ކޮވިޑް-19 ޖެހިގެން ސްރީ ލަންކާގައި މަރުވާ އެންމެން ވެސް އަންދާލަން ނިންމައި އިސްލާމީ އުސޫލުތަކާ ހިލާފަށް މުސްލިމުންގެ ގަބުރުތައް ވެސް އަންދަން ފެށުމާ އެކު އެ ގައުމުގައި ފަޅައިގެން ދިޔަ ހުޅުގަނޑުގެ ހޫނު ރާއްޖެ އަށް ވެސް އައީ އެވެ. ކޮވިޑްގައި މަރުވާ ލަންކާ މުސްލިމުން އިސްލާމީ އުސޫލުތަކާ އެއްގޮތަށް ވަޅުލެވެން ނެތް ކަމަށް ވިދާޅުވެ އެ ގަބުރުތައް ރާއްޖޭގައި ވަޅުލައިދިނުމަށް ރައީސް ގޮތަބަޔަ ރާޖަޕަކްސަ އެދިވަޑައިގަތުމާ އެކު އެގޮތަށް ރާއްޖޭން ކަންތައް ކޮށްދިނުމާ މެދު ސަރުކާރުން އަންނަނީ މަޝްވަރާކުރަމުންނެވެ.
15 ޑިސެމްބަރ 2020
ކޮވިޑް-19 ޖެހިގެން ސްރީ ލަންކާގައި މަރުވާ އެންމެން ވެސް އަންދާލަން ނިންމައި އިސްލާމީ އުސޫލުތަކާ ހިލާފަށް މުސްލިމުންގެ ގަބުރުތައް ވެސް އަންދަން ފެށުމާ އެކު އެ ގައުމުގައި ފަޅައިގެން ދިޔަ ހުޅުގަނޑުގެ ހޫނު ރާއްޖެ އަށް ވެސް އައީ އެވެ. ކޮވިޑްގައި މަރުވާ ލަންކާ މުސްލިމުން އިސްލާމީ އުސޫލުތަކާ އެއްގޮތަށް ވަޅުލެވެން ނެތް ކަމަށް ވިދާޅުވެ އެ ގަބުރުތައް ރާއްޖޭގައި ވަޅުލައިދިނުމަށް ރައީސް ގޮތަބަޔަ ރާޖަޕަކްސަ އެދިވަޑައިގަތުމާ އެކު އެގޮތަށް ރާއްޖޭން ކަންތައް ކޮށްދިނުމާ މެދު ސަރުކާރުން އަންނަނީ މަޝްވަރާކުރަމުންނެވެ.
އެކަމަކު އަނެއްކޮޅުން ރާއްޖޭގައި އެކަމާ ބެހޭ ބަހުސެއް މިހާރު މި އޮތީ ފެށިފަ އެވެ.
ލަންކާ މުސްލިމުންގެ ގަބުރުތައް ރާއްޖޭގައި ވަޅުލައިދޭން ރާއްޖޭން އެއްބަސްވެއްޖެ ކަމަށާއި އެކަމުގައި އިސްނެގީ ވެސް ރާއްޖޭން ކަމަށް ބުނެ ލަންކާގެ ނޫސްތަކުގައި އިއްޔެ އެ ވާހަކަ ލިޔުނަސް އެއީ އެކަން ހިނގި ގޮތެއް ނޫނެވެ. ކަން ހިނގި ގޮތް އެނގޭ ފަރާތްތަކުން ދިން މައުލޫމާތަށް ބަލާއިރު މިއީ މުސްލިމުންގެ ގަބުރުތައް އަންދަން ފެށުމުން ލަންކާ ސަރުކާރަށް ކުރިމަތިވި ފާޑުކިޔުމާއި އެ ގައުމުގައި ފެށި އިހުތިޖާޖުތަކުން ސަލާމަތްވެ ޕްރެޝަރު ކުޑަކުރަން ލަންކާ އިން ފެތުރި ޚަބަރެކެވެ.
ރާއްޖޭގެ އެހީއަށް އެދި ލަންކާ ސަރުކާރުން ފޮނުވި ސިޓީއަށް ޖަވާބެއް ދިނުމުގެ ކުރިން ލަންކާ ސަރުކާރުގެ އޮފިޝަލުން އެ ގައުމުގެ ނޫސްތަކަށް އެ މައުލޫމާތު އެ އޮތީ ދީފަ އެވެ. އެހެންވެ އެނގެނީ މިކަމުގައި އޮތް ފާޑުކިޔުންތައް ކުޑަކުރަން ލަންކާ އަވަސްވެގަތްކަމެވެ. ލަންކާގެ ގަބުރުސްތާނުތަކުގެ ބޭރުގައި، ހުދު ފޮތި އައްސައި ކުރަމުން އަންނަ ހިމޭން އިހުތިޖާޖާއި ސޯޝަލް މީޑިއާގައި ކިޔަމުންދާ ފާޑުކިޔުންތަކުން ވެސް ސަލާމަތްވާން ބޭނުންވީ އެވެ.
ހަގީގަތް ކޮންމެ ގޮތަކަށް އޮތް ނަމަވެސް މި ޚަބަރާ އެކު ވަރަށް ގިނަ ދިވެހިން ބޭނުންވީ "ލަންކާގެ މުސްލިމުންނަށް އެހީވާން" ކަން ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވާ ޚިޔާލުތަކުން އެނގެ އެވެ. ލަންކާ ސަރުކާރުން އެދުނު ގޮތަށް ރާއްޖޭން ކަންތައް ކޮށްދިނުމަށް އެތައް ބަޔަކު އަންނަނީ ގޮވާލަމުންނެވެ.
"ލަންކާގެ މުސްލިމުންގެ ތެރެއިން ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން އެންދުމުގެ ބަދަލުގައި ވަޅުލުމަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން ނިންމެވި ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް،" ޝައިޚް އިލްޔާސް ހުސެއިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޓެގް ކުރައްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
Muslimun nikamethi va vaguth thakugai eheetheri vumakee dheenee vajibeh
— Ilyas Hussain (@shkilyas) December 15, 2020
Siri lankage muslimunnah eheetherivimattakai sarukarun nimmevi nimmumakee varah rangalhu nimmevumeh dheenee mifadha kankamugai amilla khiyalu husha neylheyne pic.twitter.com/4alV9nH0YK
ޝައިޚް އިލްޔާސް ލަންކާގެ މައްސަލާގައި ކުރެއްވި ޓްވީޓެއް
ކީރިތި ރަސޫލާގެ ހަދީސަކާ އެކު ކުރެއްވި އެހެން ޓްވީޓެއްގައި އިލްޔާސް ވިދާޅުވީ މުސްލިމުން ނިކަމެތިވާ ވަގުތުތަކުގައި އެހީތެރިވުމަކީ ދީނީ ވާޖިބެއް ކަމަށެވެ. ޝައިޚް އަލީ ޒައިދު އާއި ޑރ. މުހައްމަދު އިޔާޒް ވެސް އިލްޔާސްގެ ވިސްނުމަށް ތާއީދުކުރައްވާފައިވެ އެވެ.
"ލަންކާގައި މުސްލިމުން ވަޅުލެވޭނެ ގޮތެއް ނެތުމުން ރާއްޖެއިން ދީލަތިކަމުގެ އަތެއް ދިއްކޮށްލުމަކީ ބަޔަކު ކަންބޮޑުވާން ޖެހޭ ކަމެއް ނޫން. އެއީ އުފާކުރަން ޖެހޭ ކަމެއް. މިކަމުގައި ކަންބޮޑުވެ، މިކަމުގައި ޝަރުއީ މަސްލަހަތެއް ނެތޭ ބުނާތީ ހައިރާންވެ އަންތަރީސް ވެއްޖެ،" ލަންކާގެ މުސްލިމުންގެ ގަބުރުތައް ރާއްޖެ ގެނައުމުގައި ޝަރުއީ މަސްލަހަތެއް ފެންނަން ނެތް ކަމަށް ޖަމިއްޔަތުއް ސަލަފްގެ ރައީސް ވިދާޅުވެފައި ވަނިކޮށް ޝައިހް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.
Dhivehi Sarukaarun, Lankaa ge lobuvethi Muslim akhunnah eheetheri vaa than fenumee alhugandah libey v bodu ufaleh! جزاكم الله خيرا Muslim akhunnakee ekathigandeh! Ukhuhvaitheri baeh! Maasha Allah. pic.twitter.com/ALC4oX3Xix
— Ali Zaid (@alizaid1000) December 14, 2020
ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން ޜާއްޖެ ގެންނަން ޝައިހް އަލީ ޒައިދު ވެސް ތާއީދުކުރައްވާ
ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ ވިސްނުން ތަފާތެވެ.
މައުމޫން ވިދާޅުވީ އެހެން ގައުމުތަކުގެ އެކި ދީންތަކުގެ މީހުން ރާއްޖެ އައިސް އުފާވެރިކަމާ އެކު ރާއްޖޭގައި އުޅެން ރާއްޖޭން މަރުހަބާ ކިޔާ ކަމަށާއި އެކަމަކު އެހެން ގައުމުތަކުގައި ކޮވިޑް ޖެހިގެން މަރުވާ މީހުން ރާއްޖެ ގެނެސް ވަޅުލަން ތާއީދު ނުކުރައްވާ ކަމަށެވެ.
"...ކޮވިޑް ޖެހިގެން މަރުވާ ބިދޭސީން ރާއްޖެ ގެނެސް ވަޅުލުމަކީ އަޅުގަނޑަށް ތާއީދުކުރެވޭ ކަމެއް ނޫން،" ރައީސް އޮފީސް ޓެގް ކުރައްވައި މައުމޫން ކުރެއްވި ޓްވީޓްގައިވެ އެވެ.
We warmly welcome all foreign visitors irrespective of their nationality and faith and wish them a happy and peaceful stay here. But bringing the bodies of foreign Covid-19 victims to be buried in Maldives is something that I cannot support. @presidencymv
— Maumoon Abdul Gayoom (@maumoonagayoom) December 14, 2020
ކުރީގެ ރައީސް މައުމޫންގެ ޓްވީޓް
ޝަހީމް ބާރު އަޅުއްވަނީ ލަންކާ ސަރުކާރުން އެކަން ހައްލުކުރުމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ލަންކާގައި މަރުވާ މުސްލިމުން އެ ގައުމުގައި ވަޅުލުމުގެ ފުރުސަތު އެ ގައުމުގެ ސަރުކާރުން ދޭން ޖެހޭނެ ކަމަށެވެ.
"އެ ގައުމުގެ ސަރުކާރުން އެ ފުރުސަތު މުސްލިމުންނަށް ނުދީ މުސްލިމުންގެ ހަށިތައް އާއިލާތަކުގެ ނުރުހުމުގައި އެ މީހުންގެ އަމިއްލަ ގައުމުން ބޭރުކުރުމުގެ ތެރެއަށް އެހެން ގައުމަކުން ތަދައްހުލްވުމަކީ ހައްލެއް ނޫން. ހައްލަކީ އެ މީހުންގެ ހައްގުތައް ހޯދައިދިނުމަށް ވަކާލާތުކުރުން،" ޝަހީމް ސޯޝަލް މީޑިއާގައި ލިޔުއްވި އެވެ.
ލަންކާގައި މުސްލިމުންގެ ގަބުރުތައް އެންދުމުގެ ބަދަލުގައި ރާއްޖެ ގެނެސް ވަޅުލުމަށް ގިނަ ބަޔަކު ތާއީދުކުރި ނަމަވެސް އެކަމާ ހިޔާލު ތަފާތުވާ މީހުން ބުނަނީ އެއީ ލަންކާގެ މުސްލިމުންނަށް ވެދެވޭ އެހީއެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ ލަންކާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ބޭއިންސާފަށް އެއްބާރުލުން ދިނުން ކަމަށް، އެއް ބަޔަކު ސިފަކުރެ އެވެ.
ބައެއް މީހުން ފާހަގަކުރި ގޮތުގައި ލަންކާގެ މުސްލިމުންގެ ގަބުރުތައް ރާއްޖެ ގެންނަން އެދުނީ މުސްލިމުން ތަމްސީލްކުރާ ޖަމާއަތެއް ފަދަ ތަނަކުންނެއް ނޫނެވެ. އެގޮތަށް އެދިގެން އުޅެނީ، ލަންކާގެ އެތެރޭގެ ކަންކަން ހަމަޖެއްސުމުގެ ޒިންމާ ނަގަން ޖެހޭ އެ ގައުމުގެ ސަރުކާރުން ކަމަށް ވެސް، ބައެއް ދިވެހިން ބުނެ އެވެ.
އަޅުގަނޑަށް ފެންނަ ގޮތުގައި ކޮވިޑް ޖެހިގެން މަރުވާ ލަންކާގެ މުސްލިމުން، އިސްލާމީ ޝަރީޢަތުގައިވާގޮތުގެ މަތިން އެޤައުމުގައި ވަޅުލުމުގެ ފުރުޞަތު އެ ޤައުމުގެ ސަރުކާރުން މުސްލިމުންނަށް ދެއްވަންވާނެ. އެއީ އިންސާނީ، އަދި ޢަޤީދާއާ ގުޅުންހުރި ދީނީ ޙައްޤެއް.
— Mohamed Shaheem Ali Saeed (@Mohamedshaheem1) December 14, 2020
ކުރީގެ އިސްލާމިކް މިނިސްޓަރު ޝަހީމްގެ ޚިޔާލު
ކޮވިޑް-19ގައި މަރުވާ މީހުން ވަޅުލުމުގެ ބަދަލުގައި އެންދުމަކީ އެއްވެސް ތަނެއްގައި ކުރާ ކަމެއް ނޫނެވެ. އެފަދަ ގޮތަކަށް އަމަލްކުރަން ޑަބްލިޔު.އެޗް.އޯގެ އުސޫލުތަކުގައި ވެސް ނެތެވެ. އެހެންކަމުން އިންސާފާއި ހަމަހަމަކަމުގެ ބޭރުން ލަންކާ ސަރުކާރުން ކުރާ ކަމެއްގައި ދިވެހި ސަރުކާރުން ބައިވެރިވާން ޖެހޭ ސަބަބެއް ނެތް ކަމަށް، ލަންކާ ސަރުކާރުގެ ހުށަހެޅުމާ ދެކޮޅުހަދާ މީހުން ދެކެ އެވެ.
"ލަންކާ އިން ބުނަނީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކަށުކަމާކެމީގެ ކަންތައް ކުރަން ދަތިކަމެއް ހުރި ކަމަށް. އެހެންވިއްޔާ ރާއްޖޭން ލަންކާ އަށް ބަޔަކު ފޮނުވައިގެން އެކަން ކުރަން އެހީ ވެވިދާނެ. އެއީ އެ ހަށިތައް މި ގައުމަށް ގެންނަން ޖެހޭ ސަބަބެއް ނޫން،" ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި މީހަކު ލިޔުނެވެ.
"ލަންކާ އިން އެ ގައުމުގެ މުސްލިމުންނަށް އެ ގައުމުގެ ބިމުން އެއްވެސް ޖާގައެއް ވެސް ނެތޭ މި ބުނެވެނީ. އެހެންވެ ރާއްޖޭން ޖެހޭނީ ލަންކާގެ މުސްލިމުންގެ ހައްގުގައި މަސައްކަތްކޮށްދޭން. އެ ހައްގު ނިގުޅައިގަންނަން އެހީވާންވީއެއް ނޫން."
މިގޮތަށް ވާހަކަ ދައްކާ މީހުން ބުނަނީ ލަންކާގައި މަރުވާ މުސްލިމުން ވެސް ބޭނުންވާނީ އެ މީހުންގެ ފަސްގަނޑުގައި ވަޅުލަން ކަމަށެވެ. ހަށިގަނޑު އެހެން ގައުމަކަށް ގެންގޮސް އާއިލާ އަށް ވެސް ނުފެނި ވަޅުލަން ނޭދޭނެ ކަމަށް ވެސް، އެ ނަޒަރުން ވިސްނާ ދިވެހިން ދެކެ އެވެ.
ހިޔާލު ތަފާތުވުން ބޮޑުވެފައި ވިޔަސް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ލަންކާ މުސްލިމުންގެ ގަބުރުތައް ރާއްޖެ ގެނެސް ވަޅުލާން ތާއީދުކުރައްވައިފަ އެވެ.
Sri Lanka ge Muslimunge therein covid19 baleega niyaavaa faraaithah,
— Ahmed Zahir Ali (@AhmedZahirAli) December 14, 2020
Raajje genes Raajjeaga valhulumuge inthizaam hamajehsumakee mivaguthah varah muhinmu, adhi ehaame dharuma aai savaab libeane kameh.
جزا كم الله خيرا
އިސްލާމިކް މިނިސްޓަރު ވިދާޅުވީ ލަންކާގެ މުސްލިމުންނަށް އެހީވުން މުހިންމު ކަމަށް
"ސްރީ ލަންކާގެ މުސްލިމުންގެ ތެރެއިން ކޮވިޑް-19 ބަލީގައި ނިޔާވާ ފަރާތްތައް، ރާއްޖެ ގެނެސް ވަޅުލުމުގެ އިންތިޒާމް ހަމަޖެއްސުމަކީ ވަރަށް މުހިއްމު އަދި އެހާމެ ދަރުމަ އާއި ސަވާބު ލިބޭނެ ކަމެއް،" މިނިސްޓަރުގެ ޓްވީޓްގައިވެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވި ނަމަވެސް ސަރުކާރުން މިކަމުގައި އަދި ގޮތެއް ނުނިންމަ އެވެ. މިކަން ވީ ހީކުރި ވަރަށް ވުރެ ހިޔާލު ތަފާތުވުން ބޮޑު މައްސަލައަކަށެވެ. މިއީ މުސްލިމުންނަށް އެހީވުންތޯ ނުވަތަ އެ މީހުންގެ ހައްގުތައް ނިގުޅައިގަތުމަށް އެހީވުންކަމާ މެދުގަ އެވެ.
އިސްލާމް ދީނަށް ފުރައްސާރަކުރި ލަންކާގެ ހާމުދުރު ޖަލަށް
ބިލިއަން ރުފިޔާގެ ޑްރަގް މައްސަލަ: ބަންދު އިތުރުކޮށްފި
އެއާޕޯޓުގައި ހަމަނުޖެހުން ހިންގި ލަންކާ މީހަކު ހައްޔަރު
ޖާގަލިބިފައިވާ އެންމެންނަށް އަންނަ އަހަރު ހައްޖަށްދެވޭނެ
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ލަންކާގެ ހަމަލާ: ދިވެއްސެއްގެ ދަރިއަކު ހައްޔަރުކޮށްފި
ލަންކާގެ އާ ބޮޑުވަޒީރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
ލަންކާގެ އިންތިހާބީ ރައީސް އަނޫރާއަށް ރައީސްގެ މަރުހަބާ
ލަންކާ އިންތިހާބާ ގުޅިގެން ދިވެހިން ސަމާލުވާން އެދިއްޖެ
ރާއްޖެ-ލަންކާ ގުޅިގެން ޓޫރިޒަމް ކުރިއެރުވޭނެ: މަސްއޫދު