Roadha Mihaaru
ޔުވެންޓަސް އިން އޮޒިލް ބޭނުމެއް ނުވި

ޔުވެންޓަސް އިން އޮޒިލް ބޭނުމެއް ނުވި

28 ޑިސެމްބަރ 2020

ޓިއުރިން (ޑިސެމްބަރު 28) – އާސެނަލުން އެ ޓީމުގެ ޕްލޭމޭކަރު މެސުތު އޮޒިލް ލޯން އުސޫލުން ޔުވެންޓަސް އަށް ދޫކުރަން ހުށަހެޅި ނަމަވެސް އެ ޓީމުން އެކަމަށް ފުރަގަސްދީފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޓިއުރިން (ޑިސެމްބަރު 28) – އާސެނަލުން އެ ޓީމުގެ ޕްލޭމޭކަރު މެސުތު އޮޒިލް ލޯން އުސޫލުން ޔުވެންޓަސް އަށް ދޫކުރަން ހުށަހެޅި ނަމަވެސް އެ ޓީމުން އެކަމަށް ފުރަގަސްދީފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އާސެނަލުން އެ ޓީމުގެ ޕްރިމިއާ ލީގު ސްކޮޑާއި ޔުރޮޕާ ލީގުގެ ސްކޮޑުގައި އޮޒިލް ނުހިމަނަ އެވެ. އޭނާ އެ ޓީމަށް އެންމެ ފަހުން ވާދަވެރި މެޗެއް ކުޅެދިނީ މިދިޔަ މާޗު މަހު އެވެ.

އާސެނަލުން ވަނީ މި ސީޒަން ފެށުމުގެ ކުރިން އޮޒިލް ދޫކޮށްލަން މަސައްކަތްކޮށްފަ އެވެ. އެކަމަކު އޮޒިލް ބޭނުންވީ މި ސީޒަން ނިމުމުން ކޮންޓްރެކްޓް ހަމަވަންދެއް ކްލަބުގައި މަޑުކުރާށެވެ. ބެލެވޭ ގޮތުގައި އެއީ އޭނާ އަށް އާސެނަލުން ދޭ ވަރުގެ މުސާރައެއް ދޭނެ ޓީމެއް އެ ވަގުތު ނެތުމުންނެވެ.

އެހެންވެ އާސެނަލަށް އޭނާ އެންމެ އަވަހަށް ވެސް ރަސްމީކޮށް ދޫކޮށްލެވެން އޮންނާނީ ސީޒަން ނިމުމުންނެވެ. އެކަމަކު ބޭނުން ނުހިފާ ކުޅުންތެރިއަކަށް ބޮޑު މުސާރައެއްދީގެން ފަރުޖެއްސެން ނޯންނާނެތީވެ އާސެނަލުން ޔުވެންޓަސް އަށް ހުށަހެޅީ މުސާރައިގެ އެއްބައިދޭ ގޮތަށް އޭނާ ލޯން އުސޫލުން ގެންދާށެވެ. އެކަމަކު އެ ކްލަބުން އެ އޮފާގެ ބޭނުމެއް ނުހިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އާސެނަލްގެ ޑިރެކްޓަރުންނާއި އޮޒިލްގެ އޭޖެންޓް ވަނީ ޔުވެންޓަސްގެ އިތުރުން ޔޫރަޕުގެ އެހެން ބައެއް ކްލަބްތަކަށް ވެސް އޭނާ ހުށަހަޅާފަ އެވެ.

ލޯން އުސޫލުން ޖެނުއަރީ މަހު އޮޒިލް ދޫކޮށްނުލެވިއްޖެ ނަމަ އޭނާ ސީޒަން ނިމެންދެން ސްކޮޑުން ބާކީކޮށްފައި ބަހައްޓާނީ ކަމެއް ނުވަތަ ސްކޮޑަށް އިތުރުކުރާނީ ކަމެއް އަދި ނޭގެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޖެނުއަރީ މަހު ސްކޮޑަށް އޮޒިލް އިތުރުކުރުމާ މެދު ކުޅުންތެރިން ވަނީ ދެ ބަޔަކަށް ބެހިފަ އެވެ. އެގޮތުން އޭނާ ގެންނަން ސީނިއާ ކުޅުންތެރިންތަކެއް ބޭނުންވާ ކަމަށްވެ އެވެ.

ދާދި ފަހުން ޓީމުން ބާކީކުރި މައްސަލައިގައި އޮޒިލް ބުނީ އެނގިގެން ދިޔައީ ކްލަބަށް ވަފާތެރިވުމުގެ ފައިދާއެއް ނުލިބުނުކަން ކަމަށެވެ. އޮޒިލްގެ އެ ވާހަކަތަކަށް ޖަވާބުދެމުން އާޓެޓާ ބުނީ އޭނާ އަށް ވީ ވަރަކުން އޮޒިލަށް ފުރުސަތު ދިން ކަމަށެވެ.

"އަހަންނަށް ބުނެވޭނީ އަހަރެން އޭނާ އަށް ދެވެން އޮތް ހުރިހާ ފުރުސަތެއް ދިނިން. އަހަރެންގެ އަމިއްލަ ނިންމުމެއްގެ ވާހަކަ ދައްކާނަމަ ބުނެވޭނީ ވަރަށް ކެތްތެރިކަމާ އެކު އޮޒިލް އަށް ފުރުސަތު ދެމުން އައިސް އެންމެ ފަހުން އޭނާ ބާކީކުރަން ޖެހުނީ. އަހަރެން އޭނާއާ މެދު ބޭއިންސާފުން ކަމެއް ނުކުރަން،" އޮޒިލްއާ އެކު ކުރިން އާސެނަލަށް ކުޅުނު އާޓެޓާ ބުންޏެވެ.

ތުރުކީ އާއި ޔޫރަޕްގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އާސެނަލުން އޮޒިލް ބާކީކުރުމުގެ ފަހަތުގައި ފުޓްބޯޅައިގެ ބޭރުގެ ސަބަބުތަކެއް ވުމުގެ ތުހުމަތުކުރެވެ އެވެ. މިދިޔަ ޑިސެމްބަރު މަހު އޮޒިލް ވަނީ ޗައިނާ އިން އެ ގައުމުގެ ހުޅަނގު ސަރަހައްދުގެ ޒިންޖިއާންގައި މުސްލިމް މައިނޯރިޓީ އުއިގޫރް މީހުންނާ މެދު އަނިޔާވެރި އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޗައިނާ އަށާއި މުސްލިމް ގައުމުތައް ހަނުތިބޭތީ އެކަމަށް ވެސް ފާޑުކިޔައިފަ އެވެ. އެކަމުގައި އާސެނަލުން ވަނީ އޮޒިލް ކުރި ކަންތައް ކުށްވެރިކޮށް ބަޔާނެއް ވެސް ނެރެފަ އެވެ.

މިދިޔަ އޮގަސްޓް މަހު އޮޒިލް ވަނީ މީޑިއާގައި ދެއްކި ވާހަކައިގައި އުއިގޫރް ކަންތައްތަކުގައި އާސެނަލުން އޭނާ ދިފާއުކުރަން މަސައްކަތް ނުކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ. އޭނާ ބުނީ އެމެރިކާގެ ކަޅު ނަސްލު މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް މަރާލުމުން ބްލެކް ލައިވްސް މެޓާ ކެމްޕެއިން ހިންގުމުގައި އާސެނަލުން ސަޕޯޓް ދިން ގޮތަށް އުއިގޫރްގެ މުސްލިމުންގެ ދިފާއުގައި ވެސް ބަސް ބުނެވެންވާނެ ކަމަށެވެ.