Roadha Mihaaru
ޗެލްސީ ޖެހިޖެހިގެން ދެ ވަނަ ބަލި، ސިޓީ އެއްވަރުވެއްޖެ

ޗެލްސީ ޖެހިޖެހިގެން ދެ ވަނަ ބަލި، ސިޓީ އެއްވަރުވެއްޖެ

16 ޑިސެމްބަރ 2020

މެންޗެސްޓާ (ޑިސެމްބަރު 16) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި 2-1 އިން ވުލްވްސްގެ އަތްދަށުވެ ހަތަރު ދުވަސް ތެރޭ ޖެހިޖެހިގެން ދެ ދެ ވަނަ މެޗުން ޗެލްސީ ބަލިވިއިރު، ރެލިގޭޝަނުގައި އޮތް ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓާ ސިޓީ 1-1 އިން އެއްވަރުވެއްޖެ އެވެ.

މެންޗެސްޓާ (ޑިސެމްބަރު 16) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި 2-1 އިން ވުލްވްސްގެ އަތްދަށުވެ ހަތަރު ދުވަސް ތެރޭ ޖެހިޖެހިގެން ދެ ދެ ވަނަ މެޗުން ޗެލްސީ ބަލިވިއިރު، ރެލިގޭޝަނުގައި އޮތް ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓާ ސިޓީ 1-1 އިން އެއްވަރުވެއްޖެ އެވެ.

ރޭގެ މެޗުން ރަނގަޅު ނަތީޖާ އަކުން މޮޅުވެގެން އެއް ވަނަ އަށް އެރުމުގެ ފުރުސަތު ޗެލްސީ އަށް އޮތެވެ. އެކަމަކު ބަލިވުމުން އެ ޓީމު އޮތީ ފަސް ވަނައިގަ އެވެ. މި ބުރުގެ މެޗުތައް ކުޅެ ނިމޭއިރު ޗެލްސީގެ މަގާމަށް ބަދަލު އައުމުގެ ފުރުސަތު ބޮޑެވެ. ޗެލްސީ މި ވަގުތު ފަހެއްގައި އޮތީ 13 މެޗުން 22 ޕޮއިންޓާ އެކު އެވެ. ވުލްވްސް ހޯދި މޮޅާ އެކު 13 މެޗުން 20 ޕޮއިންޓް ހަމަކޮށް އެ ޓީމު ވަނީ ލީގުގެ 10 ވަނަ އަށް އަރައިފަ އެވެ.

ވުލްވްސް ދަނޑުގައި ރޭ ކުޅުނު މެޗުގެ ދެ ވަނަ ހާފް ފަށައިގެން ހަތަރު މިނިޓް ތެރޭ ޗެލްސީ އަށް ލީޑުނަގައިދިނީ އޮލިވިއޭ ޖިރޫޑް އެވެ. ބެން ޗިލްވެލް ނަގައިދިން ހުރަހަކުން ޖިރޫޑް ޖެހި ބޯޅަ ވުލްވްސް ކީޕަރު ރުއީ ޕެޓްރީޝިއޯ އަތުގައި ޖެހިފައި ގޯލުގެ ރޮނގު ހުރަސްކުރި ފަހުން އޭނާ ބޯޅަ ބޭރުކޮށްލި އެވެ. އެކަމަކު ގޯލް ލައިން ޓެކްނޮލޮޖީން ބެލުމަށް ފަހު ރެފްރީ ނިންމީ ގޯލެއް ކަމަށް ބަލައިގަންނާށެވެ.

ނަތީޖާ ހަމަހަމަކުރަން ވުލްވްސް އިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 66 ވަނަ މިނިޓްގަ އެވެ. އޭރިިއާ ތެރެއިން ޗެލްސީގެ ދެ ޑިފެންޑަރުން ކައިރިން ޖާގައެއް ހޯދުމަށް ފަހު ވުލްވްސްގެ ޑެނިއަލް ޕޮޑެންސް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ވުލްވްސް މޮޅުކޮށްދިން ގޯލު މެޗުގެ އިތުރު ވަގުތުގެ ފަސް ވަަނަ މިނިޓްގައި ޖެހީ ޕެޑްރޯ ނެޓޯ އެވެ. އޭގެ ކުރިން ނެޓޯ އަށް ޗެލްސީގެ ރީސް ޖޭމްސް ކުރި ފައުލަކަށް ރެފްރީ ޕެނަލްޓީއެއް ދޭން ފުރަތަމަ ނިންމި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ވަނީ ޕެނަލްޓީ ނުދޭން ނިންމައިފަ އެވެ.

ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނީ މިއީ އޭނާގެ ޓީމުން ޑިސެމްބަރު މަސް ފެށި ފަހުން ކުޅުނު ފަސް ވަނަ މެޗު ކަމަށާއި މިދިޔަ ހޮނިހިރު ދުވަހު ރަށުން ބޭރުގައި ކުޅެފައި އަނެއްކާ ދެ ތިން ދުވަހަށް ފަހު މި މެޗު ކުޅުމުން ވަރުބަލިކަން ފެނުނު ކަމަށެވެ.

ސިޓީގެ ސްޓާލިން (ކ) ފޮނުވާލާ ބޯޅައެއް ވެސްޓް ބްރޮމް ކީޕަރު ޖޯންސްޓޯންސް މަތަކުރަނީ. -- ފޮޓޯ: އޭއެފްޕީ

ސިޓީގެ ސްޓާލިން (ކ) ފޮނުވާލާ ބޯޅައެއް ވެސްޓް ބްރޮމް ކީޕަރު ޖޯންސްޓޯންސް މަތަކުރަނީ. -- ފޮޓޯ: އޭއެފްޕީ

ވެސްޓް ބްރޮމް އިން ސިޓީ ދަނޑުގައި މެޗު ފެށީ ވެސް ރަނގަޅު ރޫހެއްގަ އެވެ. މެޗުގެ ކުރީކޮޅުގައި ވެސްޓް ބްރޮމްގެ ފޯވާޑް ކާލަން ގްރާންޓަށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ސިޓީގެ ކީޕަރު އެޑަސަން ވަނީ މަތަކޮށްފަ އެވެ. ސިޓީ އަށް މެޗުގެ 30 ވަނަ މިނިޓްގައި ރަހީމް ސްޓާލިން ދިން ބޯޅައަކުން ލީޑުނަގައިދިނީ އިލްކާއި ގުންޑޮގާން އެވެ. ފުރަަތަމަ ހާފް ނިމުމުގެ ކުރިން ވެސްޓް ބްރޮމް އިން އެއްވަރުކުރީ ސިޓީގެ ރުބެން ޑިއާސް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ވެސްޓް ބްރޮމްގެ ސެމީ އަޖާއި ޖެހި ބޯޅަ މިސްރާބު ބަދަލުވީ ޑިއާސް ފައިގައި ޖެހިފައި ގޮހެވެ. ސިޓީ މޮޅުކޮށްދޭން ދެ ވަނަ ހާފްގައި އެ ޓީމުގެ ކުޅުންތެރިން ފޮނުވާލި ހަމަލާތައް ހުއްޓުވީ ވެސްޓް ބްރޮމްގެ ކީޕަރު ސޭމް ޖޯންސްޓޯންސް އެވެ.

މި މޮޅާ އެކު ސިޓީ ހަ ވަނަ އަށް ޖެހިލީ 12 މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ. ވެސްޓް ބްރޮމް 19 ވަނައިގައި އޮތީ 13 މެޗުން ހަތް ޕޮއިންޓާ އެކު އެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މެޗު ކޮންޓްރޯލް ކޮށްގެން ފުރުސަތު ތަނަވަސްކުރުމަކީ ހުރިހާ ކަމެއް ނޫން ކަމަށާއި ހުރިހާ ފަރަގެއް އޮތީ ނަތީޖާ ނެރުމުގެ މައްޗަށް ކަމަށެވެ. އަދި ލިބޭ ފުރުސަތުތަކާ ބަލައި ސިޓީ އަށް ލަނޑު ނުޖެހޭ މައްސަލަ އަކީ މިހާރު އޮތް ބޮޑު ކަންބޮޑުވުމެއް ކަަމަށް ގާޑިއޯލާ ބުންޏެވެ.

ރޭގެ މެޗުގައި ރަނގަޅު ނަތީޖާއެއް ނެރުނު ނަމަވެސް ވެސްޓް ބްރޮމްގެ ކޯޗު ކްރޮއޭޝިއާގެ ސްލަވެން ބިލިޗަށް އެ މަގާމުގައި ދެމިނުހުރެވޭނެ ކަމަށް އިނގިރޭސި މީޑިއާ އިން ވަނީ ރިޕޯޓްކޮށްފަ އެވެ. ބިލިޗް ބުނީ އެ ކްލަބްގެ ބޯޑުގެ ކޮންމެ ނިންމުމަކަށް ވެސް އިހުތިރާމްކުރާނެ ކަމަށާއި އުއްމީދަކީ އެ ޓީމުގައި މަޑުކުރެވޭނެ ގޮތްވުން ކަަމަށެވެ.