Roadha Mihaaru
މައްސަލަތަކުން ދަސްވި ފިލާވަޅު ސަސްގައި ބޭނުން ހިފާނަން

ގްރާންޑޭގެ މައްސަލަތަކުން ދަސްވި ފިލާވަޅު ސަސްގައި ބޭނުން ހިފާނަން: އިންމަ

20 ޑިސެމްބަރ 2021

ކްލަބް ހިންގުމުގަޔާއި މެނޭޖުކުރުމުގައި، މިދިޔަ ދެ ސީޒަންގައި އޭނާ މަސައްކަތްކުރި، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގައި ކުރިމަތިވި މައްސަލަތަކުން ދަސްވި ފިލާވަޅު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގައި ބޭނުން ހިފާނެ ކަމަށް، ސަސްގެ މިހާރުގެ ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކްލަބް ހިންގުމުގަޔާއި މެނޭޖުކުރުމުގައި، މިދިޔަ ދެ ސީޒަންގައި އޭނާ މަސައްކަތްކުރި، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގައި ކުރިމަތިވި މައްސަލަތަކުން ދަސްވި ފިލާވަޅު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގައި ބޭނުން ހިފާނެ ކަމަށް، ސަސްގެ މިހާރުގެ ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) ބުނެފި އެވެ.

މި ސީޒަނަށް ސަސްއާ ހަވާލުވެ އެ ޓީމާ އެކު، އިންމަ ކުރިމަތިލާ ފުރަތަމަ މެޗަކަށް ވާނީ ޕްރެޒިޑެންޓް ކަޕްގައި، މިއަދު ހަވީރު، އޭނާގެ ކުރީގެ ކްލަބު މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗެވެ.

މިދިޔަ ސީޒަންގައި ގްރާންޑޭ އިން، ލީގުގެ ފުރަތަމަ ބުރުގައި ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. ކުޅުންތެރިންނަށް މުސާރަ ނުދެވި، ކްލަބް މެނޭޖު ކުރުމުގައި ހެދުނު ގޯސްތަކުގެ ސަބަބުން އެ ޓީމު ފަހުން އަޑިއަޅައިލި އެވެ. މިދިޔަ ސީޒަންގެ ކުރީކޮޅު އިންމަ ބުނެފައި ވަނީ، ފުރަތަމަ ޑިވިޝަންގައި ފުރަތަމަ އަހަރު ކުރިމަތިވި މައްސަލަތައް ދެވަނަ ސީޒަންގައި ކުރިމަތި ނުވާނެ ކަމަށެވެ. އެކަމަކު އެއް މައްސަލަތަކެއް ކުރިމަތިވެ މާލީ ގޮތުން ކްލަބް ދަށް ހާލަތަކަށް ވެއްޓުނެވެ.

ރާއްޖޭގެ އެއްވަނަ ކްލަބް މާޒިޔާ އަށް ވެސް މީގެ ކުރިން ކޯޗުކޮށްދިން އިންމަ ބުނީ، އެ ވަގުތެއްގައި އޭނާ ކޯޗުކޮށްދޭ ކްލަބްތައް މެނޭޖު ކުރުމުގައި ދިމާވާ ކަންތައްތަކުން އޭނާ ފިލާވަޅު ދަސްކުރާ ކަމަށެވެ.

"އެކަންކަމުން ފިލާވަޅު ދަސްކޮށްފައި ކުރިއަށް އޮތްތާންގައި ވެސް އެކަހަލަ ކަންކަން މެދުވެރިޔަ ނުވޭތޯ އަޅުގަނޑު މަސައްކަތް ކުރަން،" އިންމަ ބުންޏެވެ.

ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ޕްރެޒިޑެންޓް ކަޕާ މެދު ގިނަ ކްލަބްތައް ދެކެނީ ޕްރީ ސީޒަން މުބާރާތެއްގެ ގޮތުގަ އެވެ. އިންމަ ބުނިގޮތުގައި ސަސްގެ މެނޭޖުމެންޓުން އޭނާ އަށް ދީފައިވާ ޓާގެޓަކީ، ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ މަގާމާ ހަމައަށް ގެންގޮސްދިނުމެވެ.

ގްރާންޑޭއާ ދެކޮޅަށް މިއަދު ނުކުންނަ މާޒިޔާގެ ކޯޗު، މުހައްމަދު ޝިޔާޒު (މޯހަން) އަށް އޮތް ހިތްހަމަ ޖެހުމަކީ ޗެރިޓީ ޝީލްޑްގައި މާޒިޔާ ދެއްކި ކުޅުމެވެ. މޯހަން ބުނީ މާޒިޔާ ތައްޔާރުވީ ސީޒަންގެ ހުރިހާ މުބާރާތެއް ހޯދުމަށް ކަމަށެވެ. ތަށި ނޫން އެއްޗެއް މާޒިޔާއިން ބޭނުން ނުވާނެ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ތައްޔާރުވީ މުޅި ސީޒަނަށް. އަޅުގަނޑު އުންމީދު ކުރަނީ އެ މެޗުގައި ކުޅުންތެރިން ދެއްކި ކުޅުން ނުވަތަ އެއަށް ވުރެ ވެސް ރަނގަޅު ކުޅުމެއް ވެސް ސަސްގެ މެޗުގައި ދައްކާނެ ކަމަށް،" މޯހަން ބުންޏެވެ.

މާޒިޔާ އާއި ސަސް ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ. މިއަދު ކުޅޭ ދެވަނަ މެޗުގައި މިރޭ 9 ޖަހާއިރު ނުކުންނާނީ ކްލަބް އީގަލްސް އާއި ޓީސީ އެވެ.