Roadha Mihaaru
އުނދަގޫވިޔަސް އުއްމީދަކީ ގަދަ ހަތަރެއް: އިންމަ

އުނދަގޫވިޔަސް އުއްމީދަކީ ގަދަ ހަތަރެއް: އިންމަ

10 ޑިސެމްބަރ 2020

ކުރިއަށް އޮތް ސީޒަނަށް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ކަނޑައެޅި ގަދަ ހަތަރެއްގެ ޓާގެޓް ހާސިލްކުރަން އުނދަގޫވި ކަމުގައި ވިޔަސް އެކަމަށް މަސައްކަތްކުރާނެ ކަމަށް ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ކުރިއަށް އޮތް ސީޒަނަށް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ކަނޑައެޅި ގަދަ ހަތަރެއްގެ ޓާގެޓް ހާސިލްކުރަން އުނދަގޫވި ކަމުގައި ވިޔަސް އެކަމަށް މަސައްކަތްކުރާނެ ކަމަށް ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.

މި ސީޒަނަށް އެންމެ ފަހުން ޕްރެކްޓިސް ފެށި ޓިމަކީ ދަ ގްރާންޑޭ އެވެ. އެ ޓީމުން މިދިޔަ މަހުގެ ފުރަތަމަ ހަފްތާ ތެރޭ ޕްރީ ސީޒަން ފެށިއިރު، ޖުމްލަ ގޮތެއްގައި އެ ޓީމުގައި ތިބީ މިދިޔަ ސީޒަނުގައި އަލަށް އެ ޓީމުން ފުރަތަމަ ޑިވިޝަނުގައި ކުޅުނުއިރު ސްކޮޑުގައި ހިމެނުނު ކުޅުންތެރިންނެވެ. އެ ޓީމު ދޫކޮށްދިޔަ ފާހަގަކޮށްލެވޭ ދެ ކުޅުންތެރިންނަކީ ވެލެންސިއާއާ ގުޅުނު އަހުމަދު އިމާޒް (އާއްކޮ) އާއި ގޯލްކީޕަރު މުހައްމަދު ފައިސަލް އެވެ.

އާ ސީޒަނާ ދިމާކޮށް އެފްއޭއެމުން ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި އިއްޔެ ވާހަކަ ދައްކަމުން އިންމަ ބުނީ އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވީ ޓީމަށް ގެންނަން ނިންމި ބިދޭސީ ތިން ކުޅުންތެރިންނާ ނުލައި ޕްރީ ސީޒަން އެއްކޮށް ކަހަލަ ގޮތަކަށް ފުރިހަމަކުރަން ޖެހުން ކަމަށެވެ. މާލެ އައިސް މިހާރު ބިދޭސީ ކުޅުންތެރިން ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަމުންދާއިރު ވަރަށް އަވަހަށް ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާނެ ކަމަށް އިންމަ ބުންޏެވެ.

ކުރިން މާޒިޔާ އަށް ކޯޗުކޮށްދިން އިންމަ ބުނީ ރަނގަޅު ޓީމެއް އެކުލަވާލައި މިދިޔަ އަހަރު ވެސް ކަނޑައެޅި ޓާގެޓް ކަމަށްވާ ގަދަ ހަތަރަކަށް އެ ޓީމުން އަމާޒުހިފާފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި ސީޒަނުގައި ވެސް ރަނގަޅު ޓީމެއް އެކުލަވާލެވި ރަނގަޅު ނަތީޖާ އަކަށް އުއްމީދުކުރެވޭ. މިދިޔަ އަހަރުގެ ކޮންސެންޓްރޭޝަން އާއި އަޅުގަނޑުމެން ހާސިލްކުރަން ބޭނުންވާ ޓާގެޓާ ދިމާލަށް މި ދަނީ. އެހެންވީމަ ހިތްހަމަޖެހޭ. ގަދަ ހަަތަރެއްގެ ޓާގެޓް އުނދަގޫ ވިޔަސް އެ ހާސިލްކުރަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން،" މީގެ ކުރިން ގައުމީ ޓީމުގެ ހެޑް ކޯޗުގެ ޒިންމާ ވެސް އުފުލާފައިވާ އިންމަ ބުންޏެވެ.

ގަދަ ހަތަރަކަށް ދާން ކުރާ މަސައްކަތުގެ ހިތްވަރަކީ މިދިޔަ ސީޒަނުގައި ތަފާތު މައްސަލަތައް ދިމާވި ނަމަވެސް ލީގުގެ ފަހެއްގައި ނިންމާލެވުމުގެ އިތުރުން އެފްއޭ ކަޕްގެ ސެމީ އަށް ދަތުރުކުރެވުން ކަމަށް އިންމަ ބުންޏެވެ. ކޮވިޑް-19އާ ހެދި މިދިޔަ ސީޒަން އަވަހަށް ނިންމާލީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކުރުމަށް ފަހު އެވެ.

ދަ ގްރާންޑޭގެ ކެޕްޓަން ޔަސްފާދު ހަބީބު (މުލަކޭ) ބުނީ ޕްރީ ސީޒަނަށް ލިބުނު ވަގުތާ މެދު ހިތްހަމަޖެހޭ ކަމަށާއި ތިބި ކުޅުންތެރިންނަށް ބަލާއިރު މިދިޔަ އަހަރަށް ވުރެން ރަނގަޅަށް މި ފަހަރުގެ ޕްރީ ސީޒަނުގައި މަސައްކަތްކުރެވުނު ކަމަށެވެ. ކޯޗާއި މެނޭޖްމަންޓުން ކަނޑައަޅާ ޓާގެޓަށް މަސައްކަތްކުރަން ބަލާއިރު އެންމެ ބޮޑު ހިތްހަމަޖެހުމަކީ މިިދިޔަ އަހަރު ތިބި ގިނަ ކުޅުންތެރިން ޓީމުގައި މަޑުކުރުން ކަމަށް ބުންޏެވެ.

މި ފަހަރުގެ ލީގުގައި ދަ ގްރާންޑޭ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ހަވީރު ކުޅޭނީ ޓީސީ ސްޕޯޓްސް ކްލަބާ އެވެ.