާ މަނާކޮށްފި

ޗައިނާ އިން ޓްރިޕްއެޑްވައިޒާ މަނާކޮށްފި

10 ޑިސެމްބަރ 2020

ޗުއްޓީތަކަށް ދާ ތަންތަނުގެ ރިވިއުތައް އާންމުކޮށް ހިއްސާކުރާ ޕްލެޓްފޯމެއް ކަމަށްވާ އެމެރިކާގެ ޓްރިޕްއެޑްވައިޒާ ހިމެނޭ ގޮތަށް ޗައިނާ އިން 105 އެޕެއް އެ ގައުމުގައި ބްލޮކްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗުއްޓީތަކަށް ދާ ތަންތަނުގެ ރިވިއުތައް އާންމުކޮށް ހިއްސާކުރާ ޕްލެޓްފޯމެއް ކަމަށްވާ އެމެރިކާގެ ޓްރިޕްއެޑްވައިޒާ ހިމެނޭ ގޮތަށް ޗައިނާ އިން 105 އެޕެއް އެ ގައުމުގައި ބްލޮކްކޮށްފި އެވެ.

މި ފިޔަވަޅު އަޅާފައި ވަނީ އޮންލައިން އެޕްތައް މެދުވެރިކޮށް ހަށިވިއްކުމާއި ބަރަހަނާ މަންޒަރުތައް އާންމުކުރުމާއި ޖުވާ ކުޅުމާއި އަނިޔާވެރި އަމަލުތަކަށް ހިތްވަރުދޭ ކަމަށް ބުނެ އާންމުންގެ ފަރާތުން ޝަކުވާތައް ވެސް ލިބޭތީ ކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ބުންޏެވެ.

ނަމަވެސް އެފަދަ ކަންކަމާ ގުޅުވައިގެން ޓްރިޕްއެޑްވައިޒާ ކަހަލަ، ވިޔަފާރިއާ ގުޅުން ހުރި އެޕެއް މަނާކުރި ސަބަބެއް ސާފުނުވާ ކަމަށް މީޑިއާތަކުން ބުންޏެވެ. ޗައިނާގެ ސައިބަސްޕޭސް އެޑްމިނިސްޓްރޭޝަނުން އަންގާރަ ދުވަހު ބުނި ގޮތުގައި މަނާކުރި އެޕްތަކަކީ އެ ގައުމުގެ ސައިބަ ގާނޫނާ ފުށުއަރާ ގޮތަށް ހުރި އެޕްތަކެވެ.

ބެއިޖިންގައި ހުންނަ ޓްރިޕްއެޑްވައިޒާ އޮފީހުން މިކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް އަދި ނުބުނެ އެވެެ.

ޗައިނާ އިން މަނާކުރި އެޕްތަކުގެ ތެރޭގައި އެމެރިކާގެ ޓްރިޕްއެޑްވައިޒާ ހިމެނޭ އިރު، އެމެރިކާ އަކީ ޗައިނާގެ ޓިކްޓޮކަށް ވަރަށް ބޮޑަށް ދަތިކޮށްފައިވާ ގައުމެކެވެ. އެގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ ބައިޓްޑާންސުން ހިންގާ ޓިކްޓޮކް އެ ގައުމުގައި މަނާކުރަން މަސައްކަތް ކުރައްވައިފަ އެވެ. އެކަމަކު ކޯޓުން އޮތީ އެކަމަށް ހުއްދަ ދޭ ގޮތަކަށް ނޫނެވެ.

މިދިޔަ މަހުގެ 5 އިން ފެށިގެން ޗައިނާގައި އަންނަނީ އެ ގައުމުގެ އުސޫލުތަކަށް ނުފެތޭ މޮބައިލް އެޕްތައް ސާފުކުރުމުގެ ކެމްޕޭނެއް ހިންގަމުންނެވެ. މީގެ ތެރޭގައި ލޯކަލް އަދި އިންޓަނެޝަނަލް އެޕްތައް ހިމެނެ އެވެ. ޗައިނާ އިން ބުނިގޮތުގައި އެޕްތައް ކުރިއަށް އޮތް ތަނުގައި ހަރުދަނާ އުސޫލެއްގެ ދަށުން ރެގިއުލޭޓްކުރާނެ އެވެ. އަދި މިންގަނޑުތަކަށް ނުފެތޭ އެޕްތަކަށް ފިޔަވަޅު އަޅާނެ އެވެ.

ޗައިނާ އިން މިފަދަ ކެމްޕޭނެއް ފެށި އިރު މި ފަހުން އެ ގައުމުގެ އެޕްތައް މަނާކުރުމުގެ ފޯރިއެއް އޮތީ އަވަށްޓެރި އިންޑިއާގަ އެވެ. ޗައިނާގެ 220 އެޕެއް މިހާތަނަށް އިންޑިއާ އިން މަނާކޮށްފައިވެ އެވެ.